މަސްވެރިންނަށް ދިމާވެފައިވާ އެކި ދަތިތައް ހައްލު ކުރުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށް ކޯލިޝަންގެ އެއް ލީޑަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅު ކުރަމުންދާ ވަގުތެއްގައެވެ. އިއްޔެ އަކީ މަސްވެރިންގެ ދުވަހެވެ. އިއްޔެގެ މުނާސަބަތާއި ގުޅުވައި ކަންނެލި މަސްވެރިންގެ ތަމްސީލް ކުރަން ވަކާލާތު ކުރާނެ ޔޫނިއަނެއްވެސް ވަނީ އުފައްދާފައެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނަމުގައި މި ޔޫނިއަން އުފެއްދުމަށް ކަނޑުމަތީ ބޭއްވި އިވެންޓެއްގައި ސަތޭކައެއްހާ މަސް ދޯނި ބައިވެރިވިއެވެ. އަދި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ސަރުކާރުން އެ މީހުންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މަސްވެރިންނަށް ތަހުނިޔާ ފޮނުވާ ގާސިމް ވިދާޅުވީ ކޮވިޑް-19 ގެ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މަސްވެރިންނަށް ދިމާވެފައިވާ އެކި ދަތިތައް ހައްލު ކުރުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނަމުގައި އުފެއްދި ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސްވެރިން ވަނީ ސަރުކާރުތަކުން އަބަދުވެސް މަސްވެރިންނަށް ދައްކަނީ ހުވަފެން ކަމަށާ މަސްވެރިންގެ ހައްގުގައި އެއްވެސް ކަމެއް ކޮށްނުދޭ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.