ދުނިޔެ

ޝުކުރު އަދާކުރުމުގެ ދަތުރެއްގައި އަސަދު ރަޝިޔާއަށް

މޮސްކޯ (ރޮއިޓާސް) - ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު "ޝުކުރުގެ ޒިޔާރަތެއް" ގައ އިއްޔެ ރަޝިޔާއަށް ވަޑައިގެންފިއެވެ.

އަސަދުގެ ޒިޔާރަތުގެ ބޭނުމަކީ ރަޝިޔާއިން އައިއެސްއާއި ދެކޮޅަށް ވައިގެ ހަމަލާތައް ދޭންފަށާފައިވާތީ ރަޝިޔާގެ ރައީސްއަށް ޝުކުރު އަދާކުރުން ކަމަށް ވެއެވެ.

ސީރިޔާގެ ރައީސްގެ މި ދަތުރުގައި ތަފާތު ކަންތައްތަކެއް އެބަ ހުއްޓެވެ. މި ދަތުރުގެ އެއްވެސް މައުލޫމާތެއް ދަތުރުގެ ކުރިން ސީރިޔާއިން ވެސް އަދި ރަޝިޔާއިން ވެސް ހާމަކޮށްފައެއް ނުވެއެވެ. މި ދަތުރުގެ ވާހަކަ ސީރިޔާއިން ހާމަކުރީ މިއަދުއެވެ. އެކަމަކު މިހާރު ހުންނެވީ ރަޝިޔާގައި ކަމެއް ނުވަތަ އެނބުރި ސީރިޔާއަށް ވަޑައިގަންނަވައިފި ކަމެއް ހާމައެއް ނުކުރެއެވެ.

މިއީ 2011 ވަނަ އަހަރު ސީރިޔާގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން އަސަދު ގައުމުން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ގަބޫލުކުރެވެއެވެ.

ސީރިޔާގައި ކުރިއަށްދާ ހަނގުރާމައިގާ ކުރިއެރުން ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ދެގައުމުގެ ރައީސުން މަޝްވަރާކުރިކަމަށް ދެގައުމުގެ ސަރުކާރުންވެސް ބުންޏެވެ. މި މަޝްވަރާތަކަކީ އަބަދުވެސް ދެގައުމުން ކުރަމުންދާނެ މަޝްވަރާތައް ކަމަށް ގަބޫލު ކުރެވޭތީ މި ދަތުރުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ފަހުން ސީރިޔާގެ ހަނގުރާމަ އެކި ގޮތްގޮތަށް އެނބުރެމުން ދަނީ ބާރު ދުވެއްޔެއްގައެވެ. ރަޝިޔާއާއި އެމެރިކާވެސް ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކަށް އާދެވިފައި ވާތީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދެން މާ ގިނަ ދުވަހަކު ސީރިޔާގެ ބޮޑުބައެއް ހިފައިގެން ނުތިބެވޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރަޝިޔާއިން ސީރިޔާގައި އައިއެސްއަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ މަހުގެ ތިރީސް ވަނަ ދުވަހުއެވެ.