ދުނިޔެ

ޗައިނާ ސަފީރު މާދަމާ ސީރިއާއަށް ވަޑައިގަންނަވަނީ

ޗައިނާއިން މެދުއިރުމައްޗަށް ހަމަޖައްސާފައި ހުންނަވާ ސަފީރު، ޖައި ޖާން ހޮނިހިރު ދުވަހު -- 29 އޭޕްރީލްގައި، ސީރިއާއަށް ވަޑައިގަންނަވާނެ އެވެ. ސީރިއާގެ ފޮރިން މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ސީރިއާގެ ފޮރިން މިނިސްޓަރު ފައިސަލް މަދުޚަލީ ވިދާޅުވި ގޮތުގައި ޗައިނާއާ އެކު އޮންނަ ރަސްމީ މަޝްވަރާތަކުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެހެންނަމަވެސް ދެ ގައުމުގެ ދެމެދުގައި ހުރި މަޝްވަރާތައް ނޫސްތަކަށް އަދި ތިލަވެފައެއް ނުވެ އެވެ.

ޗައިނާ ސަފީރުގެ މި ދަތުރަކީ މިދާކަށް ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯގައި އޮތް ޗައިނާ އާއި، ތުރުކީ، ސީރިއާ އަދި ރަޝިއާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމާ ގުޅިގެން ކުރައްވާ ދަތުރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަޒީރުގެ މި ދަތުރަކީ ސީރިއާގައި ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަޝްވަރާތަކުގެ ބުރެކެވެ.

ސީރިއާގައި 2011 އިން ފެށިގެން ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައަށް މަގުފަހިކުރުމަށް މި ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ޗައިނާގެ ދައުރު މެދުއިރުމަތީގައި ފުޅާކުރުމަށް އެ ގައުމުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މައިގަނޑު އަމާޒަކީ އިގުތިސާދާއި ސުލްހަ އެވެ. ޗައިނާ ދެކޭ ގޮތުގައި ސުލްހަ ދެމެހެއްޓިގެން ނޫން ގޮތަކަށް އިގުތިސާދު ކުރި ނޭރުވޭނެ އެވެ.

ޗައިނާއިން ވަނީ ސައޫދީ އަރަބިއްޔާ އާއި އީރާން އެއްގަލަކަށް އެރުވުމުގައި ކާމިޔާބު ހޯދާފަ އެވެ.

ބައިނަލްއަގްވާމީ މަސްރަހުގައި ހުރި ފުށުއެރުންތައް އިސްލާހުކުރުމަށް ޗައިނާއިން ދަނީ ކަރުދާސް ތައްޔާރުކުރަމުންނެވެ. މީގެތެރޭގައި ރަޝިއާ-ޔުކްރޭން ސުލްހަކުރުމާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ޗައިނާއަށް އޮތް އިތުބާރު ތާޒާކުރުން ހިމެނެ އެވެ.