ވާހަކަ

ލޯބިން ބުނެލަން

(20 ޑިސެންބަރ 2020 އާ ގުޅޭ)

އެ ދެމަފިރިން އެއްމަސް ވަންދެން ތިބޭނޭކަމާއި އެ ދުވަސްތަކުގައި އެމީހުންނަށް އުނދަގޫވެދާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އަސަދު އޮތީ ބުނެފައެވެ. ހުރިހާ ގޮތަކުން "ޕްރައިވެސީ" އެ ދެމަފިރިންނަށް އޮތީ އަސަދު ފަހިކޮށްދީފައެވެ. ހަނީމޫނަށްތޯ އެ ރަށަށް އައީ ގަފޫރު އަހާލީ ލާނެތް ގޮތަކަށެވެ. ލުއި ހިނިތުންވުމަކާއެކު ކައިރީގަ ހުރި އަނބިމީހާއަށް ބަލާލަމުން ލައިތު ބޯޖަހާލިއެވެ.

ކެބިން ހުރި ދިމާ އަތިރިއަށް ވާހެން އޮތް މަގަށް ގަފޫރުގެ ޕިކަޕު ހުއްޓިއެވެ. އަންނަން އުޅޭކަން އެނގުމުން، ހެނދުނު ކެބިންގެ ކޮޓަރިތަކުން އެންމެ ބޮޑު ކޮޓަރީގެ ތަންމަތި ބަދަލުކޮށްފައިވާ ވާނޭކަން ގަފޫރު ބުނީ ލައިތުގެ ގާތުގައެވެ. ތަޅުލާފައި ހުރި މައިދޮރު ގަފޫރުގެ ތަޅުދަނޑިފަތިން ހުޅުވައި އެންމެން އެއްކޮށް އެތެރެއަށް ވަނެވެ. އަސަދު ފޮނުވި ލިސްޓުގައި ހުރި ސާމާނު ބަދިގެއަށް ވައްދާފައިވާނޭކަމާއި އިތުރު ކަމެއް ބޭނުންވާނަމަ ގަފޫރަށް ގުޅަން ބުންޏެވެ. ރަށުތެރެއަށް އަރާލަން ބޭނުންވެއްޖެނަމަ ވެހިކަލްއެއް ހަމަޖައްސައިދޭނެކަން ވެސް ގަފޫރު ބުންޏެވެ. އެހިނދު ލައިތު އެދުނީ ބައިސްކަލެއް ހަމަޖައްސައި ދިނުމަށެވެ. އިވުނީ ރަނގަޅަށްކަން ސާފުނުވެފައި ގަފޫރަށް ބަލަން ހުރެވުނެވެ. ލައިތަކީ ކާކުގެ ދަރިއެއްކަން، އެމީހުންނަކީ ކޮންފެންވަރެއްގެ ބައެއްކަން ގަފޫރަށް ރަނގަޅަށް އެނގެއެވެ. އާދައިގެ ބައިސްކަލު ގަނޑެއްގައި އުޅުމީ އެމީހުންނާ ގުޅޭނޭކަމެއްނޫނެވެ. ލައިތު ބުނި އެއްޗެއް ތަކުރާރުކޮށްލުމުން އާގަންނަފަދައިން އެކަން ހަމަޖެހޭތޯ ބަލައިދޭނެކަމަށް ގަފޫރު ބުނެލިއެވެ.

