ވާހަކަ

ލޯބިން ބުނެލަން

(10 ޑިސެމްބަރ 2020 އާ ގުޅޭ)

"އައި އޭމް ސޮރީ، އަވަހަށް އަންނަން ބޭނުންވި... ސޮރީ މިހާ ލަހުން އާދެވުނީމަ، ސޮރީ ކެން ދަނީއޭ ބުނީމަ ވެސް ކަމެއްނުކޮށް އޮވެވުނީމަ... ޔޫ ހޭވް ނޯ އައިޑިއާ... ނުދާށޭ އަހަރެން ބުނިން، ހިފަހައްޓަން ބޭނުންވި، ކެން... ހުރިހާކަމެއް ރަނގަޅުކުރާނީ ކިހިނެއް؟ ޓެލް މީ... ބުނި ކޮންކަމެއް އަހަރެން ކުރާނަން." ކެންޒާގެ ހަށިގަނޑުގައި ލައިތު ދެއަތް ވަށާލިއެވެ. ލުއި ބޮސްދިނުމަކުން ކެންޒާގެ ކޮނޑުގައި ލައިތު ތުންފަތް ޖައްސާލިއެވެ.

"އަހަރެންގެ ކުށް..." ކެންޒާގެ އަޑު ހިނދުނަ ކަހަލައެވެ.

އެއަށްވުރެ އިތުރަށް ކެންޒާއަށް ވާހަކައެއް ނުދެއްކުނެވެ. އަރުތެރޭ އަޑު ތާށިވެފައިވާ ކަހަލައެވެ. ކުށްވެރިކަމުގެ އަނދިރި ކަނޑުގައި ފަތައިގަންނަން ކުރާހާ މަސައްކަތް ބޭކާރުވެ ފަހަރަކަށްވުރެ ފަހަރެއް އަޑިއަށް ކެންޒާ ގެބެމުންދާ ކަހަލައެވެ. އޭރު ކެންޒާގެ އެންމެ ކުދިކުދި ހަރަކާތްތަކަށް ވެސް ލައިތު ބަލަން އިނީ ނުހަނު ފަރުވާތެރިކަމާއެކުއެވެ. އެސްފިޔަތައް ހަރަކާތްކޮށްލައިފިނަމަ އެ ދެ ލޯ ލައިތަށް ބޭޒާރުވެދާނޭތީ ކެންޒާ އުޅޭހެން ހީވެއެވެ. ދެތުންފަތް ދުރުކޮށްލާފައި ވެސް ބައްދާލަނީއެވެ. މަޑުމަޑު ތުރުތުރެއް އެ ތުންފަތުގައިވިއެވެ. ތިރީތުންފަތުގައި ދަތްއަޅާބާރުކޮށްލާތީ ފެނެއެވެ.

"ކެން... އަހަރެން ބުނިންތަ؟ އެންމެ ފަހަރަކުވެސް ބްލޭމްކުރިންތަ؟ ތިކުރެވޭ ގިލްޓީ ފީލްއަކީ އަހަރެންނަށް ވެސް ކުރެވޭ ފީލްއެއް، އަހަރެން ގިލްޓީވޭ... ވަރަށް ބޮޑަށްވޭ... ކެން."

ވާހަކަދައްކަމުން ދިޔަ ލައިތު، ވާހަކައިގެ ދޭތެރެއަކުން ކެންޒާގެ ގާތުގައި އިންކަމުގެ ހިލަންވެލައެވެ. ލުއިލުއި ފިރުމާލުމަކުން ނޫނީ ލުއި ބޮސްދިނުމަކުންނެވެ. އަދިވެސް ކުރިއެކޭ އެއްގޮތަށް ކެންޒާއަށް ލައިތު އެދޭކަން ބުނެދޭން އޭނާ މަސައްކަތްކުރިއެވެ. އެހެންވިޔަސް ލައިތުގެ ޟަމީރު ވެސް ޚުދު އޭނާއަށް ވިސްނައިދިނީ ކެންޒާއަށް ވަގުތު ބޭނުންވާނޭކަމެވެ. ލައިތުގެ ވާހަކަތަކަށް ކެންޒާ ރައްދެއްނުދެނީ އޭނާގެ އަތުގައި ދައްކާނޭ ވާހަކައެއްނެތީމަ ނޫންކަން ދެނެގަތެވެ. ކެންޒާ ކިޔާދީ ހާމަކުރަން ބޭނުންވިޔަސް އޭނާގެ ނަފްސު އެކަމަށް ތައްޔާރުނޫނީއެވެ. އިތުރަށް ސުވާލުކޮށް ޖަވާބު ހޯދަން މަސައްކަތްކުރުން ލައިތު ހުއްޓާލީއެވެ.

ކާއެއްޗެއް ކާން ކެންޒާ ބޭނުންނުވާތީ އެންމެން ވެސް ހައިރާންވިއެވެ. ބަނޑުހައި ވެގެން ކެންޒާ ނޫޅެއެވެ. ކޮޓަރީގައި ހުރި ފެންޖަގުން ފެންފޮދެއް ނޫނީ ބޯލާފައި ނެތެވެ. ފަރުޒީން އިންތިހާއަށް ކަންބޮޑުވެ އެވާހަކަ ނުދައްކައެއް ނުހުރެވުނެވެ. އޭނާ ހޮޓެލްގެ ރެސްޓޯރެންޓްއިން ސޫފެއް ތައްޔާރުކޮށްގެން ގެނުވިއެވެ. ލައިތު ގެނެސް ގާތުގައި ބައިންދައިގެން ފަރުޒީނު ވާހަކަދެއްކިއެވެ. ކެންޒާގެ ގާތުގައި އިނދެ ކެތްތެރިކަމާއެކު އޭނާއަށް އެ ސޫފުތަށިން އެތިފޮދެއް ދެވޭތޯ ބެލުމަށް ފަރުޒީނު އެދުނެވެ. ހޮސްޕިޓަލުން އޮރެންޖު ޖޫސްތަށްޓެއް ބޯލައިގެން ހުރި މީހާ، ބަނޑުހައިނުވެ ނުހުންނާނޭ ފަރުޒީނު ބުނީ ޔަގީންކަމާއެކުއެވެ. ހަމައެއާއެކު އޭނާގެ އަޑުގައި ރިހުންވިއެވެ. ކެންޒާގެ ހާލާމެދުއެވެ. ބަނޑުހައިހޫނުކަން އިޙްސާސްނުކުރެވޭ ދަރަޖައަށް އިންސާނަކު ހިނގައިދާނޭ ބުނާ އަޑު މަދުން ނަމަވެސް ފަރުޒީނު އަޑުއަހަނީއެވެ. މިއަދު ކެންޒާ ފެނުމުން އޭނާއަށް އެކަން ފެންނަން ވެސް ފެނިއްޖެއެވެ. އެމީހުންގެ ތެރޭގައި ހިނިތުންވެ އުޅުނު އަންހެންކުއްޖާ ހީވަނީ ހިނިތުންވުމަކީ ކޮބައިކަން ނުވެސް ދަންނަ މީހަކު ހެންނެވެ.

