ވާހަކަ

ލޯބިން ބުނެލަން

(15 ޑިސެމްބަރ 2020 އާ ގުޅޭ)

މަޑުމަޑުން ކެންޒާގެ ގާތުން ތެދުވެގެން އައިސް ކޮޓަރީގައި ހުރި ގޮނޑީގައި ލައިތު އިށީނެވެ. ކެންޒާއަށް ބަލަން އިންއިރު އޭނާގެ ދެ ލޮލުން ކަރުނަ ފައިބަންފަށައިފިއެވެ. ހިމޭންކަމުގެ ތެރޭ އެކަނި އިނދެ އޭނާ ރުޔެވެ. ދެން ދެ ލޯ ފުހެލާފައި އައިސް އެނދަށް އަރައި އޮށޯވެލީ ކެންޒާ ގާތްކޮށްލައިގެންނެވެ. ކެންޒާގެ ބޮލުގައި ބޯޖައްސާލައިގެން އޮވެ ފުންނޭވާއަކާއެކު ދެ ލޯ މަރާލިއެވެ. އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަތިއްކެއް ލޮލުން ބޭރަށް ދެމިގަތެވެ. ބޯހިއްލާލައި ކެންޒާގެ ކަންފަތްކައިރިން ބޮލުގައި ލައިތު ބޮސްދީފައި ކަރުނަ ފުހެލިއެވެ. ނުބައި ހުވަފެންތައް ދުރުވެ ނިދީގެ އަރާމުކަން ކެންޒާއަށް ލިބުމަށް ލައިތުގެ ހިތާއި ޟަމީރު އެދެމުންދިޔައެވެ. އެ ނަފްސަށް ލިބިފައިވާ އަނިޔާގެ ހަނދާން ދުވަހަކުވެސް ކެންޒާގެ ހަނދާނުން ފިލައިގެން ނުދާނެކަން ލައިތަށް އެނގެއެވެ. އެހެންވިޔަސް ވަގުތާއި ޒަމާނާއެކު ހާލަތު ބަދަލުވާނެއެވެ. ޒަޚަމްތައް ފަސޭހަވާނެއެވެ. ތަދުތަކާއި ވޭނަށް އެ ނަފްސު ހޭނޭނެއެވެ. އޭރުން މިހާރު އެކުރެވޭ އުނދަގޫތަކެއް ނުހުންނާނެއެވެ. ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ހިތްވަރުދޭން ކެންޒާއާއެކު ލައިތު ހުންނާނެކަން ޚުދު ލައިތަށް އެނގެއެވެ.

އަނިޔާވެރިއަކު ޖެހި މަޅިން ސަލާމަތްނުވެވި ތެޅިފޮޅެމުން ދިޔަ ކެންޒާގެ ނަފްސަށް ފުރަތަމަ ފަހަރަށް ނިދީގެ މީރުކަން އިޙްސާސްވެއްޖެއެވެ. ހަފަރާތުން އޭނާގެ ގައިގާ އެލިފައިހުރި ބަރު ހިލިހިލާތަކުން ބައެއް ނެއްޓިއްޖެއެވެ. މަޑުމަޑުން ލޯ ހުޅުވާލެވުމާއެކު އޭނާގެ ކަނދުރާއަށް އެޅިއެޅި ހުރި ލައިތުގެ ނޭވާ އިޙްސާސް ވިއެވެ. އުނަގަނޑުމަތިން އަޅުވާލައިފަ އޮތް ލައިތުގެ އަތުގައި ކެންޒާ ހިފާލިއެވެ. ގަޔާ ބޮޑަށް ކައިރިކޮށްލިއެވެ. އެ ހަށިގަނޑުގެ ހޫނުކަން ލިބިގަންނަން ބޭނުންވެފައިވާ ފަދައަކުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ކެންޒާ އެނބުރިލީ ލައިތު ފެންނާނޭ ހެންނެވެ. އެ މޫނަށް ފަރުވާތެރިކަމާއެކު ކެންޒާ ބަލާލިއެވެ. ދެ މީހުން ބައްދަލުވީސުރެ ކެންޒާ ހުރީ ލައިތާ ކުރިމަތިލާން ނުކެރިފައެވެ. ލައިތުގެ ތުނިކޮށް ބަހައްޓާ ތުނބުޅިމަތިސް ދިގުވެފައި ހުރިކަން ކެންޒާއަށް ފާހަގަވިއެވެ. ލުއި ބީހުމެއް ފަދައިން ލައިތުގެ މޫނުގައި ކެންޒާ އަތްތިލަ ޖައްސާލިއެވެ.

"ތެންކިއު... ތިހާ ލޯބިވާތީ، އަހަރެން ވެސް ވަރަށް ލޯބިވޭ، ވަރަށް ފޮނި އުންމީދުތައް ކުރީން، ލޯބި ހުވަފެންތައް ދުށީން، އަހަރެމެން ދެ މީހުން އެކުއުޅޭނޭ ދުވަސްތަކުގެ... އިޓްސް ޓައިމް، ހުރިހާ ކަމަކާ ފޭސްކުރަންވީ ވަގުތުމީ، އެހެންނޫނީ ލައިތު ވެސް އަހަރެންނަށް ގެއްލިދާނެ، އަހަރެންގެ އެންމެފަހުގެ އުންމީދުތީ، ލައިތާއެކު ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން، ސޯ... ލެޓްސް ސްޓާޓް އަވާ ލައިފް، އާ ފެށުމަކުން." ލައިތުގެ ތުނބުޅީގައި މަޑުމަޑުން ފިރުމަމުން ދިޔައިރު ކެންޒާގެ ހިތް ބުނެލިއެވެ. މޫނު ކައިރިކޮށްލާފަ ވެސް ލައިތު ހޭލެފާނެތީ ކެންޒާ ދުރަށް ޖެހެންފެށިއެވެ. މަޑުމަޑުން ލައިތުގެ އަތް ހިއްލާލައި އެނދުން ކެންޒާ ތެދުވީއެވެ. އެނދުގައި އޮތް ލައިތަށް ބަލާލިއިރު އޭނާ ބާލީހުގައި ހިފާ ކައިރިކޮށްލުމާއެކު އިތުރަށް ހަމަޖެހިލީއެވެ.