ގަފޫރުގެ ވާހަކަ ތަންކޮޅެއް ދިގުވާން ފެށުމުން ކެންޒާ އެތެރެއަށް ވަދެގެން އައެވެ. ގަފޫރި ބުނި ބޮޑުކޮޓަރިއަކީ ކޮބާކަން އޭނާއަށް އެނގެއެވެ. ލައިތުގެ ޢާއިލާއާއެކު އޭނާ ދަތުރު އައި ފަހަރު ލައިރާއާ ދެމީހުން ތިބީ އެ ކޮޓަރީގައެވެ. ކޮޓަރިއަށް ވަދެ ދޮރުކައިރީ ހުރި ގޮނޑީގެ ތެރެއަށް ކެންޒާ އަޅުވައިގެން އުޅުނު އަތްދަބަސް ދޫކޮށްލިއެވެ. ކޮޓަރީގައި ހުރި ހަމައެކަނި ކުޑަދޮރުގެ ކައިރިއަށް އައިސް ފަރުދާތައް ކަހާލިއެވެ. ބޮތްކެއް ނުދިއްލި ނަމަވެސް ކުޑަދޮރުން އެޅިފައި ހުރި އަލިކަން ފުދެއެވެ. ދިމާ ކުރިމަތިން ފެންނަން އޮތް މޫދާއި ހުދުހުދު ހިމުން ދޮންވެލިގަނޑުގެ ހިތްގައިމުކަމަށް ބަލަން އިރުކޮޅަކު ކެންޒާއަށް ހުރެވުނެވެ. ކުރި ދަތުރުގެ ހަނދާންތައް އާވާންފެށިއެވެ. ފިޒާނާގެ ގަނާކުރުންތަކާއި އެކަމުން ކެންޒާއަށް އައި ބަދަލުތައް ހަނދާންވިއެވެ. ލައިތުގެ ލޯތްބާމެދު އޭނާ ޝައްކު އުފެދި އަމިއްލަ ހަށިގަނޑު ވެދުންކުރަން އުޅުނު ގޮތެވެ. ލައިތު އެކަމުން މަނާވެގަނެ ކެންޒާއަށް ވިސްނައިދިން ގޮތެވެ.

"އަހަރެން މިހާ އުފާވާނޭ ހިޔެއްނުކުރަން... ރައިޒަންއަށް ވީގޮތެއް ނޭނގިފައި ހުއްޓާ، ލައިތުގެ ސިފައިގަ އަހަރެންގެ ކުރިމައްޗަށް ރައިޒަން އަތުވެދާނެއޭ ވެސް ހިޔެއްނުކުރަން، ނަސީބުދެރަކަމާމެދު މިހާ ދުވަހު އަހަރެން ޝަކުވާކުރީ، ނަސީބުދެރަނަމަ އަހަންނަށް ރައިޒަންއެއް ނުލިބުނީސް، އެހާ ލޯބިވާނެ އިންސާނަކު ނުހުރީސް... އެފަދަ އޯގާތެރި ފިރިއެއް ނުލިބުނީސް، އައި އޭމް ޓްރޫލީ ލަކީ..." ލުއި ހިނިތުންވުމެއް ތުންފަތަށްވެރިވި ހިނދު ކަނާއަތް ގެނެސް މޭގައި ކެންޒާއަށް ޖައްސާލެވުނެވެ. ހަޔާތް ކުރިމަތި ކުރުވި އިމްތިހާނުތަކަށް އޭނާ ވަރަށް ކެތްކޮށްފިއެވެ. ވަރަށް ރޮއިފިއެވެ. އެކަމަކު ހުރިހާކަމަކަށް ނިމުން އަތުވެއްޖެކަން ޔަގީނެވެ. މިހާރު މީ އޭނާ އުފަލުން ހިނިތުންވާންވީ ވަގުތެވެ. އޯގާތެރިކަމާއި ލޯބީގެ ވާރޭގައި ނަފްސު އާރޯވެ ލިބުނު ޒަޚަމްތައް ވަގުތާއެކު ފަސޭހަވާން ދޫކޮށްލަންވީ ވަގުތެވެ. އެ ހުރިހާކަމަށް ކެންޒާ ތައްޔާރެވެ.

"ކެން..." ލައިތުގެ އަޑު ކަންފަތުގައި ޖެހުމުން ފަސްއެނބުރި ކެންޒާ ބަލާލިއެވެ. އޭރު ކޮޓަރިތެރެއަށް އެމީހުން ގެނައި ދެ ފޮށި ލައިތު ވައްދަނީއެވެ.

"ގަފޫރުބެ ދިޔައީތަ؟" ކެންޒާ އަހާލިއެވެ.

"އެބައި ސޯފާގަ، މިރޭ ކާން ކިހިނެއްހޯ ހަދަނީ؟" ލައިތު އެއްސެވެ.

"ހެވީ މީލްއެއްނޫން، އެހާ ކާހިތެއްނެތް..." ކެއުމާ ކެންޒާ ދުރުވެފައިވާވަރު ލައިތަށް އެނގެއެވެ.

