ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެމީހުންގެ އަމިއްލަ ގައުމުން ބޭރު ކުރުމުގެ ތެރެއަށް އެހެން ގައުމަކުން ވަނުމަކީ ހައްލެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާތީ އެކަމާ އެ ގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދުމުން އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނިކޮށެވެ.
އެކަމާއި ގުޅިގެން އިލްމުވެރިންގެ މެދުގައި ވެސް ވަނީ ބޮޑު ބަހުސެއް ފެށިފަ އެވެ.
އޯއައިސީގެ އިސް މަގާމެއް ވެސް މީގެ ކުރިން ފުރުއްވި ޝަހީމް ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން އެ ގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން މުސްލިމުންނަށް ދޭން ޖެހޭނެ ކަމަށެވެ. އެއީ އިންސާނީ އަދި ދީނީ ހައްގެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އެ ގައުމުގެ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެމީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލުވުމަކީ ހައްލެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އަދި ހައްލަކީ އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތު ކުރުން ކަމަށް ވިދާޅުވިއެވެ.
ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީއަަތުގައިވާ ގޮތުގެ މަތިން ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަން ޖެހޭނެ. އެއީ އިންސާނީ އަދި ދީނީ ހައްގެއް. ލަންކާ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެމީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލުވުމަކީ ހައްލެއް ނޫން. ހައްލަކީ އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތު ކުރުންޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި، ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.