ފެންވަރާލައިގެން ކެންޒާ ކޮޓަރިން ނުކުތްއިރު ވެސް ލައިތު އޮތީ ނިދާފައެވެ. މެންދުރުވަނީކަން ކެންޒާއަށް އެނގުނީ އެނދުއަރިމަތީ އޮތް ލައިތުގެ ފޯނުންނެވެ. ހުދުކުލައިގެ ކޮޓަން ފޮތީގެ ގަމީހާއެކު ނޫކުލައިގެ ޖިންސުގައި ހުރި ކެންޒާ ކޮޓަރިން ނުކުތީ ސިއްރު ފިޔަވަޅުތަކުގައެވެ. ހިތުގައި ކަމަކަށް އަޒުމް ކަނޑައަޅައިގެންނެވެ. އޭނާ މަޑު ހިނގުމުގައި އައިސް ހުއްޓިލީ އެލެވޭޓާގެ ކައިރީއެވެ. ހިތުގައިވާ އުދާސްތައް ލައިތުގެ ކުރިމަތީ ބޭރުކޮށްލެވުމުން އިތުރު ހިތްވަރެއް ކެންޒާއަށް ލިބިއްޖެއެވެ. ހުޅުވުނު އެލެވޭޓާ ތެރެއަށް ވަދެ އޭނާ ފިތްބަރިން ދާން ގަސްދުކުރި ފަންގިލާގެ ނަންބަރަށް އޮބާލިއެވެ. ނަފްސު ހިމޭންކުރުވުމަށް ފުންކޮށް ދެތިން ނޭވާލުމާއެކު މޭގައި ފިރުމާލިއެވެ.

އެޕާޓްމެންޓްގެ ބެލް އަޅާ އަޑަށް ދުވެފައި އައީ އިލިއާނާއެވެ. ދޮރުހުޅުވާލުމާއެކު އުފާވެރިކަމުގެ ޖޯޝު އެކުލެވިގެންވީ އަޑުން "ކެން"އޭ ގޮވާލައި ބައްދާލީ ކެންޒާގެ ގައިގައެވެ. ކެންޒާ ތިރިވެލުމާއެކު އެކުއްޖާގެ ގައިގާ ލޯބިން ބައްދާލިއެވެ. އެ ކުޑަކުޑަ ކުއްޖާއަކީ ލައިރާގެ ފުރާނަކަން އެންމެ ރަނގަޅަށް އެނގޭ މީހަކީ ކެންޒާއެވެ. އެ ޚިޔާލުތަކުން ކެންޒާގެ ލޮލަށް ބޮނޑިވެގަތް ކަރުނަތަށް އޭނާ ހިންދާލުމަށް ދެ ލޯ މަރާލިއެވެ. އެ ޚިޔާލުތައް ވެރިވާ ކޮންމެ ފަހަރަކު މޭ ފުނޑުފުނޑުވެދާނޭ ކެންޒާއަށް ހީވެއެވެ.

އިލިއާނާގެ ގައިން ކެންޒާ ދޫކޮށްލުމާއެކު އެކުއްޖާގެ އަނގަ ފެޅި ކަހަލައެވެ. އޭނާ ކެންޒާއާ ޚިއްޞާކުރަން އެދޭ އެތައް ވާހަކައެއް ހުރިކަން ދައްކަމުންދިޔަ ވާހަކަތަކުން އެނގެއެވެ. ފުރަތަމަ ވެސް ބުނީ ބައްޕަ އަތުވެއްޖެކަމެވެ. އިލިއާނާއާއި މަންމައާއެކު އެމީހުންގެ ތެރޭގައި ޒުބިން ދިރިއުޅޭކަން ކިޔާދިނެވެ. ކެންޒާ ފުރައިގެން ދިޔަ ވާހަކަ އެކުއްޖާދެއްކިއެވެ. އޭނާގެ ނަޒަރުގައި ކެންޒާ ޗުއްޓީއަށް ދިޔައީއެވެ. އެއްވެސް ކުއްޖެއް ގާތު ނުބުނެ ދިޔައީމަ މަންމަ ދެރަވެގެން އުޅުނުކަން އިލިއާނާ ބުންޏެވެ. އެންމެ ދެރަވީ ލައިތުކަން ބުންޏެވެ. ހޮސްޕިޓަލަށް ލައިތު ގެންދިޔަކަން އިލިޔާނާ ބުންޏެވެ. އެ ހުރިހާ ވާހަކައެއް ދައްކަމުން ކެންޒާގެ އަތުގައި ހިފައިގެން އެޕާޓްމެންޓްގެ ތެރެއަށް އިލިއާނާ ވަނެވެ. ސޯފާގައި ކެންޒާ ބޭންދުމަށްފަހު އިލިޔާނާގެ ވެސް ސޯފާއަށް އަރައި ހަމަޖެހިލިއެވެ. ބުޅާތައް ވަރަށް ބޮޑުވެއްޖެކަން ވެސް އިލިޔާނާ ކިޔާދިނެވެ. އިލިއާނާގެ ސުކޫލުގެ ދިރިއުޅުން ވެސް ކެންޒާއާ ޚިއްޞާކުރިއެވެ. ކެންޒާ ނެތުމުން އިލިއާނާއަށް ކަޕްކޭކް އަޅައިދިނުމާއި ނާސްތާގަޑިތަކުގައި ޝައުގުވެރިކުރުވާ ފަދަ ކަރެކްޓަރުތަކަށް ކާއެއްޗެހި އަތުރާދޭނޭ މީހަކުނެތްކަން ފާހަގަކުރިއެވެ. މަންމައަށް ކައްކަން ނޭނގޭކަން ބުނެލަމުން އިލިއާނާގެ މޫނަށް ވައްތަރުތަކެއް ޖައްސާލިއެވެ. އަދި ދެންފަހަރަކުން ކެންޒާ ދާނަމަ އިލިއާނާއާއި ލައިރާއާއި ލައިތު ގޮވައިގެން ދާން އެކުއްޖާ އެދުނެވެ. އެ ލިސްޓުގައި ޒުބިންގެ ނަން ނުހިމެނޭކަން އެނގުނު ހިނދު ބައްޕަ ވެސް ގެންދަންވާނޭކަން ބުނެލީ ނިކަން އަވަހަށެވެ.

ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިއިރު ބޭރުން އިލިއާނާ މީހަކާ ވާހަކަދައްކާ އަޑު ލައިރާއަށް އިވުނެވެ. ކުޅެން އުޅޭއިރު އަމިއްލައަށް ވާހަކަދެއްކުމަކީ އިލިއާނާގެ އާދައެކެވެ. އެފަދަ ވަގުތުގައި ވާހަކަދައްކާ ގޮތާއި ޚިލާފުވުމެއް ހުރިކަން ލައިރާއަށް ވިސްނުނެވެ. އޭނާ ކޮޓަރިން ނުކުމެގެން އައީ އެހެންވެއެވެ. ފިޔަވަޅު މަޑުޖެހުނީ އިލިއާނާއާއެކު ސޯފާގައި އިން ކެންޒާ ފެނުމުންނެވެ. ލުއި ހިނިތުންވުމަކާއެކު ލައިރާއަށް ގޮވާލެވުނެވެ. އެހިނދު ކެންޒާ ވެސް އިންތަނުން ތެދުވެއްޖެއެވެ.

"އެއްޗެއް ކައިފިންތަ؟ މިއަދު ސައިބޯން ވެސް ނާދޭ." ލައިރާ ނިކަން އަވަހަށް އަހާލިއެވެ. ކެންޒާގެ ދެ ލޮލުން އޭނާއަށް ފެނުނީ ތަފާތު ދިރުމެއްގެ ވިދުމެވެ. ވެރިވި ނުތަނަވަސްކަމުގެ އަސަރު އިސާހިތަކު ލައިރާގެ މޫނުން ފިލައިފިއެވެ. އޭނާ އައިސް ކެންޒާގެ އަތުގައި ހިފާލިއެވެ. ސޯފާގައި އިށީނީ ދެ މީހުން އެކީގައެވެ.

"ފަހުން... ޒުބިން އެބައުޅޭތަ؟" ކެންޒާ އަހާލިއެވެ.

"ބޭރުގަވީ، ކަމަކުތަ؟" ލައިރާއަށް އަހާލެވުނެވެ. ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ކަނާއަތްތިލައިގަ އޮތް ލައިރާގެ އަތަށް ބަލާލިއެވެ. ދެން އަނެއްއަތް ގެނެސް، ދެއަތުގެ ތެރޭ ލައިރާގެ އަތްތިލަ ހިފަހައްޓާލުމާއެކު ނަޒަރު ސީދާކޮށްލިއެވެ.

"ސޮރީ..." ކެންޒާ ބުންޏެވެ. ލައިރާ އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ދެން ވެސް ވާހަކަދެއްކީ ކެންޒާއެވެ.

