އެޗްޕީއޭ

އެންގުމަށް ތަބާނުވާނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭގޮތަށް އުސޫލު އެކުލަވާލައިފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އައު އުސޫލެއް ނެރެފި އެވެ. މި އުސޫލުގައި ބުނާ ގޮތުން އެންގުންތަކަށް ތަބާނުވާނަމަ ބޮޑު ޖޫރިމަނާއެއް އަންނާނެ އެވެ.

އައު އުސޫލު ބުނާ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 ފަހަރު އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް ގާނޫނީ ޝަހުސަކުން އަމަލުނުކޮށްފިނަމަ އެންގުމާއި ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 ފަހަރު އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާއި ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

އުސޫލު ބުނާ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ބޭނުންވެއްޖެނަމަ އެންމެ ބޮޑު އަދަދުންވެސް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އޮވެއެވެ. ނަމަވެސް އެއީ ވަކި އެންގުންތަކަށް ތަބާނުވާނަމަ އެވެ.

އެއީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކުކުރެވިގެން ކަރަންޓީން ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ ކަރަންޓީނުވުމުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ހިލާފުވެއްޖެނަމަ އާއި ނުރައްކާތެރި ބައްޔެއް އެ ރަށަކުން ނުވަތަ އެ ތަނަކުން ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލާތަށް ގެންނަ ރަށްރަށާއި ތަންތަނަށް ހުއްދައަކާ ނުލައި ވަދެ ނުކުމެއްޖެނަމަ ނޫންނަމަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހާގެ މައުލޫމާތު އެނގިހުރެ ސިއްރު ކުރުމެވެ. މީގެ އިތުރުން ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށް ދިނުން ނުވަތަ ރާއްޖެ ގެނައި ނަމަވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

މި އުސޫލުގެ ދަށުން މީހުން ޖޫރިމަނާ ކޮށް ފިޔަވަޅު އަޅާނީ ފުލުހުންނެވެ.