"އެއްޗެއް ތައްޔާރުކޮށްލާނީތަ؟ އަވަހަށްބުނޭ... ގަފޫރުބެ އޭނީ އަހަރެމެންނަށް މަޑުކޮށްގެން." ލައިތު އައިސް ކެންޒާގެ ގާތުގައި މަޑުކޮށްލަމުން އަތުގައި ހިފާލިއެވެ.

"ހުރީ ކޯއްޗެއްތޯ ބަލާލަމާ." ކެންޒާ މިހެންބުނެ ކޮޓަރިން ނުކުތެވެ. އަނބިމީހާގެ ފަހަތުން ލައިތުއެވެ.

ދެ ޒުވާނުން ބަދިގެއަށް ވަދެ އައިސްއަލަމާރިއަށް އަޅާފައި ހުރި ބާވަތްތައް ބެލިއެވެ. ގަފޫރު ބުނީ ރަނގަޅަށެވެ. ކައްކާ ކައިހަދަން ބޭނުންވާނޭ ހުރިހާ ވައްތަރެއްހެން ޖަމާކޮށްދީފައި ހުއްޓެވެ. ކެންޒާގެ ލޮލުން ފާޅުވެލި ވިދުން ލައިތު ދެނެގަތެވެ. ލަފުޒުތަކަކާނުލައި ކެންޒާގެ ހިތުގައިވީ ކީކޭކަން ލައިތަށް އެނގިއްޖެއެވެ. ގަފޫރު ފޮނުވާލާފައި އެބަ އަންނަމޭ ބުނެ ލައިތު ހިނގައިގަތީ ބޭރަށެވެ.

އަނދިރިވަމުން އައިއިރު އުދަރެހުން ފާޅުވާ ކުލަތަކަށް ގެއްލިފައި ކެންޒާ އިނީ ލައިތުގެ އުނގުތެރެއަށް ވަދެއެވެ. ލައިތުގެ މޭގައި ލެނގިލައިގެންނެވެ. ދެފަރާތުން އަނިބިމީހާގެ ގައިގާ ހިފަހައްޓާލައިގެން ލައިތު އިންއިރު ދޭތެރެ ދޭތެރެއިން ކެންޒާގެ ބޮލުގައި ބޮސްދެއެވެ.

"ކީއްވެ ބައިސްކަލެއް ހޯދަން ބުނީ؟ ބައިސްކަލު ދުއްވަން އެނގޭތަ؟" އަރިއަކަށް ޖެހި ލައިތުގެ މޫނަށް ބަލަން ކެންޒާ މަސައްކަތްކުރިއެވެ.

"ދަސްކުރިން، މިހާރު ނުފަރިތަވާނެ... މިކޮޅުގައި ތިބޭއިރު ކޮށްލަން ރަނގަޅުކަމެއްނު އެއީ، އެހެންނޫނަސް އަހަރެން ވަރަށް ބޭނުންވި އެއްޗެއް އެއީ، ޚިޔާލުކުރެވުނު ބައިސްކަލު ލިބުނީމަ ކެންއަށް ދައްކާށޭ އެންމެ ފުރަތަމަވެސް ދާނީ، އޭރު އަހަރެން ކިޔާވަރުން މަންމަ ބުނި ފަނަރަ އަހަރު ފުރެންދެން މަޑުކުރާށޭ، އުފަންދުވަހުގެ ހަދިޔާއަކަށް ބައިސްކަލެއް ގަނެދޭނަމޭ، އޭރު އެންމެ ގާތްކޮށް އުޅުނު ހަތަރު މީހުންގެ ތެރެއިން އެންމެ މީހެއް އަތުގަ ބައިސްކަލު އޮންނާނީ، ދެން އެންމެންވެގެން ކުޅެ ނިންމާފަ ދާނީ ބައިސްކަލު ދުއްވަން... އެހެންވެ އެހާ ވަރުބަލިވެ ހޫނުވެފަ ތިބެނީ، ދެން އެ އަންނަ ގޮތަށް ކެންމެން ގޭ ކައިރި ހުންނަ ފިހާރައިން ޖޫސްޕެޓީ ނޫނީ ލޮލީ ގަންނާނީ، މަންމަ ކޮންމެ ހަފްތާއަކު ދޭނެ ފިފްޓީ ރުފިޔާ، އެހެންވެ އަހަރެންގެ ޚަރަދުގަ އެންމެންނަށް ގަނެދިނުން އޮންނަނީ."