އެންމެ ފުރަތަމަ މިފްރާހު ފެނުނު މީހަކީ ލައިރާއެވެ. ކެންޒާ ބަލާ އައި ރޭގަ އެ ގޭ ދޮރޯށި ކައިރީ ހުރި ޒުވާނަކީ ކެންޒާ ރައްޓެހިވެގެން އުޅޭ ކުއްޖާކަމުގައި ލައިރާ އޭރު ހީކުރިއެވެ. އެހެންވެ ކެންޒާ ވާހަކަ ފެށީ އެހިސާބުންނެވެ. މާލޭގެ އެންމެ ބޮޑު "ގޭންގު"ގެ ބޮޑުމީހަކީ މުބީންކަމާއި އޭނާއަކީ މިފްރާހުގެ އެއްބަނޑުއެއްބަފާ ބޭބެކަން ކެންޒާ ބުންޏެވެ. މިފްރާހުގެ ގޯނާ ފެށުނީ ކިހިނެއްކަން ކެންޒާ ކިޔާދިނެވެ. ޢާއިލާގެ ތެރެއަށް މިފްރާހު ވަން ގޮތާއި މަންމަގެ ރުހުން ހޯދުމަށް މިފްރާހު ކުރި މަސައްކަތް ވެސް ކެންޒާ ބުނެދިނެވެ. ވަގުތަކަށް ބަލަބަލާ ހުރެފައި ގުރޫޕު ފޮނުވައިގެން ކެންޒާ ގެއިން ނަގައިގަނެގެން ގެންދިޔުމަށްފަހު ކެންޒާއާ މެދު މިފްރާހު ކަންތައްކުރި ގޮތް ކިޔާދޭން އުނދަގޫވިޔަސް އެކަން ވެސް އޭނާ ކުރިއެވެ. އެވަރުން ވެސް މިފްރާހު ދޫނުކުރިކަމާއި، ލައިތާ އިންނަން އުޅޭކަން އެނގި، ލައިތުގެ ދުވަސް ދުއްވާލަން މުބީންއާއެކު ހުރިހާ ރޭވުމެއް ރޭވި މީހަކީ މިފްރާހުކަން ބުންޏެވެ. އަދި ސިއްރު ސިއްރެއްގެ ގޮތުގައި ނުބޭއްވުނީ މުބީން ދިން އިންޒާރުންކަން ކެންޒާ ހާމަކުރިއެވެ. ފުރައިގެން ދާން މަޖުބުރީ އެހިސާބުންކަން ބުންޏެވެ. ހޮސްޕިޓަލަށް އާދެވުނީ މިފްރާހު އެދުނު ކޮންމެ އެދުމަކަށް އެއްބަސްވީމައެވެ. އެތަނުގައި ވެސް ޝިކާރައަކަށް ފާރަލައިގެން އެނބުރޭ ވަލުކުއްތާތަކެއް ފަދައިން ކެންޒާގެ ކޮންމެ ހަރަކާތައް މިފްރާހުގެ މީހުން ބަލަބަލާ ތިބިކަން ބުންޏެވެ. ލައިތު މަރުގެ ތުންފަތްމަތީގައިވަނިކޮށް ލައިރާއާއި އިލިއާނާ ވަކިވެގެން ހިނގައްޖެނަމަ، އެއީ ދުވަހަކުވެސް އެ ޢާއިލާއިން އަރައިނުގަނެވޭނެ، އަދި ވަކިވެގެން ދިޔަ ފުރާނައިގެ ބަދަލުން ފޫނުބެއްދޭނޭވަރުގެ ހިތްދަތިކަމަކަށް ވާނެޔޭ ކެންޒާ ބުންޏެވެ. އޭނާއަށް އެކަން އެނގިހުރެ އެހެންވާން ދޫކޮށްލާނީ ކިހިނެއްތޯ ލައިރާއާ ސުވާލުކުރިއެވެ. ލައިރާއާއި އިލިއާނާ އެންމެ ގާތުން ރައްކާތެރިކުރެވޭނެ މީހަކީ ޒުބިންކަން ކެންޒާ ޤަބޫލުކުރާން ބުންޏެވެ. އެންމެންގެ ހާސްކަމާއި ކަންބޮޑުވުމުގައި ލައިތަށް ދެވިފައިވާ ސަމާލުކަން އިތުރުވެފައިވާ ވަގުތެއްގައި ލައިރާއާއި އިލިއާނާގެ ގާތުގައި މީހަކު ހުންނަން ޖެހޭނެކަން ކެންޒާ ބުންޏެވެ. ލައިރާއާ ހަމައަށް ޒުބިން ފޮނުވީ ކެންޒާއަށް އެވަގުތު ވިސްނުނު އެންމެ ރަނގަޅު ގޮތްވީމައެވެ.

ހުރިހާ ވާހަކައެއް ދައްކަމުންދިޔަ އިރު ކެންޒާ ދެ ލޮލުން ވެއްޓޭ ކަރުނަ ނިކަން އަވަހަށް ފުހެލައެވެ. ލައިރާގެ ހާލަކީ ވެސް އެއީއެވެ. ދެ ލޯ ފުރި ބަންޑުންވާއިރު ވެސް ދެ މީހުންކުރެ އެކަކުވެސް ރޯން ބޭނުންނުވާ ކަހަލައެވެ. ކެންޒާ ބޮލުގެ އެއްފަރާތުން ލައިރާ ފިރުމާލިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. ކެންޒާގެ ގައިގާ އޭނާ ބައްދާލިއެވެ. އެ ގާތްކަމަށް ދެ އަންހެންކުދީން ވެސް ބޭނުންވެފައިވާ ކަހަލައެވެ. ހިތުގެ ހަމަޖެހުމަށް ޓަކައެވެ. މަޑުން ކެންޒާއާ ދުރަށް ޖެހިލައި އެ ދެއަތުގައި ލައިރާ ހިފާލަމުން ބާރުކޮށްލިއެވެ.

"ޒުބިން އަމިއްލައަށް ކައިވެންޏަށް އެދުނީ... ރުޅި އެއްނާދޭ، ހުރިހާކަމެއް އެނގުމުން ދުރުގައި ހުރީ ދެ ދުވަސް، ތިންވަނަ ދުވަހު ގުޅާފަ ބުނެފި ކައިވެނި ކުރަން ހިނގާށޯ، ދިރިއުޅުމެއް ފަށަން އޭނާ ބޭނުމޯ، ހިޔެއްނުކުރަން ޒުބިންގެ ފަރާތުން އެކަހަލަ ވާހަކަތަކެއް އިވިދާނޭކަމަކަށް، ތެދަށް ބުނަންޏާ ކެން ނުބުނިނަމަ އަހަރެންނަށް ހުރިހާކަމެއް ކިޔާދޭނޭ ހިތްވަރެއް ނުލިބުނީސް، ޒުބިން އައިސް ސުވާލުކުރުމުން އެއްފަހަރު ވެސް އަހަރެން ކެންއަށް ބްލޭމެއްނުކުރަން، އެހެން ހިތަށް ވެސް ނާރާ، ކޮންމެވެސް ދުވަހަކުން އެނގޭނެކަން އެނގޭ، އަސްލު އޭނާއަށް އެނގެން ޖެހޭނެކަމެއް މީ، އިލީއަކީ އަހަރެމެން ދެ މީހުންގެ ދަރިއެއް، ސޯ، ޑޯންޓް ކްރައި... ޕްލީޒް... އަހަރެންގެ ދިރިއުޅުމަށް މިހާރު ބަލާބަލަ... ކުރީގެ އެކަނިވެރިކަން އަދިވެސް އެބަފެނޭތަ؟ މި ދިރިއުޅުން ވަރަށް އުފާވެރި، މީ އަހަރެން އަބަދުވެސް އެދެމުން އައި ދިރިއުޅުން... ޒުބިންއާއެކު، އިލީގެ ބައްޕައާއެކު، އަހަރެން އެންމެ ލޯބިވާ މީހާއާއެކު، މިހާރު ދިރިއުޅުން ފުރިހަމަވެއްޖެ، ޝުކުރިއްޔާއެއް ކެންއަށް ހައްޤު." ކަރުނައިގެ ތެރެއިން ވެސް ލައިރާ ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ.

