ބޮލީވުޑް

ރިއަލިޓީ ޝޯތަކުގެ ޖަޖުންނަށް ސޯނޫ ނިގަމްގެ ފާޑުކިއުން

އިންޑިއާގެ ޓީވީ ޗެނަލްތަކުން ދައްކާ ތަފާތު ރިއަލިޓީ ޝޯތަކުގައި ފަނޑިޔާރުކަން ކުރާ މީހުން ޝޯގެ ބައިވެރިންނަށް ކުރަން އެކަށީގެން ނުވާ މިންވަރަށް ތައުރީފުކުރާ ކަމުގެ ޝަކުވާތައް މި ދުވަސްވަރު ވަރަށް ގިނަ އެވެ.

މިކަމެއް ފެށުނީ ސޮނީ ޓީވީގެ "އިންޑިއަން އައިޑަލް 12" އިންނެވެ. އެ ޝޯގެ ދެ އެޕިސޯޑެއްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި އަމީތު ކުމާރު ޝޯގައި ބައިވެރިވުމަށް ފަހު ދެއްކި ވާހަކަ ތަކަކުންނެވެ. އޭނާ ބުނީ ޝޯގެ ބައިވެރިންނަށް ފާޑުކިޔައި އެމީހުންގެ ހިތް މަރާ ނުލުމަށާއި އެމީހުންނަށް ވީހާވެސް ބޮޑަކަށް ތައުރީފު ކުރަން ޝޯ އިންތިޒާމްކުރާ ފަރާތުން އެދުނު ކަމަށެވެ.

އަމިތުގެ މި ވާހަކައާ ބައެއް ލަވަކިޔުންތެރިންނާއި މިއުޒިކް ޑައިރެކްޓަރުން އެއްބަސްވީ ނަމަވެސް މިކަމާ އެއްބަސް ނުވާ މީހުން ވެސް ތިބުމާއެކު މިއީ ވަރަށް ހޫނު ބަހުސަކަށް ވެގެން ދިޔަ އެވެ.

މިކަމާ ގުޅޭ ގޮތުން އެންމެ ފަހުން ވާހަކަ ދައްކާފައި ވަނީ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އެވެ. އިންޑިއަން އައިޑަލްގެ ހަތަރު ސީޒަނެއްގައި ސޯނޫ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވި އެވެ.

ސޯނޫ ބުނި ގޮތުގައި ޝޯގެ ބައިވެރިންނަށް އަބަދު ތައުރީފު ނުކޮށް އެމީހުންނަށް ހެދޭ ގޯސްތައް ކިޔައި ދިނުން މާ ރަނގަޅުވާނެ އެވެ. ޖަޖުން ވީހާވެސް ތެދުވެރިކަމާއެކު ކޮމެންޓު ކުރުމަށް އޭނާ އެދުނެވެ. ޝޯގެ ބައިވެރިންނަށް ގޯސްކޮށް ކިޔާ ތަންތަން ޖަޖުން ފާހަގަ ނުކުރާނަމަ އެމީހުންނަށް ޕާފޯމް ކުރެވުނީ ގޯސް ކޮށް ކަން ބައިވެރިންނަށް ނުވިސްނޭނެ ކަމަށް ވެސް ސޯނޫ ބުންޏެވެ.

މިހާރުގެ ގިނަ ރިއަލިޓީ ޝޯ ތަކުގައި ބައިވެރިންގެ ފެންވަރު ރަނގަޅު ކުރުމަށް ވުރެ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ގޯސްކަން ދައްކައިގެން އެމީހުންގެ ހަޔާތުގެ ހިތްދަތި ވާހަކަތައް ކިޔައި ދީގެން ބެލުންތެރިންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ކަމަށް ވެސް ސޯނޫ ބުންޏެވެ. އަދި މިއީ ޝޯ މާކެޓް ކުރުމުގެ އުކުޅެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

އިންޑިއަން އައިޑަލްގެ ފަހުގެ ސީޒަން ތަކުގައި ސޯނޫ ބައިވެރި ވެފައި ނުވަނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށް ވެސް ސޯނޫ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަޖްބޫރު ކުރުވައިގެން އޭނާ ލައްވާ ބައިވެރިންނަށް ތައުރީފުކުރުވަން އުޅޭނަމަ އޭނާ ކަނޑައެޅިގެން އެކަމާ ދެކޮޅު ހަދާނެ އެވެ. ގިނަ ރިއަލިޓީ ޝޯތަކުން އޭނާއަށް ޖާގަ ނުލިބެނީ އެހެންވެ ކަމަށް ވެސް ސޯނޫ ބުންޏެވެ.

ދާދި އަވަހަށް ފަށަން ހަމަޖެހިފައި ވަނީ ބެންގާލީ ޓެލެވިޒަން ޝޯ "ސުޕަ ސިންގަ ސީޒަން 3" ގައި ފަނޑިޔާރެއްގެ ގޮތުގައި ސޯނޫ ބައިވެރިވާން ވަނީ ހަމަޖެހިފަ އެވެ.