ލައިތުގެ ހިތްވަރު ސޫފުތަށިން ކެންޒާއަށް ބޮވުނީ ހަތަރު ސަމްސަލެވެ. ދެން އެއްގޮތަކަށް ވެސް ކުރިއަކަށް ނުދިޔައެވެ. އާދޭސް ކުރާ ފަދައަކުން ހެނދުނުން ސައިބޯނީ ކަމުގައި ކެންޒާ ބުނީތީ ލައިތު ހުއްޓާލީއެވެ. ކެންޒާ އޮށޯތުމުގެ ކުރިން ފާޚާނާއަށް ވަނީ ސޫފު ތަށި ހިފައިގެން ލައިތު ކޮޓަރިން ނުކުތީމައެވެ. ފާޚާނާގައި ހުއްޓައި ކޮޓަރިތެރެއިން ދެމީހަކު ވާހަކަދައްކާހެން ހީވެ ކެންޒާ މޫނުގައި ލޯ ފެންފޮދު ފުހެލައިގެން ނުކުތެވެ. އޭރު ޔާދިންއާއި ސެހްރާނު ވެގެން ކޮޓަރިއަށް ކައުޗްއެއް ވައްދައި ބަހައްޓަނީއެވެ. ލައިތު ހުރީ ބަހައްޓަންވީ ދިމާ ކިޔާދޭށެވެ. ކެންޒާ ފެނުމުން އެ ދެ ޒުވާނުން ވެސް ގޮވާލީ ހިނިތުންވުމަކާއެކުއެވެ.

އެނދުގައި ކެންޒާ އޮތްއިރު ކައުޗްގައި ލައިތު އޮތެވެ. ކަނާއަތް ފަރާތަށް ކެންޒާ އޮންނައިރު ލައިތު ފެންނާނޭ ހެންނެވެ. ނިދަނީއޭ ބުނިފަހުން ދެގަޑިއިރު ފާއިތުވެ ހިނގައްޖެއެވެ. ކޮޓަރީގައި ހުރި ފަނޑު އަލިކަމުގެ ތެރެއަށް ދެ މީހުންގެ ލޯ ހޭނިފައި ވިޔަސް ލައިތާ ދިމާއަށް އެޅިފައި ހުރި ހިޔަނިން އެ މޫނު ސާފުކޮށް ނުފެނެއެވެ. ކެންޒާ އެއްއަރިއަށް އޮވެއޮވެ އަނެއް އަރިއަށް އެނބުރިލައެވެ. ލޯ މަރާގައި އޮތީ ނިދާފައިކަން ލައިތަށް ދައްކާށެވެ. އެހެންނަމަވެސް ކެންޒާއަށް ނޭނގުނީ އޭނާ ހާމަކުރުމަކާނުލާ ވެސް ލައިތަށް ހަޤީޤަތް ފެންނަމުންދާ ކަމެވެ. ކެންޒާ އޮތީ ނުނިދާކަން ލައިތަށް އެނގެއެވެ.

ލޯ މެރުނީ ކޮންއިރަކުކަމެއް ލައިތަށް ނޭނގެއެވެ. ހަށިގަނޑަށް ވަރުބަލިކަމެއް ނުލިބުނަސް ސިކުނޑިވީ ލޮޑުކަމެއްގެ ތެރޭގައެވެ. ފިކުރުތަކަށް ނިމެއްނެތީމައެވެ. ލޯ ހުޅުވުނު ހިނދު އެންމެ ފުރަތަމަ ވެސް ހޯދާލެވުނީ އެނދެވެ. އެތާ ކެންޒާއެއް ނެތެވެ. ކައްޓެއްހެން ކޮޅަށް ޖެހުމާއެކު ހަލުވިކޮށް އައިސް ފާޚާނާ ދޮރުގައި ލައިތު ހިފާލިއެވެ. ކޮޓަރީގައި ނެތްކަން އެނގުމުން އޭނާއަށް ނުކުމެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ.