"ބައްޕަގެ ފޯނުން އަހަރެން ދުށީން ލައިތު ގެންގުޅުނު ފޮޓޯ، ރައިޒަންކަން ފުރަތަމަ އެނގުނީ އެހެންވެ." ކެންޒާގެ އަޑުގައިވީ ތަފާތު މަޑުމައިތިރިކަމެކެވެ.

"ބައްޕަ ހުންނަކަން އަހަރެންނަށް އެނގޭ، މަންމަ ހުރީ ކިޔަވައިގެންކަން ވެސް އެނގޭ، އެކަމަކު އަހަރެން ނުދެކެން މަންމަ މަސައްކަތެއްކުރާތީއެއް، އެހެންވިޔަސް އަހަރެމެންނަށް ދަތިނުވާވަރަށް ފައިސާ މަންމަ އަތުގައި ހުރޭ، ކުރިން ވަރަށް އިންތާރުކުރެވޭ ބައްޕަ ގެއަށް އާދޭތޯ، ކުޑައިރު އަންނަކަން އެނގެނީ މަންމަ އެކަހަލަ ވާހަކަދައްކާތީ، ބައްޕަގެ ނަން ފިޔަވާ އެ ޢާއިލާއާ ބެހޭ އެއްވެސް އެއްޗެއް އޭރު ނޭނގޭ، އަހަރެންގެ ހުރިހާކަމެއްގައި ބައިވެރިވި މީހަކީ މަންމަ، ބައްޕައަށް ބައްދަލުވީ މާފަހުން، ބައްޕައާއި ދަރިއަކާ ދެމެދު އޮންނަންޖެހޭ ގާތްކަމަކީ ކޮބާކަން އަހަރެންނަކަށް ނޭނގޭ... ބައްޕަ ގޯހެއްނޫންކަން އެނގޭ، އެކަމަކު އަހަރެމެން އެހާ ވާހަކައެއް ނުދައްކަން، މަންމައާއި ބައްޕަގެ ދިރިއުޅުމާ ގުޅިގެން ސުވާލެއް ވެސް ނުކުރަން، މަންމަ ނެތުމުން އަހަރެން ވަރަށް އެކަނިވި، އެހެންވެ ކެން އެކަނިވާނޭވަރު އިޙްސާސްކުރެވެނީ، ތަފާތު މިނިވަންކަމެއް ނަފްސަށް ލިބޭ ކެންއާއެކު ހުންނައިރު، އަހަރެން ބުނަން ބޭނުންވާ އެއްޗެއް ފަސޭހަކަމާއެކު ބުނެލެވޭ... ވަރަށް ހިތަށްއަރާ މިއަދު ކެންއާ ބައްދަލުކުރަން މަންމަ ހުރިނަމައޭ."

"އަހަރެން އުފަލުން ބައްދަލުކުރާނަން." ކެންޒާ ހަށިގަނޑު ސީދާކޮށްލުމާއެކު އެނބުރިލީ ލައިތާ ކުރިމަތިވާނޭ ހެންނެވެ. ދެއަތުން ލައިތުގެ މޫނުގައި ހިފަހައްޓާލުމާއެކު ހިނިތުންވެލިއެވެ. ލައިތުގެ މަންމައާއި ބައްޕަގެ ދިރިއުޅުމުގައި ހިނގި ކަންކަން އެނގެން ކެންޒާ ޝައުގުވެރިވިޔަސް އެކަން ހާމައެއްނުކުރިއެވެ. ލައިތުގެ ވާހަކަތައް ހުރި ގޮތުން ކެންޒާގެ ސުވާލުތަކަށް ޖަވާބުދޭން އޭނާއަށް ނޭނގޭނެކަން އެނގޭތީއެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގައި ކެންޒާ ބަދިގޭގައި ހުއްޓެވެ. އޭނާއަށް އަތްގާތްކޮށްދޭން ލައިތު އުޅެއެވެ. ކެންޒާ ކައިރިން ކެއްކުމުގެ ބައެއް ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަން ލައިތުގެ ހުއްޓެވެ.

"ދެން ކިޔެވުން ހުއްޓާލީތަ؟" ހިތަށް އައި ސުވާލު ލައިތުކޮށްލިއެވެ. ވިސްނަން ހުރެފައި ކަހަލަ ގޮތަކަށް ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ.

