ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ރަނގަޅީ މަހުގެ ވިޔަފާރިން ސަރުކާރު ނުކުތުން"

މަސްވެރިކަމުގެ ސިނާއަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރި ކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިންގެ އިހުތިޖާޖުތައް ވަރަށް ބޮޑަށް ބޮޑުވެފައިވަނިކޮށް މިރޭގެ ޖަލްސާގައި ރަައީސް ވަނީ މަސްވެރިންގެ ޝަކުވާތަކާއި ގުޅޭގޮތުން ވަރަށް ތަފަސީލްކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރި ކަމަކީ ވެސް، މިހާރަށްވުރެ ވެސް ބޮޑަށް، ދުނިޔޭގެ މަގުބޫލުކަން ހޯދޭނެ ސިނާއަތެއް ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރި ކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށާ ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް އެމަނިކުފާނަށް ގަބޫލުނުކުރޭ ކަމަށް ވިދާޅުވި އެވެ.

"މި ވަގުތު އެކަން ކޮށްފި ނަމަ، މަސްވެރި ކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓް ކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް,"

މަސްވެރިކަމުގެ ސިނާއަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ. ނަމަވެސް މި ވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މި ވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އެބައޮތް
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށާ ވަރަށް ގިނަ ލުއިތަކެއް ވެސް ދިން ކަމަށެވެ. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން ކަމަށާ ސަރުކާރުން މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުންދާ ކަމަށާ އެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ހާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ. ވޭތިވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސްޓީއޯ އިން މިފްކޯއަށް 571 މިލިއަން ރުފިޔާ ވަނީ ދީފައި. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި،" މިފްކޯގެ ހާލަތާއި ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ، މިފްކޯގެ 14 އަހަރުގެ ތާރީހުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށެވެ. މިިދިޔަ އަހަރު 48494 ޓަނުގެ މަސް އެ ކުންފުނިން ވަނީ ގެނަފައެވެ. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ ވެސް މިދިޔަ 2019 ވަނަ އަހަރު ކަމަށާ އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ 903.7 މިލިއަން ރުފިޔާ އެވެ.

"އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައި. މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްޓަކައި ކޮންމެ ބަޔަކުވެސް މަސްވެރިންނަށް ގިނަ ވައުދުތަކެއްވެއެވެ. މި ސަރުކާރުންވެސް މަސްވެރިންނަށް ގިނަ ވައުދުތަކެއްވިއެވެ. ނަމަަވެސް އެ ވައުދުތައް ނުފުއްދި މަސްވެރިން ވަނީ ރުޅިގަދަވެފައެވެ. މަސްވެރިން ގެންދަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ފެލިވަރާއި އިހަންވަންދޫގައި މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ. އަދި ގުޅީ ބޭރުގައި ސަތޭކައެއްހާ މަސްވެރި ދޯނިތައް އެއްވެ ޔޫނިއަންއެއް އުފައްދާ މަސްވެރިންގެ ހައްގުގައި ވަނީ އަޑުއުފުލާފައެވެ.