"އައި ހޭވް މިސްޑް ޔޫ ސޯ މަޗް." ކެންޒާގެ އުޅަންބޮއްޓާ ހިސާބުގައި އަތްއަޅުވާލައިގެން ސޯފާގައި ލައިރާ ލެނގިލިއެވެ. ހިތްހަމަޖެހުމުގެ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. ދެން ބޯއަރިކޮށްލައި ޖެހިގެން އިން ކެންޒާގެ ގާތުން ލައިތު ކޮބާތޯ ލައިރާ އަހާލިއެވެ.

"ކީއްކުރަން އަހަރެން ހޯދަނީ؟" ދެ އަންހެންކުދީން ސިހުނީ ލައިތުގެ އަޑު އިވިފައެވެ. އަޅިކުލައިގެ ސްވެޓްޕޭންޓްސްގައި ހުރި ލައިތު އެމީހުން ފެންނަ ހިސާބަށް އަތުވެއްޖެއެވެ. ކޮނޑުކެނޑިއެއްގައި ހުރިއިރު ލައިތުގެ ދެއަތާއި މޭމަތިން ބޮޑުބައެއް އޮތީ ހާމައަށެވެ. އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވާއިރު އެނދުން ތެދުވީ ދެންމެ ކަހަލައެވެ.

ލައިތުގެ ނިދިފިލުވާލީ އެނދުގައި ކެންޒާ ނެތުމުން ވެރިވި ފަޅުކަމެވެ. ލައިރާގެ ގާތަށް އަންނަން ލައިތު ހިތަށް އެރީ އެގޭގައި ކެންޒާ ދާނޭ އިތުރުބައެއް ނުހުންނާނެތީއެވެ. އެމީހުންގެ ކުރިމައްޗަށް ނުކުތުމުގެ ބަދަލުގައި ލައިތު މަޑުކޮށްލީ، އެ އެޕާޓްމެންޓަށް ވަންއިރު ކެންޒާގެ އަޑު އިވިގެންނެވެ. އޭނާ ދައްކަމުންދިޔަ ވާހަކަތަކުން ބައެއް ލައިތު ވެސް އަޑުއެހިއެވެ. ކަންތައްތައް ހިނގާދިޔަ ގޮތް ލައިރާއަށް ކެންޒާ ކިޔާ އެދިނީ ވަރަށް ތަފްޞީލުކޮށެވެ. އިތުރަށް އެކަމާ ކެންޒާއާ ވާހަކަދައްކަން ލައިތު ބޭނުމެއްނޫނެވެ.

"ވަރަށް ހެއްވާ އިނގޭ... އަހަރެން ޤަބޫލެއްނުކުރާނަން ތި މެރިއޭޖް، ކެން ވެޑިން ޑްރެސްގަ އެންމެ ފުރަތަމަ ފެންނަން ޖެހޭނީ އަހަންނަށް." ލައިރާ ވަގުތުން ލައިތާ ދިމާކޮށްލިއެވެ.

"ދޮން ވެސް މެރީކުރިއިރު އަހަރެން ނެތިން." ލައިތު ރައްދުދިނެވެ. އެއީ ތެދެކެވެ. ލައިރާއަށް ވިސްނާލެވުނެވެ. އޭނާއާއި ޒުބިން ކައިވެނި ކުރިއިރު ލައިތު ހޭ އަރާނީ ކޮންއިރަކުން ކަމެއް އެކަކަށް ވެސް ޔަގީނެއްނުވެއެވެ.

"ޒިންބޭ..." އިލިއާނާގެ ތުއިތުއި އަޑު އިވުނެވެ. ދުވެފައި އައިސް ލައިތުގެ އަތުގައި އެލިގަތެވެ. ބަރު އުފުލާ ފަދައިން ލައިތު އަތްއުފުލާލިއެވެ. ނިކަން ބާރަށް އިލިއާނާ ހޭންފެށިއެވެ. ލައިރާގެ ނަޒަރު ކެންޒާއާއި ލައިތަށް ދަތުރުކޮށްލިއެވެ. ދިރުމެއްނެތިފައިވާތީ ފެނުނު އަންހެންކުއްޖާގެ ލޮލުން ލައިތަށް ޓަކައި ލޯބި ފާޅުވޭވޭ ހުއްޓެވެ. ޝައުގުވެރިކަމާއެކު ލައިތަށް ބަލަން އިންއިރު ފަނޑު ނަމަވެސް ހިނިތުންވުމެއް ކެންޒާގެ ތުންފަތުގައިވާތީ ލައިރާ ދުށްޓެވެ.

"ބީ ހެޕީ ކެން... ޓްރަސްޓް ހިމް، ހީ ވޯންޓް ލީވް ޔޫ..." ލުއި ހިނިތުންވުމެއް ތުންފަތުގައިވީއިރު ލައިރާގެ ހިތުގައިވީ ހެޔޮ ދުޢާއެވެ. ކެންޒާއާއި ލައިތުގެ މައްޗަށެވެ.