"ފުރަތަމަ އަހަރެން ޕްލޭންކުރީ ކެން ގްރެޖުއޭޓްވީމަ މެރީކުރަން، ކައިފްއާ އަހަރެން އެ ޚިޔާލު ޚިއްޞާކުރިން، ކެންގެ މަންމަ ގާތު ވެސް ބުނިން، އަހަންނަށް އެނގޭ ޝެފަކަށްވުމަކީ ކެން އެޗީވް ކުރަން ބޭނުންވާ ގޯލްތަކުން ވަރަށް މުހިންމުކަމެއްކަން، ޑްރީމްސް ކުރުން ހުއްޓާލަކަށް އަދިނުވޭ." ލައިތު ބުންޏެވެ.

"ބާކީ އެއްސެމް އޮންނާނެ، ގްރެޖުއޭޓް ވޭވޭނީ އޭގެ ފަހުން، އެކަމަކު ކިޔަވަންފެށީމަ ލައިތުއާއެކު އުޅޭ ވަގުތު މަދުވާނެ." ސެލެޑް ތައްޔާރުކުރަން ހުރެ ކެންޒާ ވާހަކަދެއްކިއެވެ.

"އަހަރެންވެސް ބިޒީވާނެ، އޮފީހަށް ނުނިކުމެ ނުހުރެވޭނެ، މަސައްކަތްތައް މިހާރު ވެސް އޮތީ ފުނިޖެހިފަ، ޔާދުއާ ހަވާލެއްނުވި، އަހަރެން ނެތީސް ބައެއް ނިންމުންތައް ނުނިންމަން ބައްޕައާއި ޔާދު އެ ތިބީ، އަހަންނަށް ހީވަނީ ކެން ހެން ގޭގަ ފޫހިވާނީ." ކެންޒާގެ ފަހަތުން ކައިރިވެލުމާއެކު އޭނާގެ ކޮނޑުގައި ލައިތު ދަތްދޮޅި އަޅުވާލިއެވެ.

"އައި ވިލް އަންޑަސްޓޭންޑް، މާމައާއި ލައި ހުރިއްޔާ ގޭގަ ފޫހިވާނެ ވަގުތެއްނުވާނެ." ކެންޒާ ހާމަކުރީ ހަޤީޤަތެއްކަން ލައިތު ވެސް ދެނަހުއްޓެވެ. އެ ޢާއިލާއަށް އަންހެން ދަރިއަކު އިތުރުވެގެން އެންމެން އުޅޭ ކަހަލައެވެ.

* * * * *

ދެ ދުވަހެއް ތެރޭ ލައިތު އެދުނު ފަދައިން ބައިސްކަލު ގަފޫރު ގެނެސްދިނެވެ. ފެންނަ ފެނުމަށް ހީވަނީ އެއީ އާ ބައިސްކަލުތަކެއް ހެންނެވެ. ކެންޒާ ދުވަހަކުވެސް ދުއްވި އެއްޗެއްނޫނެވެ. ދުއްވަން ހިތަށް ވެސް ނާރައެވެ. އެކަމަކު ލައިތު އެދުނީތީ ދުއްވަން ދަސްކުރަން އުޅުނެވެ. މަޖާކަމަށްވިއެވެ. ވަގުތު ކުރުކުރަން ލައިތު ރާވާފައިވާ ކަންކަމުގެ ތެރެއިން ކަމެއްކަން އެއީ ކެންޒާއަށް އެނގެއެވެ. ކަންކަމާ ފިކުރުކޮށް ފޫހިވާނޭ ވަގުތެއް ކެންޒާއަށް ނުލިބެއެވެ.

މޫސުން ރީތިކޮށް އޮވެފައި ތިންވަނައަށްވީ ދުވަހު ހަފަރާތުން ކަޅުވިލާތައް އައިސް ބައްދާލައި ދުނިޔެމަތި އަނދިރިކޮށްލީ ހެނދުނު ހެނދުނާއެވެ. ދުވަސް ނިމުމަކާ ހަމައަށް އައިއިރު ވެސް ކެބިންއިން ބޭރަށް ނުކުންނާނޭ ފުރުޞަތެއް އަލަތު ދެމަފިރިންނަށް ނުލިބުނެވެ.