ބެލްކަންޏަށް ނުކުންނަން ހުރި ބޮޑެތި ދޮރުތައް ހުޅުވާލެވިފައިވާއިރު، ވިހުރިލި ތުނި ފަރުދާއާ މައްލަވަކުރަމުން އައި ފިނިފިނި ވައިރޯޅީގެ ބީހުން ލައިތަށް ހިލަން ކުރުވިއެވެ. އެދިމާއަށް އޭނާ އަވަހަށް އެނބުރިލިއެވެ. ފިޔަވަޅު އަވަސްކޮށްލާފައި ވަކި ހިސާބަކުން މަޑުޖެހިއްޖެއެވެ. ފަރުޒީނާއެކު މޭޒުދޮށުގައި ކެންޒާ އިންތަން ލައިތަށް ފެނުނީއެވެ. މޭޒުމަތީ ހުރި ތަށިތަކުން އެމީހުން ހެނދުނުގެ ނާސްތާކުރަނީކަން އެނގެއެވެ. ބެލްކަންޏަށް ނުކުމެގެން ހުރި ދިމާ ދޮރުކަނީގައި އަރިއަކަށް ޖެހިލައިގެން ޔާދިން ހުއްޓެވެ. އޭނާގެ އަތުގައި އޮތް ޖޯޑުން، ކޮފީ ބޮނީކަން ހެކިދެއެވެ. ކުއްލިއަކަށް ހިތަށް ވެރިވި ނުތަނަވަސްކަން އޮބި ލައިތުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަޑުހިނގުމުގައި އެތަނަށް އޭނާ އައުމާއެކު ހެނދުނު ސަލާމް ކެންޒާއާ ކުރުމަށް ލައިތު އަވަސްވެލިއެވެ. ލޮލުން ވިދުމެއް ފާޅުނުވިޔަސް ހިމޭންކަމުގެ ލުއި ހިނިތުންވުމެއް ކެންޒާ ބަދަލުކޮށްލިއެވެ. ފަރުޒީނާއި ޔާދިން ސަލާމް ގޮވާލީ އެކުއެކީއެވެ. ޖަގު އަރިކޮށްލައި ހެނދުނަށް ތައްޔާރުކޮށްފައި ހުރި ތާޒާ ކޮފީ ޖޯޑަކަށް އަޅަން ފަރުޒީނު އަވަސްވެލިއެވެ. އަދި އެ ޖޯޑު ނަގައި ލައިތަށް ދިއްކޮށްލިއެވެ.

ދުވަހަށް ރޭވިފައި ހުރި ކަންކަން ލައިތު ހާމަކުރީ ކެންޒާގެ ކުރިމަތީއެވެ. ބާޒާރުކުރަން ކެންޒާ ގޮވައިގެންދާން ފަރުޒީނު ހުރީ ކެތްމަދުވެފައެވެ. ވިޔަފާރިކުރާނޭ ތަންތަން ވެސް އޭނާ ކަނޑައެޅިއެވެ. އެމީހުންނާ ބައިވެރިވާން ސެހްރާނު އައިއިރު އޭނާ ވެސް އެ އައީ އެނދުން ފުއްމާލި ގޮތަށް ކަހަލައެވެ. ކެންޒާގެ ނަޒަރު ލައިތާ ވަކިނުވެއެވެ. ފޮނިފޮނި ހަނދާންތަކެއް ކަމުގައި ރައްކާކުރި އެ ހަނދާންތައް އާވުމުން އުފާވެރިކަމަށްވުރެ އޭނާގެ ހިތް ބިރުގަންނަނީއެވެ. އުފާވާން ބިރުގަނެފައިވާ މީހަކު ފަދައިންނެވެ. ކުއްލިއަކަށް އަނެއްކާވެސް ލައިތާ ވަކިވެދާނެކަމުގެ ބިރު އެ ނަފްސުގައި ވަކިހިއްޕާލައިފަވެއެވެ.

ކައިވެނީގެ ވާހަކަ ލައިތު ދެއްކުމުން ހިނދުކޮޅެއްގެ ހިމޭންކަމެއް ވެރިވިއެވެ. ނަމަވެސް އެ ހިމޭންކަން ނައްތާލުމަށް ސެހްރާނާއި ޔާދިން އަވަސްވިއެވެ. އެ ޚިޔާލު ވަރަށް ރަނގަޅުކަމުގައި ބުނެ ތާޢީދުކުރިއެވެ. ފަރުޒީނު ކަންބޮޑުވީ އެންމެން ސަބަބަކާ ހުރެއެވެ. ކައިވެންޏަކީ ޢާއިލާގެ އެންމެން ތިބެންވާނެ ޚާއްޞަ ޙަފުލާއެކެވެ. އަނެއްކޮޅުން އެ ޢާއިލާ އެ ދެޒުވާނުންގެ ގުޅުމާމެދު ނުހަނު ރުހެއެވެ. އެހެންވިޔަސް ހިތުގައިވި އުދާސްތައް ފަރުޒީނު ހާމަނުކުރީ ކެންޒާއަށް ޓަކައެވެ. އޭގެ ބަދަލުގައި ކެންޒާގެ އަތުގައި ހިފާލީ ނުހަނު ލޯބިންނެވެ. ދެއަތުގެ ތެރޭ ހިފަހައްޓާލުމާއެކު ކެންޒާގެ އަތްތިލައިގަ ފަރުޒީނު ފިރުމާލިއެވެ. ކައިވެނީގެ ހަދިޔާއަކަށް އެދޭށޭ ފަރުޒީނު ބުނެލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. އަދި ސެހްރާނާއި ޔާދިން ދައްކާލައި އެއިން ކޮންމެ މީހެއްގެ އަތުން ވެސް ހަދިޔާ އަތުލައްޗޭ ފަރުޒީނު ބުނީ ހެމުންނެވެ.

