ވިދާހާ އެއްޗަކީ ރަނެއް ނޫނޭ ބުނެ އުޅެ އެވެ. އަހަރެމެން ކޮންމެ ދުވަހަކު ޓީވީ ހުޅުވާލާ އިންޑިޔާގެ އެކިއެކި ޗެނަލްތަކުން ދައްކާ ސިލްސިލާތައް ބަލަމުން ދާއިރު އެ ސިލްސިލާތަކުގައި ރީތި ހެދުން އަޅައިގެން ވަރުގެ ކޮޅަށް މޭކަޕްކޮށް ނަލަ ހެދިގެން ގަހަނާތަކުން މުޅި ހަށިގަނޑު ފުރާލައިގެން ތިބޭ މީހުން ފެނިފައި އެއީ ހާދަ މޮޅު އަދި ނަސީބު ގަދަ ބައެކޭ ހިތަށް އަރާނެ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ސިލްސިލާތަކުގައި އެ މީހުން ކުޅެނީ ކިތަންމެ ހިތްހަމަޖެހޭ ރޯލުތައް ނަމަވެސް އެމީހުންގެ ޒާތީ ދިރިއުޅުމުގައި އޭގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ ވަރަށް ވޭން ދެނިވި ދިރިއުޅުމެކެވެ.
މީގެ ތެރޭގައި ކައިވެނީގައި މައްސަލަތައް ޖެހި ފިރިމީހާގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޓީވީ ބަތަލާއިން ވަރަށް ގިނަ އެވެ. ބައެއް އެކްޓަރުން އެމީހުންނަށް ދިމާވަމުންދާ ގެވެށިއަނިޔާގެ މައްސަލަތައް ފޭނުންނާ ހިއްސާ ކޮށްފައި ވެސް ވެއެވެ.
އެގޮތުން "ކަސޯޓީ ޒަންދަގީ ކީ"ގެ ފުރަތަމަ ސީޒަންގައި ލީޑް ރޯލުކުޅުނު ބަތަލާ ޝްވޭތާ ތިވާރީ އާއި "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން"ގައި އަންޖަލީގެ ރޯލު ކުޅުނު ދިލްޖީތު ކޯރު ވެސް ވަނީ އެމީހުންނަށް ފިރިމީހާގެ ފަރާތުން ދިމާވި އަނިޔާތަކުގެ ވާހަކަތައް ކިޔައިދީފަ އެވެ.
ޝްވޭތާ ބުނެފައިވާ ގޮތުގައި ދެ މީހުންނާ މިހާތަނަށް ކައިވެނި ކުރީތީ ދެ މީހުންގެ ފަރާތުން ވެސް އޭނާއަށް ގެވެށިއަނިޔާގެ މައްސަލަތައް ކުރިމަތިވެފައި ވެއެވެ. ޝްވޭތާ ފުރަތަމަ ކައިވެނިކުރީ ރާޖާ ޗައުދަރީ ކިޔާ މީހަކާ އެވެ. އޭނާގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބުނު ކަމަށް ޝްވޭތާ ބުންޏެވެ.
ޝްވޭތާ ކިޔައިދިން ގޮތުގައި ޓީވީ ބަތަލާއެއްގެ ގޮތުގައި ޝްވޭތާ އަށް ލިބެމުންދިޔަ ލޯތްބާއި މަޝްހޫރުކަމަށް ރާޖާ ހަސަދަވެރިވީ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ޕާލަކް ތިވާރީއަށްޓަކައި ރާޖާ އާ ވަކިނުވާން ޝްވޭތާ ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަނިޔާތަކަށް ކެތް ނުވެގެން 2007 ގައި ވަރިވާން ކޯޓަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.
ރާޖާ ކައިރިން 2007 ގައި ވަރިވެ ޝްވޭތާ ދެން ކައިވެނިކުރީ ޓީވީ އެކްޓަރު އަބިނެވް ކޯލީ އާއެވެ. އަބިނެވް އާއި ޝްވޭތާ އަށް ފިރިހެން ދަރިއަކު ލިބިފައި ވެއެވެ. މި ކައިވެންޏަށް ވެސް މާ ގިނަ ދުވަސްތަކެއް ނުވެ ފުރަތަމަ ފިރިމީހާ އަށް ވީ ގޮތަށް އަބިނެވް އަށް ވެސް ޝްވޭތާގެ މަޝްހޫރު ކަމުން އުނދަގޫވާން ފެށި އެވެ. އަދި ރާޖާ ގޮތަށް އޭނާވެސް އަނިޔާކުރަން ފެށުމުން އަބިނެވް އާ ވެސް ޝްވޭތާ މިހާރު ވަނީ ވަކިވެފަ އެވެ.