"ހިނގާ މޫދަށް އެރެން..." ސޯފާގައި އިނދެފައި ކުއްލިއަކަށް ލައިތު ބުނެލީ ޖޯޝާއެކުއެވެ.

"މިގަޑީގަ؟ ވާރޭ އެވެހެނީ." ބޯކޮށް ވާރޭ ވެހޭ އަޑު ބޭރުން އިވިއިވި ހުރުމުން ކެންޒާ ބުނެލިއެވެ. އެހެންނޫނަސް ރޭގަނޑު ނުވައެއް ޖަހާ ހިނގައްޖެއެވެ. އޭނާ ފިނިކަމުން ސޯފަށް އަރާ އިނީ ވެސް ހޫނު ސައިތަށްޓެއް ހިފައިގެންނެވެ.

"ވާރޭ ވެހޭއިރު މަޖާވާނެ... ކަމޯން ބޭބީ." އެއްބައި ބޮއެފަ ހުރި ކޮފީ ޖޯޑު ކައިރީގަ ހުރި ކުޑަމޭޒުމަތީ ބަހައްޓާލުމާއެކު ދެއަތްދެއަތާ ލައިތު އުނގުޅާލިއެވެ. ދެން ފުންމައިގެން ތެދުވިގޮތަށް ކެންޒާއަށް އަތްދިއްކޮށްލިއެވެ. ލައިތުގެ ތުންފަތުގައިވި މާނަފުން ހިނިތުންވުމާއި އެ ދެ ލޮލުން ފާޅުވާ ކުލަވަރަށް ބަލަން ވަގުތުކޮޅަކަށް ކެންޒާ ހިމޭނުން އިނެވެ. އެއަށްފަހު ސޯފާއިން ދެފައި ތިރިކޮށްލަމުން ލައިތުގެ އަތްތިލައިގެ ތެރެއަށް ކެންޒާގެ އަތްތިލަ ހެޔޮވަރުކޮށްލިއެވެ. ކޮފީޖޯޑު ކައިރީ ކެންޒާގެ ސައިޖޯޑު ބަހައްޓާލިއެވެ. އެއާއެކު އޭނާގެ އަތުގައި ހިފައިގެން ލައިތު ގެއިން ނުކުމެ ދުއްވައިގަތެވެ. ކެބިންއިން ފެށިގެން އަތިރިމައްޗަށް ފޭބޭނެހެން އަޅާފައި އޮތް ހިމަ ލަކުޑި ފާލަމުންގެ މަތިން ދުވަމުން އައިސް މޫދަށް ފޭބިއެވެ.

"ޓޭކް ދި ޝާޓް އޮފް."

ލޮނުގަނޑު ތެރޭ ތެތެމުންދިޔަ ކެންޒާގެ ކަންފަތް ކައިރީ ލައިތު ބުނެލިއެވެ. އެހިނދު ނިކަން އަވަހަށް ނޫނެކޭ ކެންޒާ ބުނެލިއެވެ. ލައިތު ލާނެތްވެލިއެވެ. ވާރޭގެ އަޑުގެ ތެރެއަށް ދެ ޒުވާނުންގެ ހުނުމުގެ އަޑު ހިނދިގެން ދެއެވެ. ކެންޒާއާ ދުރަށް ޖެހިލުމުގެ ވިސްނުމެއް ލައިތުގެ ނެތެވެ. ކެންޒާގެ ގާތްކަމަށް ބޭނުންވި ހިނދު ފުރުޞަތު ފަހިކުރީ ލައިތު އަމިއްލައަށެވެ. އެއްހިޔަންޏެއް ފަދައިން ކެންޒާ އުރާލައިގެން ލޮނުގަނޑުގެ ތެރޭގައި ލައިތު ހުރީ މޫދުން އަރަން ބޭނުންނުވެފައެވެ. ނަމަވެސް ވިދާލިވިދުވަރުން ދުނިޔެ ހުޅުދާންކޮށްލާފައި، ހަމައެހިނދު ދެ މީހުން ސިއްސުވާލީ ބާރު ގުގުރީގެ އަޑެވެ. ހީވީ ކަންފަތްދޮށުން ޖަހާލި ގުގުރިއެއްހެންނެވެ. ކެންޒާގެ ހަރަކާތްތަކުން އޭނާ ބިރުގަތީކަން ލައިތު ދެނެގަތެވެ. ކެންޒާ ގޮވައިގެން މޫދުން އޭނާ އެރީ އެހެންވެއެވެ. ދެވަނަ ފަހަރަށް ވިދާލި ވިދުވަރު ފެނުމާއެކު ގުގުރާލުމުގެ ކުރިން ލައިތާއެކު ކެންޒާ ވެސް ދުއްވައިގަތީ އެނބުރި ކެބިންއަށް ވަންނާށެވެ. ނަމަވެސް ދޮރާ ހަމައަށް ނުފޯރައިގެން އުޅެނިކޮށް ކަންފަތް ބައްވާހާ ބާރަށް ގުގުރައިގަތެވެ.