* * * * *

އެއް މޯލްއިން އަނެއްމޯލްއާއި މަޝްހޫރު ބްރޭންޑްތަކުގެ ފިހާރަތައް ބެލުމުގައި ފަރުޒީނު އުޅުނީ ކެންޒާގެ އަތުގައި ހިފާލައިގެންނެވެ. ފިހާރަތަކަށް ވަދެވުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ ސްޓާފުން ގާތު ފަރުޒީނު ބުނެލަނީ އަންހެން ދަރިފުޅަށް މިވެނި އެއްޗެއް، އެވެނި އެއްޗެއް ބޭނުންވެގެން އައިކަމެވެ. އޭނާއަށް ހެޔޮވަރުވާނެ ސައިޒުން ހެދުން ދެއްކުމަށެވެ. އެ ހުރިހާކަމެއްގެ ތެރެއިން ފަރުޒީނު އެންމެ އިސްކަމެއްދިނީ ކެންޒާއަށް ކަމުދާ އެއްޗެހި ނެގުމަށެވެ. އަމިއްލަ ގޮތް އިސްކުރުމަށްވުރެ ކެންޒާއަށް ލަފާދޭ މީހަކަށް ފަރުޒީނު ވިއެވެ. އެމީހުންގެ ހަށިފާރަވެރިއެއްހެން ދުރަށް ނުގޮސް ތޯމަސް އުޅެއެވެ. އޭނާއާއެކު ދެ މީހަކު އެހީވާން އުޅެއެވެ. އެ ދެމީހުންގެ މަސައްކަތަކަށްވީ ބާޒާރު ކޮތަޅުތައް ހިފުމެވެ. ލައިތާއެކު ޔާދިންއާއި ސެހްރާނު ދިޔައީ ކައިވެނީގެ ކަންކަން ހަމަޖެއްސުމަށެވެ. އެމީހުންނާއެކު ތޯމަސް ޚިޔާރުކުރި، ކުންފުނިން އޭނާ އެންމެ އިތުބާރުކުރާ އޮފިސަރު ފޮނުވިއެވެ. ތޯމަސްއާ ދުވަހުގެ ކަންކަން ރޭވިފައިވާ ޚިއްސާކުރިއިރު، އޭނާގެ ވާހަކައިން މިފްރާހަށް އިތުބާރު ނުކުރާކަން ދޭހަވެއެވެ. ލައިތުމެން އެކަނި ނުދިއުމަށް އޭނާ ބާރުއެޅީ އެހެންވެއެވެ.

އެންމެފަހުގެ ކަމަކަށް ފަރުޒީނު އައީ ކެންޒާއަށް ކައިވެނި ހެދުން ބަލާށެވެ. ކަމުދާ ހެދުން ފެނުމުން އެ ކެންޒާއަށް ހެޔޮވަރުކޮށް، ބަދަލުތައް ގެންނަން ދުވަސް ބޭނުންވާނެތީވެ އެއްދުވަހުން ހުރިހާކަމެއް ނިންމާލަން ފަރުޒީނު ބޭނުންވީއެވެ. ކައިވެނި ކުރެވެން އޮތްގޮތަކުން ވީއެންމެ އަވަހަކަށް ލައިތު ކައިވެނި ހަމަޖައްސާނެކަމީ ފަރުޒީނަށް ޔަގީންވާ ކަމަކީއެވެ. ބޮޑު ޙަފުލާއެއްނެތި ކައިވެނި ކުރެވުނަސް، ކައިވެނި ހެދުމެއްގަ ނޫންގޮތަކަށް ކެންޒާ ހުންނާކަށް ފަރުޒީނު ނޭދެއެވެ.

ހަތަރު ހެދުން ލީ ފަހުން، ފަރުޒީނުގެ ސުވާލަށް ކެންޒާ ބޯޖަހާލިއެވެ. ކޮންމެ ހެދުމެއް ދައްކާލަން ކެންޒާ ނުކުންނައިރަށް ކަމުދޭތޯ ފަރުޒީނު އަހާލައެވެ. އެންމެފަހުން ކެންޒާ އަޅައިގެން ނުކުތް ހުދުކުލައިގެ ކައިވެނި ހެދުން ވަރަށް ސާދާއެވެ. އޭނާއަށް އެ ހެދުން ކަމުދިޔައީ އެހެންވެކަމުގައި ފަރުޒީނު ދުށްޓެވެ. ޚުދު އޭނާއަށް ވެސް އެ ހެދުމުގައި ކެންޒާ ފެނުމުން، ޚާއްޞަ ރީތިކަމެއް ފާހަގަވިއެވެ. ދިގުއަތުގެ ކޮނޑުން ފެށިގެން ތަންކޮޅަކަށް އެމްބްރޮއިޑަރީ ލޭސްކޮޅެއް އަޅާފައިވުން ފިޔަވާ، ސުރެންސުރެން އެއްވެސް ޑިޒައިނެއް ހެދުމުގައި ނުވެއެވެ. ބައްޓަމަށް ބަލާއިރު ހެދުން ފަހާފައިވަނީ "މާމެއިޑް" ބައްޓަމެވެ. ކަކުލާ ހަމައިން ފަހަތަށް ފުޅާވާނޭހެން މެދުމިނުގެ ބައެއް ސޮހިފައި އޮތެވެ. ހަށިގަނޑު ހިމަވެފައިވުމުން އިހު ފެންނަ ގޮތާއި ކެންޒާ މާބޮޑަށް ވެސް ތަފާތެވެ. އެހެންވެ އިސްކޮޅުން ކުރިއަށްވުރެ ދިގުކަމަށް ދައްކައެވެ.