* * * * *

ދަބަސް ހިފައިގެން ނުކުންނަން އުޅުނު މިފްރާހު ހިފެހެއްޓީ މުރާދެވެ. އޭނާ މަސައްކަތް ކުރީ ގެއިން ފިލައިގެން އެއާޕޯޓަށް ދާށެވެ. ރާއްޖެ އަންނާށެވެ. ކެންޒާ ހޯދުމަށެވެ. ކަލީމް ހުރީ ރުޅި އައިސް ރަތްވެފައެވެ. ތެރަޕީއަށް ގެންދިޔައީ ޑަކްޓަރު ޖޯންއަށް މިފްރާހުގެ ހުރިހާކަމެއް ކިޔާދީފައެވެ. ނަމަވެސް ދެ ދުވަހު ދިއުމަށްފަހު މިފްރާހު ދެން ނުދިޔައެވެ. އޭނާއަށް އެފަދަ އެހީތެރިކަމެއް ބޭނުމެއްނުވެޔޭ ކިޔާފައެވެ. މައިންބަފައިންނާ ދެބަސްވުން ޢާއްމުވެއްޖެއެވެ. ރުޅިގަދަވެގެން ގޭގެ އެއްޗެހި ވެސް ހަލާކުކުރަނީއެވެ. އަމިއްލަ ނަފްސަށް އަނިޔާދޭނެކަމަށް ބުނެ އިންޒާރު ވެސް ދެނީއެވެ.

ހޮސްޕިޓަލުން މުބީން ގެއަށް ފޮނުވާލިއިރު އޭނާގެ އެއްފައި ވަނީ ބުރިކޮށްލާފައެވެ. އުނަގަނޑުން ތިރީގައި ވާގިއެއްނެތެވެ. ނާށިގަނޑަށް ލިބުނު ގެއްލުމުގައި އެއްލޮލުގެ ފެނުން ވަނީ ފަނޑުވެފައެވެ. އެގޮތަށް ހުރެ މަޑުމަޑުން އެ ލޮލުގެ ފެނުން ގެއްލުމަކީ ވެސް ވެދާނޭ ގޮތެއްކަން ޑަކްޓަރުންވަނީ ބުނެފައެވެ. ނަންބަރު އައިނު އަޅަން ޖެހުނީ އެހެންވެއެވެ. އެކަނި ހާލައިގެން އުޅެން ތަކުލީފަކަށް އޭނާއަށް ވެފައި ވެއެވެ. މިފްރާހަށް ކަންތައް ދިމާވިގޮތް މުބީންއަށް އެނގުނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. ކުރިން އެއްވެސް ޝަކުވާއެއްނެތި ލޯބިން އުޅުނު އަނބިމީހާގެ މޫނު މިލައިގެން ދިޔައީ އެހެންވެއެވެ. ސަނާ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ޢާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބުމުން މިފަހަރު ވެސް މިފްރާހު އައީ މުބީންގެ ގާތަށެވެ. އެހެންނަމަވެސް މުބީނަށް އެއްބަހެއްނުވެވުނެވެ. އޭނާ ވެސް މިފްރާހަށް ޚިޔާލު ދިނީ ކެންޒާ ދޫކޮށްލުމަށެވެ. އެ ހަނދާންތަކާ ދުރުވޭތޯ މަސައްކަތް ކުރުމަށެވެ. އޭނާ އޮތް ހާލައިގެން، ބަލަން ތިބި ބަޔަކީ ހަމަ އޭނާގެ ޢާއިލާއެވެ. އެމީހުން މިފްރާހުއާއި ކެންޒާ ގުޅެން އެއްބާރުލުން ދޭން ބޭނުންނުވާކަން އެނގިހުރެ އެކަމަށް ބާރުއަޅަން އިތުރަށް މުބީން ބޭނުންނުވީއެވެ. ކެންޒާގެ ދިރިއުޅުމުގެ ތެރެއަށް ނުވަންނަމަ މިއަދު މުބީން އުޅުނީހީ އިހު އުޅުނު މިނިވަން މުއްސަނދި ދިރިއުޅުމުގައިކަން އޭނާއަށް ވިސްނެއެވެ. ހުރިހާ މުސީބާތެއްގެ ފެށުމަކީ ކެންޒާކަމުގައި އޭނާއަށް މިހާރު ޤަބޫލުކުރެވެއެވެ. އެތައް މުދަލަކާއި ފައިސާއެއް މޫބީންގެ އަތުން ގެއްލިއްޖެއެވެ. ބޮޑެތި ކުށްވެރިގެން ލިސްޓުގައި ރަތް ދެލިން އޭނާގެ ނަން ފެވިއްޖެއެވެ. ދެން ދުވަހަކުވެސް އެނބުރި ރާއްޖެއެއް ނުދެވޭނެއެވެ. އަމިއްލައަށް އިސްލާހުގެ މަގު ޚިޔާރުކުރުމުގެ ބަދަލުގައި މުބީންއަށް ވިސްނުނީ ކެންޒާއަކީ ސުންޕާ އަންހެނެއްކަމެވެ. އެކަހަލަ މީހުންނާ ވީހާ ވެސް ދުރުން އުޅުމަކީ އަމިއްލަ ސަލާމަތަށް އޮތް އެންމެ ރައްކާތެރި މަގެވެ.

