ހަބަރު

ފަތުރުވެރިންނާއި ދިވެހިން ތަފާތުކުރާތީ ފުޅަދޫގައި މުޒާހަރާ ކޮށްފި

ފަތުރުވެރިންނާއި ދިވެހިން ތަފާތު ކުރާ ކަމަށް ބުނެ ބ.ފުޅަދޫގައި މުޒާހަރާ ކޮށްފި އެވެ.

އެ ރަށުގެ ބައެއް ރައްޔިތުން ނިކުމެ މުޒާހަރާކޮށްފައިވަނީ ރަށު އޮފީސް ކުރިމަތީ ތިބެގެންނެވެ. ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ އެ މީހުން ވަނީ އެ ރަށުގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުމާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނީ ފަތުރުވެރިންނަށް ރަށްރަށައް އައިސް އުޅެވޭއިރު ރަށު ރައްޔިތުން ތިބެން ޖެހެނީ "ބަންދު" ގައި ކަމަަށެވެ. މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދަނީ "ރަށު ބަންދު" ން މިނިވަން ކޮށް ދިނުމަށް އެދިއެވެ.

ފުޅަދޫގެ ގެސްޓް ހައުސުްތައް މިއަދު ވަނީ ހުޅުވާފައެވެ. އަދި ބައެއް ފަތުރުވެރިން އެ ރަށައް ވަނީ ގޮސްފައެވެ.

ކުރިން ރަށްރަށުގައި ގެސްޓް ހައުސް ހުޅުވަން ހުއްދަ ދެނީ ކައުންސިލުން އެކަމުގެ ހުއްދަ ދީގެން ނަަމަވެސް މިހާރު އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ. ކުރިން އުސޫލު އޮތް ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށްފަހު ކައުންސިލުން ހުއްދަ ދިނުމުން ނޫނީ އެ ރަށެއްގައި ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ނުދެއެވެ. އޭރު ގިނަ ކައުންސިލްތަކުން ރައްޔިތުންގެ ރުހުން ނެތުމުން ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދީފައެއް ނުވެއެވެ. ޓޫރިޒަމުން އުސޫލު ބަދަލުކުރީ ގެސްޓްހައުސްތަކުގެ ވެރިން ވަރަށް ބޮޑަށް ޝަކުވާ ކުރުމުންނެވެ.