ކެންޒާގެ މޫނުން ފެންނަ ވަރުބަލިކަމަކީ އޭނާ ނުނިދާ ހުރުމުގެ ސަބަބުން ފެންނަ ލޮޑުކަމެއްކަން ފަރުޒީނު ނުދެނަހުއްޓެވެ. ކާރަށް އަރައި ހަމަޖެހިލި ހިނދު ތޯމަސް ގެނައި ކޮތަޅު ފަރުޒީނަށް ދިއްކޮށްލިއެވެ. ތޯމަސްއަށް ވަގުތުން ޝުކުރު އަދާކޮށްފައި އޭގެ ތެރެއިން ނެގި ޖޫސް ދެ ތަށިން އެއްތަށި ކެންޒާއަށް ފަރުޒީނު ދިއްކޮށްލިއެވެ. ކެންޒާ ތަށީގައި ހިފާލައި އެއަށް ޖަހާފައި ހުރި ހޮޅިން އެތިފޮދެއް ބޯލިއެވެ. ފަރުޒީނު ފޯނު ނަގައި ޖޫސްތަށި ބުއިމުގައި އިނދެވުނެވެ. އޭނާ ވެސް އިނީ ވަރުބަލިވެފައެވެ. ޖޫސްތަށި ހުސްކޮށްލައިގެން ކެންޒާއާ ވާހަކަދައްކާލާނީ ކަމުގައި ފަރުޒީނަށް ފެނުނީއެވެ. ވެރިވި ހިމޭންކަމުގެ ތެރެއިން ދޮރުފަތުގެ ބިއްލޫރިގަނޑުގައި ބޯޖައްސާލައިގެން އިން ކެންޒާއަށް ލޯމެރުނުކަމެއް ނޭނގެއެވެ. ފަރުޒީނާއި ތޯމަސްގެ ސަމާލުކަން އަތުލީ ކެންޒާ ކުކުރާއަޑަށެވެ. ކަމަކާ އުނދަގޫވެގެން އުޅޭ މީހަކު ފަދައެވެ. އަވަސްއަވަހަށް ކެންޒާއަށް ސަމާލުވެވި، އޭނާގެ ކޮނޑުގައި ފަރުޒީނު އަތްޖައްސާލީ ގޮވާލާށެވެ. ނަމަވެސް އޭނާގެ ގައިގާ ފަރުޒީނު އަތްލުމާއެކު ކެންޒާ އަތްދަމާލީ މީހަކު ކޮށްޕާލަން ބޭނުންވާ ފަދައިންނެވެ. ލޯހުޅުވާލެވުނީ ކޮށްލެވުނު އަވަސް ހަރަކާތަށްފަހުއެވެ. ސިހުމާއެކު ފުންމައިގަނެވުނީތީ ޖޫސްތަށި ކެންޒާގެ އުނގަށާއި ފަރުޒީނުގެ ފަޔަށް ބަންޑުންވީއެވެ. ކެންޒާއަށް ނިދުނީކަން އެނގުމުން އޭނާ ކަންތައްބޮޑުވިއެވެ. ނިދިޖެހުމުން ނުބައި ހުވަފެންތައް އޭނާ ވަށާލާކަމީ އޭނާ ނިދަން ބިރުގަންނަ ސަބަބެވެ. އިޙްސާސްކުރެވޭ ކޮންމެ ވޭނަކީ އޭނާ ހޭލާހުރެ ތަޙައްމުލުކުރި ތަދުތަކެވެ.

"ސޮރީ... ސޮރީ..." ކެންޒާ ކަންބޮޑުވެ ހާސްވީވަރު ފެނުމާއެކު ފަރުޒީނު ވަގުތުން އޭނާ ގެނެސް ގާތްކޮށްލިއެވެ. ބުރަކަށީގައި ފިރުމަންފެށީ ކެންޒާއަށް "ޕެނިކް އެޓޭކެއް" އަތުވެދާނޭކަމަށް ފަރުޒީނު ޖެހިލުންވީވަރުންނެވެ. އެވަރުކަމެއްނޫންކަމުގައި ކެންޒާ ގާތު ހަމަޖެހެން ފަރުޒީނު ބުންޏެވެ. މަންޒިލާ ހަމައަށް ފޯރަންދެން ދަތުރުގެ ބާކީ އޮތްބައިގަ ފަރުޒީނު އިނީ ކެންޒާއާ އެކިއެކި ވާހަކަދެއްކުމުގައެވެ. ބަސްމަދުވެފައި އިންނަ ކެންޒާގެ ފަރާތުން ގިނަ ވާހަކަތަކެއް ނީވޭނެކަން އެނގޭތީ އެކަމަށް މާބޮޑު ފަރުވާލެއް ފަރުޒީނު ނުދެއެވެ. އެހެންވިޔަސް އޭނާ ކެންޒާގެ އަތުން ދޫކޮށެއް ނުލައެވެ.

* * * * *

އަސަދަށް ނޭނގި ކައިވެނި ކުރަން ފަރުޒީނަށް އެއްބަހެއް ނުވެވުނެވެ. ކަސްތޫރީއަށް އެނގިއްޖެއްޔާ ނައިހެއް ނުހުންނާނެއެވެ. ޢާއިލާގެ އެންމެންނާ ކެންޒާ ބައްދަލުވާން ތައްޔާރެއްނޫނޭ ލައިތު ބުނީ ކީއްވެކަން މިހާރު ފަރުޒީނަށް ވެސް ވިސްނެއެވެ. ގިނަދުވަހަށް ކެންޒާ އެހާލުގައި ވުމަށް ދޫކޮށްލުމަކީ ހެދޭނެ ގޯހެއްކަން ލައިތަށް ފަރުޒީނު ވިސްނައިދިނެވެ. އެކަމާ ވިދިގެން ލައިތު ބުނީ ކެންޒާގެ ހުރިހާކަމެއް އޭނާގެ އަތްމައްޗަށް ދޫކޮށްލުމަށެވެ. އިހަށް ކައިވެނިވިޔަ ދިނުމަށެވެ. އޭގެފަހުގައި ކެންޒާއާއި ލައިތުގެ ދެމެދުގައި އިތުރު މީހަކު ވަންނާނޭ ފުރުޞަތެއް ނޯންނާނެކަމެވެ. ކެންޒާއަށް ވެސް ލައިތު ހުރީ އޭނާއާއެކުގައިކަން އިޙްސާސްކުރެވި ޔަގީންކޮށްދިނުމަށް ބޭނުންވަނީ އެފަދައިންކަމެވެ.

ލައިތުގެ ގާތަށް ކެންޒާ އައިތާ ހަތަރު ދުވަސްވީއެވެ. އޭނާއަށް ނުނިދޭތީ ލައިތުގެ ގާތުން ހޮސްޕިޓަލަށް ދާން އެދުނެވެ. ކީއްކުރަންކަން ކެންޒާ ނުބުނާތީ ލައިތު ދާކަށް އެއްބަހެއްނުވިއެވެ. ކެންޒާއާ އޭނާ ވާހަކަދައްކަނީ ނުހަނު ކެތްތެރިކަމާއެކުއެވެ. އެހެންވިޔަސް ކެންޒާއަށް އަދިވެސް ކަންކަން ޔަގީންނުވާހެން ލައިތަށް ފާހަގަވިއެވެ. ނުފެނިހުރެ އޭނާގެ ގައިގާ މީހަކު އަތްލައިފިނަމަ ސިހެނީ ނުހަނު ބޮޑަށެވެ. ލައިތު ގައިގޯޅިވެދާނެތީ ކެންޒާ ޖެހިލުންވާކަން ވެސް ލައިތު ދެނަހުއްޓެވެ.