ފާޚާނާއަށް ވަންނަން ކެންޒާ އުޅުމުން ފަހަތުން ލައިތު ވަންނަން ގަސްދުކުރިއެވެ. ކެންޒާ އެދުނީ މަޑުކުރުމަށެވެ. ހަށިގަނޑުގެ ގޮވާލުމަށް ބީރު ކަންފަތެއް ދެމުން ލައިތު ބޯޖަހާލީއެވެ. އޭނާ ތެތް އެއްޗެހި ބަލާފައި ތުވާއްޔެއް އުނުގައި އޮޅާލިއެވެ. އަދި ފާޚާނާ ދޮރުގައި ޖަހާލައި ދޮރުހުޅުވުމުން ބޭލީ އެއްޗެހި ކެންޒާއަށް ދިއްކޮށްލިއެވެ. ތެތްކޮށް ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އެނބުރިލި ވަގުތުން ގެއިން ކަރަންޓު ހިނގައްޖެއެވެ. ކެންޒާ ހަޅޭލަވައިގަތް އަޑު އިވުނެވެ. ދޮރު ކައިރިއަށް ޖެހިލި ލައިތުގެ ގައިގާ ފާޚާނައިން ނުކުތް ކެންޒާ ޖެހުނެވެ.

"ކަރަންޓު ދިޔައީ..." ލައިތު ނިކަން އަވަހަށް ބުނެލިއެވެ. ފޯނު ހޯދުމަށްފަހު އަލިކޮށްލިއެވެ. ކެންޒާ ފެނި އޭނާ ގަނޑުވީއެވެ. އެހިނދު ހަރަކާތްކުރީ ކެންޒާއެވެ. ލައިތުގެ އަތުގައި ހިފައި އެއްފަރާތްކޮށްލީ ފޯނުން އެޅިފައި ހުރި އަލިން ފެންނަން ހުރި ހާމަކަން ފޮރުވާށެވެ. ފާޚާނާއަށް ވެއްދި ތުވާލި ނަގައި ހަށިގަނޑުގައި އޮޅާލަން ކެންޒާ އަވަސްވެލިއެވެ.

"ގަފޫރުބެއަށް ގުޅާލަންވީނު." ކެންޒާ ވާހަކަދެއްކިއެވެ. ލައިތު ހޫން ލައްވާލުމާއެކު ގަފޫރަށް ގުޅިއެވެ. ރަށުގެ ބޮޑުބަޔަކުން ކަރަންޓު ގޮސްގެން އުޅޭކަން އެނގުނީ ދެނެވެ. ކިހިނެއް ހިނގައިގެން އުޅޭކަމެއް ގަފޫރަށް ވެސް އަދި ސާފުނުވާކަން ބުންޏެވެ. އަދި ކެބިންގައި އުއްބަތި ހުންނާނޭކަމާއި އެ ހުރި ތަން ގަފޫރު ބުންޏެވެ. ފޯނުކޯލު ނިންމާފައި އުއްބަތި ހޯދަން ލައިތު އައީ ބަދިގެއަށެވެ. އޭނާގެ ފަސްފަހަތުން ކެންޒާ އުޅުނެވެ. ކެބިންގެ އެކިދިމާގައި އުއްބަތިތައް ރޯކޮށް ހަރުކުރުމަށްފަހު ކޮޓަރީގައި ބަހައްޓަންވީ އުއްބަތި ހިފައިގެން ލައިތު އައެވެ. ރީތިވާ މޭޒު މަތީއާއި ދޮރުކައިރީ ހުރި ކުޑަކުޑަ ކޮފީ މޭޒުމަތީ އުއްބައްތިއެއް ލައިތު ބެހެއްޓިއެވެ.

