ހަބަރު

"އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައެއް ނުބެލޭނެ"

Dec 22, 2020
8

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ސިފައިންގެ އަސްކަރީ ރަށް، ގިރިފުށީގައި ބަންދުކުރި މައްސަލަ އިންތިގާލީ އިންސާފުގެ ގާނޫނުން ބެލޭނެ މައްސަލަތަކުގެ ތެރެއަށް ނުފެތޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ "ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ރޭގަ އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް ރައީސް ނަޝީދު ރާއްޖޭގެ ވެރި ކަމުގައި ހުންނެވި އިރު ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ މަފްހޫމުގެ ތެރެއަށް ފެތޭ ބާވަތުގެ މައްސަލައެއް ނޫނެވެ.
ސަބަބަކީ އެ ގާޒީއަށް އަނިޔާއެއް ލިބިފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ ގާޒީ އެކަހެރިކޮށްފައި ބެހެއްޓީ އިންސާފެއް ނެތި ރައްޔިތުން ހިފާ ހައްޔަރުކޮށް އަނިޔާކުރާ ގޮތަކަށް ނޫން ކަމަށާއި އެ ވެރިކަމުގައި ޖިސްމާނީ އަނިޔާކޮށް އިންސާނީ ހައްގުތަކަށް އަރައިގަނެ ހިނގައިދިޔަ ކަމެއް ނޯންނާނެ ކަމަށެވެ.

"އޭނާ ގާޒީއަކަށް އިންނެވިއިރު، ކޮންމެސް މީހަކު މަރައިލި މައްސަލައެއްގައި ހެލްތު މިނިސްޓަރު ޖަވާބުދާރީ ކުރުވަން ކަމަށް ވިދާޅުވެ އެމީހާ ދޫކޮށްލީ. އަނެއް ދުވަހު އެމީހާ ގޮސް އެހެން މީހަކު އަނެއްކާ މަރައިލީ ކިހާ ނުރައްކާ ކަންތައްްތައްތޯމީ،" އޭނާ ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނެއް ގެނެސްފައި ވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލާށެވެ. އެ މުއްދަތުގައި ހުރި އެފަދަ މައްސަލަތައް ބަލާނެ އިދާރާއެއް ވެސް މިހާރު ވަނީ އުފައްދާފަ އެވެ.