ނިދާ ބޭސް ކާކަން ކެންޒާ ބުނިއިރު ހީވީ އެއަށް އޭނާ ނުހަނު ބޭނުންޖެހިފައިވާ މީހަކު ހެންނެވެ. ލައިތަށް އެކަމާ އެއްގޮތަކަށް ވެސް އެއްބަހެއްނުވެވުނެވެ. ނިދާ ބޭހަށް އާދަވާންޖެހުނީ ކީއްވެކަން އެނގެން ލައިތު ބޭނުންވިޔެވެ. އެވާހަކަތައް ނުދެއްކިގެން އުޅެނިކޮށް ފަރުޒީނު އައިސް ދިނީ އަސަދު އަންނަން އުޅޭކަމުގެ ޚަބަރެވެ. އިތުރު މާޔޫސްކަމުން ކެންޒާގެ މޫނު މިލައިގެންދިޔަކަން ގައިމެވެ. ލައިތު ހޮސްޕިޓަލުގައި އޮތްއިރު އަސަދުގެ ނަޒަރުގައިވި ޝަކުވާ ކެންޒާ ހަނދާނެއްނުނެތެވެ. ނަމަވެސް ހިމޭންވެ އިނީ ހަޔާތުގެ ލަގަން ލައިތުގެ އަތަށް ދޫކޮށްލައިގެންނެވެ. އޭނާ ކޮށައިދޭ މަގުން ކުރިއަށްދާށެވެ.

* * * * *

ކައިވެނިކޮށްދޭ ގެއެއްގައި އެކަން ކުރުމަށްވުރެ ކައިވެނީގެ ކަންކަން ހަމަޖެއްސީ ހޮޓެލުގެ ކޮންފަރެންސް ރޫމުގައެވެ. ކައިވެނިކޮށްދޭ މީހުން ގެނައުމުގެ ހުރިހާކަމެއް އިންތިޒާމުކުރީ ވެސް ލައިތުމެން އަމިއްލައަށެވެ. ހެދުންލުމުގައި ކެންޒާ އެކަކުގެ އެހީތެރިކަމެއް ވެސް ޤަބޫލެއްނުކުރިއެވެ. ލައިތުގެ ބަދަލުގައި ކެންޒާ ގެންދަން އައީ ވެސް ފަރުޒީނެވެ. ކެންޒާ ރީތިކުރީ ވެސް ޚުދު ފަރުޒީނު އަމިއްލައަށެވެ.

ހެނދުނުގެ ވަގުތެވެ. އެގާރަޖަހާއިރަށް ގަޑި ހަމަޖެހިފައި އޮތްއިރު، ބަރާބަރު ގަޑިއަށް އެންމެން ހަމަވިއެވެ. އަސަދު އައީ ދަންވަރުކަމަށްވާތީ ކެންޒާއަށް އޭނާ ފެނުނީ އެ ޙަފުލާއިންނެވެ. ފިރިހެންދަރީންނާއިއެކު އޭނާ ހުއްޓެވެ. ކެންޒާގެ ގާތުގައި ތިބީ ފަރުޒީނާއި ސެހްރާނެވެ. ފެންނަ ބަޔަކަށް އެމީހުންނަކީ ކެންޒާގެ ޢާއިލާއެއް ހީވާނެކަން ޔަގީނެވެ. އިސްއޮބާލި ގޮތަށް ކެންޒާ އިސްއުފުލައެއްނުލައެވެ.

"ކައިވެނި ކުރެވެނީތަ؟ މީ ހުވަފެނަކަށްވެއްޖެއްޔާޔޯ... އޭރުއްސުރެ އަހަރެން ހޮސްޕިޓަލުގައި ހޭނާރާ އޮވެ ޑްރީމް ކުރަނީކަމަށް ވެދާނެތަ؟ މިފްރާހުގެ ޓްރިކްއެއްތަ؟ އިނދެވެން މިއުޅެނީ އޭނާއާތަ؟ ނޫން! ނޫން!... އެހެންވާނީ ކިހިނެއް؟ ކައިރީގަ އިނީ ލައިތު، އެއީ ހަމަ ލައިތު... މީ ހަޤީޤަތް... ޔެސް، މީ ހަޤީޤަތަށްވާނީ... އެވަރިތިންގް އިޒް ރިއަލް..." ކެންޒާގެ ހިތުގެ ހިނގުން އަވަސްވަމުންއައެވެ. އޭނާގެ ސިކުނޑިއަށް އެފަދަ ޚިޔާލުތަކެއްވަނީ ކިހިނެއްކަމެއް ވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. ނޭވާނުލާ އިނދެވުނުކަމެއް ވެސް ނުދެނަހުއްޓެވެ. އެންމެންގެ ނަޒަރު ހުއްޓުނުއިރު އެކަމެއް ވެސް ރޭކާނުލިއެވެ.

