ދީން

"ގައިރު ދީންތަކުގެ އީދުތައް ފާހަގަކޮށް ތަހުނިޔާ ކިޔުން ހުއްދަ ނުވާނެ"

ގައިރު ދީންތަކުގެ އީދުތައް ފާހަގަކޮށް ތަހުނިޔާ ކިޔުން މުސްލިމުންނަށް ހުއްދަ ވެގެން ނުވާ ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއްޖެ އެވެ.

ނަޞާރާއިންގެ ދީނީ އީދެއް ކަމުގައިވާ ކްރިސްމަސް ދުވަސް ފާހަގަކުރުމާއި އަދި އެދުވަހުގެ ތަހުނިޔާ ކިޔުންވެސް މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ބަޔާންކޮށް ރާއްޖޭގެ 13 ދީނީ އިލްމުވެރިޔަކު ހިމެނޭ ގޮތަށް، "ކްރިސްމަސް، ދީނީ ނަޒަރަކުން" ގެ ނަމުގައި ވީޑިއޯއެއް މިއަދު އާންމުކޮށްފިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

އިލްމުވެރިން ވަނީ ގުރްއާނާއި ސުންނަތާއި އަދި އުއްމަތުގެ ބޮޑެތި އެތައް އެތައް ދަންނަބޭކަލުންނާ ހަވާލާދެއްވާ، ކްރިސްމަސް ފާހަގަ ކުރުމަކީ މުސްލިމުންގެ އެއްކައުވަންތަކަމުގެ އަގީދާއާއި ފުށުއަރާ ކަމެއްކަން ބަޔާންކޮށް އަދި އެއީ މުސްލިމުން ބައިވެރިވުން ހުއްދަވެގެންވާ ދުވަހެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި މުސްލިމުންގެ އަގީދާއާއި ކްރިސްމަސް ތިން ގޮތަކުން ހިލާފުވާ ކަމަށް އެ ބޭފުޅުން ވިދާޅުވެފައެވެ. އެއީ ﷲ އަށް ދަރިކަލަކު ލިބިގެންވާ ކަމަށާއި، އީސާ އަލައިހިއްސަލާމް އަކީ އިލާހެއް ކަމަށް ގަބޫލުކުރުމާއި އަދި ކީރިތި ގުރްއާނުގައި އީސާ އަލައިހިއްސަލާމް އުފަންވެ ވަޑައިގަތީ ހޫނު މޫސުމުގައި ކަމަށް ބަޔާންވެފައި ވަނިކޮށް އެއީ ފިނި މޫސުމުގައި ޑިސެމްބަރު މަހުގައި ހިނގި ކަމެއް ކަމަށް ދެކުން އެ އިލްމުވެރިން ފާހަގަ ކުރައްވައެވެ.

މިކަން ގަބޫލު ނުކުރާ ހާލުވެސް މިކަމުގައި އެއްވެސް ގޮތަކަށް ބައިވެރިވެއްޖެ ނަމަ، އެޝިރުކުގައި ބައިވެރިވެ އަދި އެދޮގު ބުހުތާނުތަކަށް ހެކިވެވެނީ ކަމަށް ވެދާނެ ކަމަށް އެކަންކަމާއި ދުރުވުމަށް އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.