ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިސްކިތު ދަރުސްތަކަށް ހުއްދަދޭން ގޮވާލައިފި

މިސްކިތްތަކުގައި އިލްމުވެރިން ބާއްވަމުން އައި ދަރުސްތަކަށް އަލުން ފުރުސަތު ދިނުމަށް ގޮވާލައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރި ކަމަށްޓަކައި މިސްކިތުގައި ޖަމާއަތް ހެދުންވެސް ހުއްޓާލިއެވެ. އަދި މިސްކިތްތައް ބަންދުވެސް ކުރިއެވެ. ނަމަވެސް ކޮވިޑް ކޭސްތައް ފެންނަ މިންވަރު މަދުވުމުން މިސްކިތްތައް ހުޅުވާލިއެވެ. އަދި ޖަމާއަތުގައި ނަމާދު ކުރަންްވެސް ހުއްދަ ދިނެވެ.

ނަމަވެސް މިސްކިތްތަކުގައި އިލްމުވެރިން ބާއްވަމުން އައި ދަރުސްތަކަށް އަދި ފުރުސަތު ދީފައެއް ނުވެއެވެ. ބައެއް އިލްމުވެރިން މިއަދު ވަނީ މިސްކިތްތަކުގައި އަލުން ދަރުސްތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ގޮވާލާފައެވެ. އެ އިލްމުވެރިން ވަނީ މިސްކިތުގައި ދަރުސްތައް ބޭއްވޭނެ ގޮތް ވުމަކީ ދިވެހި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންތައް ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ހިންގަމުންދިޔަ ކާފިއުވެސް ރޭ ވަނީ އުވާލާފައެވެ. ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލޭގައި އެކި ވަގުތު ކާފިއު ހިންގަން ފެށިއެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ލުއިދޭން ފެށިއެވެ. އަލުން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. އެހެން ކަމުން ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތައް މިހާރު ވަނީ އުވާލާފައެވެ.

ރާއްޖެއިން މިހާތަނަށް 13،444 ކޮވިޑް ޖެހިފައިވާއިރު 12،836 މީހުން ވަނީ އެ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ޖެހިގެން 48 މީހަކު ރާއްޖެއިން މަރުވިއެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.