"ކެން... ކެން ލިސެން ޓު މީ... ބްރީތް..." ކެންޒާއަށް ގޮވަމުން އޭނާގެ ކޯތާފަތުގައި ލައިތު ދެއަތުން ހިފާލިއެވެ. ވާނުވާނޭނގިފައި އިންހެން ލަސްގޮތަކަށް އެންމެންނަށް ކެންޒާގެ ނަޒަރު ދަތުރުކޮށްލިއެވެ. މޭފިތޭހެން ކެންޒާއަށް ވެސް އިޙްސާސް ކުރެވެއެވެ. ނޭވާނުލާތީކަމެއް ދެނެގަންނާކަށް އޭނާއަށް ނޭނގުނެވެ. އޭނާގެ ތުންފަތުގައި ލައިތު އިނގިލި ޖައްސާލުމާއެކު އަނގަހުޅުވަން ބުނެލިއެވެ. ނޭވާލާންވީ ގޮތް އޭނާ ދައްކައިދިން އިރު ދުރުވެލި ކެންޒާގެ ދެތުންފަތުގެ ދޭތެރެއިން އޮކްސިޖެން އެތެރެއަށް ދެމިގަތީ ދެނެވެ. އޭނާ ނޭވާލީ ދެނެވެ. ނިތްކުރީގައި ވިދަމުންދިޔަ ދާތިކިތަކުގެ ފިނިކަން ކެންޒާއަށް އިޙްސާސްވީ ވެސް ދެނެވެ. ކައިވެނިކޮށްދޭ މީހުންނަށް ލައިތު ބޮލުން އިޝާރާތްކޮށްލީ ކުރިއަށް ގެންދިއުމަށެވެ.

އަނބި ޤަބޫލުކޮށް ކައިވެނީގެ ކަންކަން ނިމިއްޖެއެވެ. ކެންޒާގެ ނިތްކުރީގައި ބޮސްދީފައި "އަނބީމީހާއޭ" ލައިތު ގޮވާލިއެވެ. ނަމަވެސް އޭނާ އުންމީދުކުރި އަސަރުތަކެއް ކެންޒާގެ ފަރާތުން ނުފެނުނެވެ. އެމީހުންގެ ގާތުގައި ހުރި ޔާދިންއާއި ސެހްރާނަށް ވެސް އެމަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ.

* * * * *

ލައިތު ގަސްދުކުރީ ކެންޒާ ވަރުބަލިކޮށްލުމަށެވެ. އޭރުން އެ ވަރުބަލިކަމުގައި ކެންޒާއަށް ނިދޭނެކަން އުންމީދުކޮށްގެން ހުރެއެވެ. ކެންޒާ ގޮވައިގެން ހޮޓެލުން ބޭރަށް ނުކުތީ އެހެންވެއެވެ.

"އަހަރެން ހިޔެއްނުކުރަން އެކުއްޖާގެ ހާލު އެހާ ގޯސްވެދާނޭ." ފަރުޒީނާއެކު އެކަނިވުމުން އަސަދަށް ބުނެވުނެވެ. އެއާއެކު ފަރުޒީނަށް ހުރިހާ ޖަޒުބާތެއް ބޭރުކޮށްލެވުނެވެ. އޭނާގެ ނަޒަރުގައި މިފްރާހު މުޅިން ކެންޒާ ހަލާކުކޮށްލައިފިއެވެ. ޖިސްމާނީ އަނިޔާތަކެއް ހަށިގަނޑުން ފާޅުނުވިޔަސް ނަފްސާނީ ގޮތުން ކެންޒާ އެވަނީ ބަލިކަށިވެފައިކަން ފަރުޒީނު ފާހަގަކުރިއެވެ. އެހީތެރިވާނޭ މަދަދުގާރަކުނެތި އޭނާ އެކަނިމާއެކަނި ކުރިމަތިލީ ކަންކަން ހިތަށް ވެސް އަރުވަން ކުޅާދަނޫވާކަން ފަރުޒީނު ބުންޏެވެ. އަސަދަށް ދެފަރާތަށް ބޯހޫރާލެވުނީ ހިތަށް ލިބުނު ނުތަނަވަސްކަމަކުންނެވެ.

އިރުއޮއްސެނީ ރޭގަނޑު އަށެއްޖަހާފަހުންނެވެ. އެހެންވިޔަސް އިރުއޮއްސޭ މަންޒަރު ބަލާލެވޭނެ ރީތި މަންޒިލަކަށް ގެންގޮސްދޭން ތޯމަސްގެ ގާތުން ލައިތު އެދުނެވެ. އޭނާއަކީ އެ ގައުމުގެ މީހަކަށްވާއިރު، އެފަދަ ހިތްގައިމު ތަންތަން އެނގޭނެކަމުގައި ލައިތު ޤަބޫލުކުރިއެވެ. ތޯމަސް ބޯޖަހާލުމާއެކު އޭނާއާ ހަވާލުވި ޓާސްކު ފުރިހަމަކުރަން އަވަސްވެލިއެވެ.

ދުރުން އޮއްސެން އައި އިރުގެ ރަތުރަނުގެ ކުލަތަކުން ޖަރީވެފައިވާ އުދަރެސް ހާމަވެލިއެވެ. ކާރުން ފައިބައިގެން ލައިތުގެ ދެމަފިރިން އައެވެ. އެ މަންޒަރު ފެންނާނޭހެން މަޑުކޮށްލުމާއެކު ކެންޒާގެ އަތުގައި ހިފާލައި ގާތަށް ލައިތު ދަމާލައިފިއެވެ. ކުރިމަތީ ކެންޒާ ބަހައްޓައި، ފުރަގަހުން އޭނާގެ ގައިގާ ހިފަހައްޓާލަމުން ބޯއަރިކޮށް ކެންޒާގެ ކޯތާފަތުގައި ލައިތު ބޮސްދިނެވެ. ލޯބިވާކަން ބުނެލިއެވެ.

