އައިޝަތު ނަހުލާ

ޓްރާންސްޕޯޓްގެ ވައްކަން ނުބަލާ ކަމަށް ތުހުމަތު ކޮށްފި

ޓްރާސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިނގާ ވައްކަން ނުބެލޭ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީތެރޭގައި ހިނގާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިކޮށް އާންމުން ދަނީ އެ ވާހަކަތައް ދައްކަމުންނެވެ. ހިދުމަތުގެ ގޮތުން ބޮއްސުންލައިފައިވާ ޓްރާސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އެ މަސައްކަތަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏެއް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ކުންފުނި ހޮވި ގޮތާމެދުވެސް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެ ނިންމުމުގައި ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިމެނޭ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

މަޖިލީހުގައި ހިމެނޭ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަދި ކުރިން އޭޖީގެ ނާއިބް ކަން ކުރެެެއްވި އަހުމަދު އުޝާމް ވިދާޅުވީ މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ޓްރާސްޕޯޓް މިނިސްޓްރީތެރޭ ހިނގަމުންދިޔަ ވައްކަމެއްގެ ވާހަކަ ދެއްކެވިއެވެ. އެ ވާހަކަތައް އައީ ލީކުކޮށްލޮ އޯޑިއޯތަކެއްގައެވެ. ދަށު ދަރަޖައިގެ ހުތުރު ބަސްތަކެއް އަލީ ވަހީދު ބޭނުން ކޮށްފައިވާ އަޑު އިވޭ އެ އޯޑިއޯގައި ޓްރާސްޕޯޓްގައި ހިނގާދިޔަ ވައްކަމެއްގެ ވާހަކަ ވިދާޅުވެއެވެ. އުޝާމް ވިދާޅުވީ އެ މައްސަލަވެސް މި ސަރުކާރަށް ނުބެލުނު ކަމަށެވެ.

މީގެ އިތުރުން ބާ ބަސްތަކެއް ގެނެސްގެން ޓްރާސްޕޯޓުން ހިންގި ކޮރަޕްޝަންގެ މައްސަލަވެސް މި ސަރުކާރުން ބަލާފައިނުވާ ކަމަަށް އުޝާމް ވިދާޅުވިއެވެ.

“މިއަދު އަނެއްކާވެސް އަނެއް ވައްކަން ކޮށްފި. އެޅުނު އެއްވެސް ފިޔަވަޅެއް ނެތް. ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ،” އުޝާމްގެ ޓްވީޓްގައިވެއެވެ.

ދާދި ފަހުން ވަނީ ކުޅުދުއްފުއްޓާއި ހަނިމާދޫގައި ގެނައި ބާ ދެ ބަހެއް މަރާމާތު ކުރުމަށް ޓްރާސްޕޯޓުން ހަވާލުވި މައްސަލައެއްވެސް ފެންމަތިވެފައެވެ.

ޓްރާސްޕޯޓް މިނިސްޓަރަށް ހުންނެވީ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނެވެ. ނަހުލާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ސަރުކާރުން އެކަންކަމާ ވާހަކަ ދައްކަން ދެކޮޅު ހަދައެވެ. އަދި ފާޑުކިޔުން އަމާޒުވާ ކޮންމެ ފަހަރަކު ނަހުލާގެ ދިފާއުގައި ގާސިމް ނިކުންނަވައެވެ.