މިފްރާހަށް ދޭ ނަސޭޙަތެކޭ ފޫނެއްފަޔަށްފެންފުރުމެކޭ އެއްވަރެވެ. ރައުދާ އާދޭސްކޮށްކޮށް ވަރުބަލިވެއްޖެއެވެ. މިފްރާހު ހިފާލާފައި ހުރީ ހަމަ ރާއްޖެދާށެވެ. އޭނާ އެކަނިއުޅެން މުޅި އުމުރަށް ދޫކޮށްލާށޭ ވެސް މިފްރާހު ބުނެފިއެވެ. އެހެންވިޔަސް ރައުދާއާއި ޢާއިލާގެ އެކަކުވެސް އެގޮތް ބޭނުމެއްނޫނެވެ. ދެވަނަ ފަހަރަށް ކެންޒާއަށް އަޒާބު ޖައްސަން މިފްރާހު ދިޔަނުދޭން ރައުދާ ހުރީ އަތްކުރި އޮޅާލާފައެވެ. އެކި ސަބަބުތަކާހުރެ ބުއްދި ގޯސްވެފައިވާ މީހުން ރަނގަޅުވަންދެން ފަރުވާދޭ މަރުކަޒަކަށް މިފްރާހު ފޮނުވާލަން ރައުދާ ނިންމީ ހިތުގައި އަތްއަޅާލައިގެން ހުރެއެވެ. މިފްރާހުގެ ހަރުކަށިކަން ކެނޑި މީހާ އަލުން އެނބުރި މުޖުތަމަޢު ޤަބޫލުކުރާ މީހެއްގެ ގޮތުގައި ފެންނަން އެންމެން ވެސް ބޭނުމެވެ.

މަރުކަޒަކަށް މިފްރާހު ގެނެވުނީ ގަދަކަމުންނެވެ. އެތަނުގެ މީހުން އެ ގެއަށް އައިސްގެންނެވެ. ނަފްސު ހިމޭންކުރުވުމަށް އިންޖެކްޝަން ވެސް ޖަހަން ޖެހުނެވެ. ކުޑަކުޑަ ކޮޓަރިއެކެވެ. ވަށައިގެން ވަނީ ހުދުކުލައެވެ. ބިތްތަކުގައިވަނީ މަޑުމަޑު އިސްޕެންޖު ފަދަ ކަވަރުތަކެއް ހަރުކުރެވިފައެވެ. ބަލިމީހުން ލުމަށް ޚާއްޞަ ކުރެވިފައިވާ މުށިކުލައިގެ ޔުނީފޯމު މިފްރާހުގެ ގަޔަށް ހެޔޮވަރެވެ. އެނދުގައި އިށީނދެލައިގެން މިފްރާހު އިނީ އެނދަށް އަރުވާލެވިފައި ދެފައިގެ ކަކުލުގައި އަތް އަޅުވާލައިގެންނެވެ. ބޮލުގެ ފުއްކިބަ ބިތުގައި ޖައްސާލައިފައިވާއިރު އޭނާ މަޑުމަޑުން ކިޔާލީ ކެންޒާގެ ނަމަވެ. ދެ ލޮލުން ފޭބި ކަރުނަ ހިމަރޮނގެއް ފަދައިން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. މުޅި ދުނިޔެއަށް ފޮރުވި ވަގުތު ހުއްޓުމަކަށް އަތުވެއްޖެހެން މިފްރާހަށް އިޙްސާސް ކުރެވުނެވެ.

* * * * *

ކެންޒާ ޢާއްމު ހާލަތައް އެނބުރި އައުމަށް މަސައްކަތްކުރާތާ ހަފްތާއެއް ވެއްޖެއެވެ. އޭނާގެ އުޅުމުން ހެޔޮ ބަދަލު ފެނެއެވެ. އެކަމާ ހިތްހަމަޖެހިފައި ތިބީ ހަމައެކަނި ލައިތު އެކަންޏެއްނޫނެވެ. އެ ޢާއިލާގެ ހުރިހާ މެންބަރުން ވެސް ކެންޒާއަށް އެއްބާރުލުން ދިނެވެ.

މެންދުރު ފަސްވެ ތިނެއް ޖަހަން އުޅެނީއެވެ. ލައިތުމެން އުޅޭ ފަންގިފިލާގައި އެންމެންގެ ތެރޭގައި ތިބެފައި ލައިތު ގެއްލުނު ގޮތަށް އޭނާގެ ޚަބަރެއް ނުވިއެވެ. ގިނައިރެއްނުވެ ލައިރާއަށް ފޯނެއް އައުމާއެކު އޭނާ ވެސް ތެދުވެގެން ހިނގައްޖެއެވެ. ޔާދިންއާއި ސެހްރާނު ވާހަކައްދައްކާތީ އެތަނުން ތެދުވެގެން ލައިތު ހޯދަން ދާން ނުކެރިފައި ކެންޒާއަށް އިނދެވުނެވެ.

"ފޮތް ލިބިއްޖެތަ؟" ޔާދިން އަހާލިއެވެ.

"ކޮން ފޮތެއް؟" ކެންޒާ ކުޑަކޮށް ވެސް ހަނދާނެއްނެތެވެ. އެއާއެކު ޔާދިން ހީނލިއެވެ.

"ލައިތު ކައިރީ އަހާ." ޔާދިން ބުނެލިއެވެ.

ސެހްރާނު ކަމަކު ތެދުވެގެން ދަންދެން ޔާދިން އިން ކަހަލައެވެ. އެ މޫނުގައި ކުރިން ހުރި ހިނިތުންވުން ފަނޑުވެ ސީރިއަސްކަން ވެރިކޮށްލިއެވެ. ކެންޒާއަށް ގޮވާލަމުން ފަރުވާތެރިކަމާއެކު ބަލާލިއެވެ. ދެފައިގަ އުޅަންބޮށި އަޅުވާލައި ދެއަތްތިލަ އޭނާ ޖޯޑުކޮށްލިއެވެ.

"ރަނގަޅުތަ؟ ތެދަށް ބުނައްޗޭ." ޔާދިން އަހާލިއެވެ.

"ދެން ވިއްޔާ ވާނީ ރަނގަޅު، އެއިން އެއްވެސް ކަމެއް ހަނދާނެއްނުނެތޭ، އެހެންވިޔަސް މީ އަހަރެންގެ ނިންމުން، އެކަމާ ދެރަވެގެން ރުއިން ހުއްޓާލައިފިން، އަހަރެން ބޭނުމީ ލައިތު، އޭނާއާއެކު ކުރިން އުޅުނުހެން އުފާވެރިކޮށް އުޅެން، ލައިތުއަށް ޓަކައި ވިޔަސް އަހަރެން ބަދަލުވާން އެބަޖެހޭ... އައި ވޯންޓް މައި ލައިފް ބެކް."

"އައި ވޯޒް ވޮރީޑް އަބައުޓް ޔޫ، އެންޑް ލައިތް... ދެން ނުހުންނައްޗޭ ނުބުނެ، ކެންއަށް އަޅާލައި ލޯބިވާ އެތަށް ބަޔަކު މިހާރު އެބަތިބި، މަންމަގެ ގޮތުގައި ކެންއަށް ދެ މަންމަ ލިބިއްޖެ، މާމައަކާއި ބައްޕައެއް މިހާރު އެބަހުރި، އަންހެންކުދީންގެ ކޫސަނި ވާހަކަދައްކާނޭ ދައްތައެއް ހުރިއިރު، އެއީ ކެންގެ އެންމެ ގާތް އެކުވެރިޔާކަން އަހަންނަށް އެނގޭ، ސެހެރްއާއި އަހަރެންގެ އިތުރުން ނާނު ވެސް މިހިރީނު، މި އެންމެންނަކީ ވެސް ކެން ރައްކާތެރިކުރާނެ މީހުން، މި އެންމެންގެ ދިރިއުޅުމާ ކެން ވަނީ ގުޅިފައި، ދެން ހުރީ ލައިތު، ކެން ހުއްޓަ އޭނާއަށް އެހެން އަންހެނެއް ނުފެންނާނެކަން ޔަގީން، އޭނާ ނުތެދުވިފައި އޮތްއިރު ވެސް ކެންގެ މަތިން ހަނދާންނައްތައެއްނުލާ... އަހަރެމެން ދެ މީހުންގެ ޚިޔާލު ތަފާތު، ދެމީހުން އެކަކުއަނެކަކަށް ވަރަށް ގިނަ ކަންކަން ކުރިމަތިކުރުވިން، އެހެންވިޔަސް... ހީ އިޒް ސްޓިލް މައި ބްރަދާ، ލައިތަކީ ވީކް މީހެއްނޫން، އެހާލުގައި އޭނާ ދުށުމަކީ އަހަރެންނަށް ދުށުމަށް ފަސޭހަވި މަންޒަރެއްނޫން، އައި އޭމް ޔޫސްޑް އޮން ސީއިން ހިމް ވޯކިން ޓޯލް... އެއްވެސް ކަމަކާ ފަރުވާލެއް ނެއްފަދަ އިމޯޝަންލެސް މޫނަކުން ހިނިތުންވުން ފެނުމުން ވަރަށް އަޖައިބުވި، އޭނާ ފުރަތަމަ ހެނިކޮށް އަޑުއެހީ ވެސް ކެންއާއެކު ހުރެ، އެ ދުވަހު ބަދިގެއިން ތި ދެ މީހުން އެކުގައި ދުށީން... ކެން، އައިމް ހެޕީ ފޯ ޔޫ ބޯތް."

ހުޅުވުނު އެލެވޭޓާއިން ނުކުމެގެން އައިސް ލައިތަށް ސޯފާތަކުގައި އެކަކުއަނެކަކާ ކުރިމަތިވާނޭހެން ތިބި ކެންޒާއާއި ޔާދިން ފެނުނެވެ. އޭނާ ކައިރިވެލުމާއެކު ކަރުކެހިލިއެވެ. އެ ދެ މީހުން ދެއްކީ ކޮންވާހަކައެއްކަން ދެނެގަންނާކަށް ލައިތަކަށް ނޭނގުނެވެ. ދެމީހުން ވެސް އެކަކުއަނެކަކަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލައިގެން ތިބީއެވެ.

"ޝީ އިޒް މައި ވައިފް." ޔާދިން ބަލާލުމާއެކު ލައިތު ބުނެލިއެވެ.

"ހަނދާންނެތުނީތަ؟ އެނދުން ނުތެދުވިނަމަ ޝީ ވިލް ބީ މައިން." ޔާދިން ރައްދު ދިނީ އަމިއްލަ ނަފްސުގެ މައްޗަށް ޔަގީންކަން އޮތް ފަދައިންނެވެ. ލައިތު ބަލާލީ މާނަވީ ގޮތަކަށެވެ. އޭނާ ހީނލަން އުޅުނުހެން ވެސް ހީވިއެވެ. ހަޤީޤަތް ނޭނގޭ މީހަކަށް އެ ދެ ޒުވާނުންގެ މެދުގައި ފޮރުވިފައި އޮތް ލޯތްބެއް ނުފެންނާނެއެވެ.

"ލަވް... އާދެބާ، އެއްޗެއް ދޭންވެފަ އެބައޮތް." ކެންޒާއަށް އަތްދިއްކޮށްލަމުން ލައިތު ބުންޏެވެ.

(ނުނިމޭ)