"ކެން، އިރުއޮއްސުމުން ދުވާލުގެ ވަގުތުތައް ނިމުނީ، އެކަމަކު އެއީ ރޭގަނޑުގެ ފެށުން... ކޮންމެ ނިމުމަކީ އާ ފެށުމަކަށް ލިބޭ ފުރުޞަތެއް، މީ އަހަރެމެން ވެސް އާ ދިރިއުޅުމަކާ ކުރިމަތިލާން މަސައްކަތް ފަށަންވީ ވަގުތު، އަހަރެންގެ އަނބިމީހާއާއެކު އުފާވެރި ދިރިއުޅުމެއް ބޭނުން، އަހަރެންގެ ނޭވާ ހިނގާހާ ހިނދަކު ކެންޒާއެކު އަބަދުވެސް ހުންނާނީ، ސޯ ޕްލީޒް... ލެޓް އިޓް އައުޓް... ލެޓް އެވްރިތިންގް އައުޓް... ޔޯ އެންގާ، ޔޯ ޓިއާޒް، އެވްރި އިމޯޝަން... ބޭބީ ޖަސްޓް ކްރައި... އިޓް ވިލް މޭކް ޔޫ ފީލް ލައިޓަރ އެންޑް ގިވް ޔޫ ކަރޭޖް، އަހަރެން އަޑު އަހާނަން، ހުރިހާ ވާހަކައެއް އަޑުއަހާނަން... ކެން ބުނެބާ އަހަރެން ކުރަންވީކަމެއް؟ އައި ވޯންޓް މައި ޕެންޑާ ބެކް... ޕްލީޒް... އައި ނީޑް ހާ." ކެންޒާގެ ބޮލުގައި މޫނު ޖައްސާލައިގެން ހުރެ ލައިތު ބުނެލިއެވެ. މަޑުމަޑުން ކެންޒާ އެނބުރިލި ގޮތަށް ލައިތުގެ މެދުހަށީގައި ދެއަތް ވަށާލައި ބައްދާލިއެވެ.

އެރޭ ލައިތު އުންމީދުކުރި ކަންތައް ކާމިޔާބުވިއެވެ. ނިދަން އެނދަށް އަރައި ކެންޒާ މާގިނައިރަކު ހޭލައެއް ނޯތެވެ. އަނބިމީހާގެ މޫނަށް ބަލަން އެތައް އިރަކު ލައިތު އޮތެވެ. އަތްލަން ބޭނުންވިޔަސް ކެންޒާގެ ނިދި ހަލާކުވެދާނެތީ ލައިތަށް ނުކެރުނީއެވެ.

"ކައިވެނީގެ ފުރަތަމަ ރޭ ނިމިގެންދާނީ މިހެން ދުރުގައި އޮވެ ހަމައެކަނި ބަލާލުމަކުންކަން ހިޔެއްނުކުރަން، އުންމީދުކުރިޔަސް... އެގޮތަށް ކަންތައްނުވާނޭކަން އެނގިއްޖެ، ކެން... އަހަރެން ޖަޖްކުރާނޭ ހީވަނީތަ؟ އެހެންވެތަ އެއްވެސް ކަމެއް ކިޔާނުދޭން ތިހުންނަނީ... އައި ހޭވް މިސްޑް ޔޫ ސޯ މަޗް، ތި ގާތްކަން އިޙްސާސްކޮށްލަން ލިބޭނީ ކޮންދުވަހަކުން؟ އެހާ ގިނަދުވަސް ނުނަގައްޗޭ، އަހަންނާ ވަކިވާން ދުވަހަކުވެސް ވިސްނައިގެން ނުވާނެ... ޕްލީޒް ގެޓް ބެޓާ، ސްމައިލް ފޯ މީ، ލާފް ވިތް މީ." ލައިތުގެ ހިތުން ވާހަކަދެއްކިއެވެ.

ގާތުން ގިސްލުމުގެ އަޑު އިވޭހެން ހީވެ ނިދީގެ ތެރެއިން ލައިތު ލޯ ހުޅުވާލިއެވެ. ހުއްޓާލުމަށް ކެންޒާ ބުނާތީ އެ އަޑަށް ލައިތު ސަމާލުވެލިއެވެ. އޭނާ ތެދުވެ ކެންޒާއަށް ބަލާލީ ކަމެއް ދެނެގަންނަ ފަދައަކުންނެވެ. ރަޖާގައި ބާރަށް ހިފަހައްޓަމުން ކެންޒާ ގިސްލަނީއެވެ. ލައިތުގެ މޭ ތޮރުފާލި ކަހަލައެވެ. ކަރުނުން ކެންޒާގެ ކޯތާފަތް ތެމެމުންދިޔައިރު ބަލިކަށި ގޮތަކަށް އޭނާ އާދޭސް ކުރަނީއެވެ. އެހެން ނުހަދާށޭ އެއްފަހަރު ބުނެލިއެވެ. އަނެއްފަހަރަށް މަރުވެދާނޭ ބުނެއެވެ. ތެދުވެޔޭ ބުނެލާ ކޮންމެ ފަހަރަކު ރަޖާގެ ތެރެއަށް މޫނުކޮށްޕާލައެވެ. ހިތް ހުއްޓެން އުޅެނީއޭ ލައިތަށް ހީވިއެވެ. ކެންޒާގެ މޫނުގައި ފިރުމަމުން ލައިތު ގޮވަންފެށިއެވެ. ހުވަފެނެކޭ ބުނެ ލޯހުޅުވަން ތަކުރާރުކޮށް ބުންޏެވެ. އެއަޑަށް ކެންޒާ ލޯ ހުޅުވާލިއެވެ. ލައިތު ފެނުމުން ބަލާލާފައި ލައިތުގެ މޫނުގައި އަތްތިލަ ޖައްސާލިއެވެ. ލައިތުތޯ ކެންޒާ އަހާލިއެވެ.

"ޔެސް... މީ އަހަންނޭ... އައި އޭމް ހިއާ... ކެންއާއެކު... އެއީ ހުވަފެނެކޭ." ކެންޒާ ހިއްލާލައި ބައްދާލަމުން ލައިތު ބުންޏެވެ.

"މިތަނުން ދާން ހިނގާ." ލައިތުގެ އަތުގެތެރެއިން ރައްކާތެރިކަން ލިބުނު ހިނދު ކެންޒާއަށް ބުނެވުނެވެ.

"ކޮންތާކަށް ދާން ބޭނުމީ." ލައިތު އަހާލިއެވެ.

"މިތަނުން ދާން ބޭނުމީ." ކެންޒާ ބުންޏެވެ.

"އޯކޭ... އޯކޭ..." ލައިތު އަވަސް އަވަހަށް ބުނެލިއެވެ. އޭނާ މާދަމާ މާލެދާން ދަތުރު ހަދާނެއެވެ.

(ނުނިމޭ)