ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑަކީ މުޖުތަމައަށް ހަމަލާދެމުންދާ ސުނާމީއެއް: ޝާހިދު

Dec 26, 2020
1

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ ބަލިމަޑުކަމަކީ، ބިޔަ ރާޅެއްގެ ސިފައިގައި މުޅި މުޖުތަމައަށް ހަމަލާދެމުންދާ "ސުނާމީއެއް" ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަ ކުރައްވައިފި އެވެ.

މީގެ 16 އަހަރު ކުރިން ރާއްޖެއާއެކު ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން މިއަދު ފާހަގަކުރާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، އެ ދުވަހު ރާއްޖެއަށް ލިބުނު ގެއްލުންތައް ޝާހިދު ސިފަކުރެއްވީ ހަނގުރާމައިގެ މައިދާނެއްގައި ލިބުނު ގެއްލުންތަކެއްގެ ގޮތުގައި އެވެ.

"އަޅުގަނޑުމެންގެ ގެދޮރާއި އަޅުގަނޑުމެން ބިނާތައް ފުނޑުފުނޑުވެ ރަށްތައް ގޮވާފައި ހުއްޓާ އަޅުގަނޑު ދުށިން. ރާއްޖޭގެ ލޮލުން އެދުވަހު އަންނަމުން ދިޔަ ކަރުނަ އަޅުގަނޑު ވަރަށް ގާތުން ދުށިން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސުނާމީ ހާދިސާއަށް 16 އަހަރު ފުރިގެންދާއިރު، ދުނިޔޭގެ އެކި ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމާކު ރާއްޖެއިން އެކަމުން އަރައިގަނެވިފައިވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.

"އެ ހަގީގީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން. އެއްބައިވަންތަކަން. ރާއްޖޭގެ ރައްޔިތުން 26 ޑިސެމްބަރު 2004 ގައި އެދިމާކުރި ވަރުގަދަ ރާޅާއެކު އެއްބައިވެގެން އެކުވެރިވެގެން އެދިޔަ ދުވަހަށްވުރެ ގަދަޔަށް ދިވެހި ރައްޔިތުން އެއްބައިވި ދުވަހެއް ރާއްޖޭގެ ތާރީހުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ސުނާމީ ކާރިސާއަށްފަހު، އަނެއްކާވެސް މުޅި ދުނިޔެއާއެކު ރާއްޖެވެސް ކުރިމަތިލަމުން މިދަނީ މާ ނުރައްކާތެރި، ލޮލަށް ނުފެންނަ ސުނާމީއަކާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް. މުޅި ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، މިކަމުން އަރައިގަތުމަށްވެސް ދިވެހި ހިދުމަތްތެރިންނާއި އާއްމުންގެ ދައްކަމުންދާ ހިތްވަރާއި، އެއްބައިވަންތަކަމަކީ ޝުކުރުވެރިކަމާއިއެކު ފާހަގަކޮށްލަންޖެހޭ ހިދުމަތްތަކެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ.