ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ބަސް ހޯދައި ގާނޫނު ލާޒިމް ކުރާ ގޮޮތަށް އެކުގައި މަސައްކަތްކުރެވޭނެ ނިޒާމެއްގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް ލަސް ނުވެ ބައްޓަން ވެގެން ދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަމީދު މިހެން ވިދާޅުވީ ގއ، ވިލިނގިލީގައި ނައިބާހުޑް ޕޮލިސްގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމިޝަނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނުުގައި އަތޮޅުތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގަން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުން ގެންނަން މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން ޒިންމާދާރު ކުރުވުމަށް އެ ހިދުމަތުގައި ވޭތުވެދިޔަ 87 އަހަރުގެ ތާރީހުގައި ލިބިފައި ނުވާ މިންވަރަށް އެ ގާނޫނުން ޖާގަ ހޯދައިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއެކު އުފެދިގެންދާ ޕޮލިސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ހޯދައިދޭނެ ބޯޑެއް ކަމަށެވެ.
ކޮމިޝަނާ މި މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ފުލުަސް ގާނޫނަށް ގެނައި އިސްލާހު ތަކާމެދު ގިނަ އާންމުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުންތައް ވަނީ ފާޅުކޮށްފަ އެވެ.