ހަބަރު

އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމުގެ ބިލު ތަސްދީގު ކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިއަދު ތަސްދީގު ކުރެއްވި އިސްލާހާއެކު ކައުންސިލުތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒު ކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާން ކޮށްފައި ވެއެވެ. އަދި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުން ކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު ހަދާނީ އެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީންނެވެ.

މީގެއިތުރުން، އެ އިސްލާހާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، އެ މާއްދާތަކާ ފުށުއަރާ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އެ ގާނޫނާއި އެ ގާނޫނުގެ މަގުސްދުތަކާއި ފުށުއަރާ ގާނޫނުތައް ފާހަގަކޮށް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާީ މިއަދުން ފެށިގެންނެވެ.