ޓީވީ ބަތަލާ ރަޝްމީ ދެސާއީ އަކީ ގެވެށިއަނިޔާގެ ޝީކާރައަކަށްވީ ބަތަލާއެކެވެ. ރަޝްމީ ކައިވެނި ކުރީ އޭނާގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ސިލްސިލާ "އުތުރަން"ގެ ބަތަލު ނަންދިޝް ސަންދޫ އާއެވެ. "އުތުރަން" ކުޅުނު ދުވަސްވަރު ދެ މީހުންގެ މެދުގައި ވަރުގަދަ ލޯތްބެއް އުފެދިގެންނެވެ. ނަމަވެސް ކައިވެންޏަށްފަހު ގެވެށިއަނިޔާގެ މައްސަލަ ބޮޑުވެ ޑިޕްރެޝަންގެ ޝީކާރައަށް ރަޝްމީ ވި ކަމަށް އޭނާ ބުންޏެވެ.
ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ރަޝްމީ ބުނީ ނަންދިޝްއަކީ ހީވެސް ނުކުރާހާ އަނިޔާކުރާ މީހެކެވެ. އޭނާގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ނަންދިޝް ކައިރިން އޭނާ ވަރިވީ މި ސަބަބާ ހުރެ އެވެ.
ޓީވީ ބަތަލާ ދިލްޖީތު ކޯރު އާއި ޝަލިން ބަނޮޓް ދިމާވީ ދެ މީހުން އެކުގައި ކުޅުނު "ކުލުވަދޫ"ގެ ސެޓުންނެވެ. ސޮނީ ޓީވީގެ މި ސިލްސިލާގައި ލީޑް ރޯލުކުޅެފައިވަނީ ޝަލީން އާއި ދިލްޖީތެވެ. މި ސިލްސިލާ ނިމުނުއިރު ދެ މީހުންނަށް ވަނީ ވަރަށް ގަދަޔަށް ލޯބިވެވިފަ އެވެ. އަދި 2009 ގައި ދެ މީހުން ކައިވެނި ކުރި އެވެ. ނަމަވެސް ކައިވެންޏަށް ފަސް އަހަރު ފަހުން ދިލްޖީތު ވަނީ ޝަލީން ކައިރިން ވަރިވެފަ އެވެ. ވަރިވިއިރު އެ ދެ މީހުންނަށް ފިރިހެން ދަރިއަކު ވެސް ލިބިފައި ވެއެވެ.
އީޓައިމްސް ޓީވީ އަށް ދީފައިވާ އިންޓަވިއު އެއްގައި ދިލްޖީތު ބުނި ގޮތުގައި ކައިވެނި ކުރީއްސުރެ ވެސް ޝަލީން އޭނާ އަށް އަނިޔާ ކުރަމުން ގެންދިޔަ އެވެ. ދިލްޖީތުގެ ބައްޕަގެ ކުރިމަތީގައި ވެސް އެއް ދުވަހު ޝަލީން އޭނާ ކޮއްޕާ ވައްޓާލި ކަމަށް ދިލްޖީތު ބުންޏެވެ. އަދި ކޮންމެ މަހަކުވެސް އޭނާއަށް ބޮޑު އަނިޔާއެއް ދެމުން ގެންދިޔަ ކަމަށް ދިލްޖީތު ބުނެފައި ވެއެވެ. އެންމެ ފަހުން އަނިޔާތަކަށް ކެތް ނުވެގެން ޝަލީން ކައިރިން ދިލްޖީތު ވަރިވީ އެވެ.
ޑިމްޕީ ގަންގޫލީ އާއި ރާހޫލް މަހާޖަން އަކީ "ބިގް ބޮސް" އެއްގެ ތަންކޮޅެއް ކުރީ ސީޒަން އެއްގެ ބައިވެރިންނެވެ. މި ޝޯ ކުރިޔަށް ދިޔަ ދުވަސްތަކުގައި ދެމީހުން ލޯބިވެ ޝޯ ނިމުނުފަހުން ކައިވެނިކުރީ އެވެ. ނަމަވެސ މާ ގިނަ ދުވަސްތަކެއް ނުވެ ޑިމްޕީ ވަނީ ރާހޫލް ކައިރިން ވަރިވެފަ އެވެ. ރާހޫލް އަކީ ވަރަށް އަނިޔާކުރާ މީހެއް ކަމަށް ބުނެފަ އެވެ.
ކުރިން ގިނަ ފިލްމުތަކެއް ކުޅެފައިވާ އަދި މި ފަހަކުން ވަރަށް ގިނައިން ޓީވީ ސިލްސިލާތަކުން ފެންނަމުންދާ ދީޕްޝިކާ ނާގްޕާލްގެ ވާހަކަ ވެސް ހަމަ ކުރީގައި ވާހަކަ ދެއްކި ތަރިންނެކޭ ދާދި އެއްގޮތެވެ. ދީޕްޝިކާ އަލަށް ކައިވެނިކުރީ ކައިޝަވް އަރޯރޯ ކިޔާ މީހަކާ އެވެ. އޭނާ އަނިޔާކުރާ ވަރުން ފުލުހުންނަށް ވެސް ވަރަށް ގިނައިން ދީޕްޝިކާ މައްސަލަ ހުށަހަޅަމުން ގެންދިޔަ އެވެ. އެންމެ ފަހުން އަނިޔާއަށް ކެތްނުވެގެން ކައިޝްވް ކައިރިން އޭނާ ވަރިވީ އެވެ.