ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލިބޭ ލުއިތައް މިއަދު ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް އޭގެ ތެރޭގައި ދަތުރުކުރާ ކުޑަކުދިންނަށް ލުޔެއް ނުލިބެއެވެ. ކުޑަކުދިންނަކީ ކޮވިޑް ވެކްސިން ޖެހޭ ބައެއް ނޫނެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން ދަތުރުކުރާއިރު ކަރަންޓީންވާން ނުޖެހި ކުޑަކުދިން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
އެޗްޕީއޭއިން ދެންމެ ވަނީ އުސޫލު ބަދަލުކޮށް ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަވަންދެން ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.
ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނުވުމަކާއި ނުލައި މާލެއިންނާއި ރިސޯޓްތަކުންނާއި ޓޫރިސްޓް ގެސްޓްހައުސް ހުންނަ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާއިރު ދަތުރުކުރުމުގެ ކުރީން 72 ގަޑިއިރު ކުރީން ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށާ މިފަދަ މީހުންނާއެކު ދަތުރުކުރެވޭނީ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށެވެ.
ނަމަވެސް މޮނިޓަރިންގައިވާ ރިސޯޓްތަކާއި މޮނިޓަރިންގައިވާ ރަށްރަށަށް ދަތުރުނުކުރެވޭނެ އެވެ.
އަދި ރާއްޖެއިން ބޭރުން ދަތުރުކުރާ މީހުންގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިމާޖަންސީގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާނަމަ ރާއްޖެއަށް އެތެރެވުމުގެ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްނަމަ ހަތް ދުވަހުގެ މުއްދަތަށް ކަަރަންޓީންވާން ޖެހެއެވެ. އަދި ކަަަރަންޓީނުން ދޫކޮށްލާނީ ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވުމުންނެވެ.
މީގެ އިތުރުން މާދަމާއިން ފެށިގެން ކާފިއު އުވާލަން ވަނީ ނިންމާފައެވެ.