"ނޭނގެއޯ ކަރަންޓު އަންނާނެ އިރެއް." ފާޚާނާއަށް ވަންނަމުން ލައިތު ބުންޏެވެ. ފާޚާނާތެރެ އަލިވިއެއްކަމަކު ކެންޒާއަށް ދޮރު ލައްޕާކަށް ނުކެރުނެވެ. ލައިތުގެ އަތަށް ދަމާލަމުން ދޮރުކައިރީ މަޑުކުރަން އެދުނެވެ. ފެންވަރާ ބައިގެ ބިއްލޫރިގަނޑު ދަމާލަމުން އެބަޔަށް ވަދެ ކެންޒާ ފެންވަރަށް ފެށީ ދެނެވެ.

ލައިތު ފާޚާނާއިން ނުކުތްއިރު ވެސް ތުވާލިކޮޅާއެކު ކެންޒާ އެނދުގައި އިންތަން ފެނުމުން ހައިރާންވިއެވެ. މިފަހަރު ކެންޒާގެ ހިތުގައިވާ އެއްޗެއް ދެނެގަތުން ލައިތަށް ފަސޭހައެއްނުވިއެވެ. ލައިތު އަންނަން ފެށުމުން ކެންޒާ ތެދުވިއެވެ. ގާތަށް ޖެހިލިއެވެ. ކެންޒާގެ ދެ ލޯ ބުނަން އުޅޭ އެއްޗެއް ތަޖުރަމާ ނުކުރެވުނަސް ލައިތުގެ ހަށިގަނޑު ހަރަކާތްކުރީ އޭގެ އަމިއްލަ ޒާތުގައި ކަހަލައެވެ. ކެންޒާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލުމާއެކު ލައިތުގެ ދެއަތްތިލައިގެ ފިނިކަން އިޙްސާސްވެ ދެ ލޯ މަރާލިއެވެ. ދަޢުވަތު ދެމުން ހާ އަޅާލި ދެތުންފަތަށް ލައިތުގެ ނަޒަރު ހުއްޓުނެވެ. ނޭވާގެ ހޫނުކަން އެކުވެ ދިގުދެމިގެންދިޔަ މީރުކަމެއް ދެ ނަފްސަށް ލިބިގެންދިޔައެވެ. އިސްވެ ދުރަށް ޖެހިލީ ލައިތެވެ.

"އާ ޔޫ ޝުއާ..." ކެންޒާގެ ދެ ލޮލަށް ބަލަމުން ލައިތު އަހާލިއެވެ. ކެންޒާ މަޑުމަޑުން ބޯޖަހާލީ ހުއްދަދެމުންނެވެ. އަދި ފައިގެ ކޮޅަށް އުފުލިލަމުން ލައިތުގެ ކަނދުރާގައި އެއްއަތް އަޅާލުމާއެކު ތެތް އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލިއެވެ.

"ލަ..އި..ތު... ޕްލީޒް..." ކުރުވެފައިވާ ނޭވާއާއެކު ކެންޒާއަށް އާދޭސް ކޮށްލެވުނެވެ. ލައިތުގެ ލަސް ބީހުންތަކުން ކެންޒާގެ ކެތްތެރިކަން ނެތިދަނީއެވެ. އެހެންވިޔަސް އަވަސްއަރުވާލުމުގެ ނިޔަތެއް ލައިތުގެ ނެތްފަދައެވެ. ކެންޒާއަށް ބަލާލަމުން ލައިތު ހީނލީއެވެ.

"އައި ނޯ ބޭބީ... ޔޫ އާ ސޯ ބިއުޓިފުލް." ކެންޒާގެ ހަށިގަނޑު ހާމަވަމުންދިޔަވަރަކަށް ލައިތުގެ ދަހިވެތިކަން އިތުރުވަމުން އައެވެ.

"ވެއިޓް." ތުވާލި އެއްކޮށް ވެއްޓުމުގެ ކުރިން ކެންޒާއަށް ލައިތުގެ އަތުގައި ހިފަހައްޓާލެވުނެވެ. (ނުނިމޭ)