ދާދިފަހުން ރަންބީރު ކަޕޫރު ވަނީ ޓީވީ ޝޯއެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ލޯބިވެރިޔާ އާލިއާ ބަޓް އާ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެފަ އެވެ. އަދި ކޮރޯނާވައިރަހުގެ ވަބާ ދުނިޔެއަށް ނުފެތުރުނުނަމަ މިހާރު އެ ދެ މީހުން ތިބީހީ ކައިވެނި ކޮށްގެން ކަމަށް ވެސް ރަންބީރު ބުނެފައި ވެއެވެ. މި ވާހަކަތައް ދެއްކިތާ މާ ގިނަ ދުވަހެއް ނުވެ މިދިޔަ އަންގާރަ ދުވަހު ރަންބީރު ވަނި އާލިއާ އާއި ދެ ފަރާތުގެ އާއިލާގެ ގިނަ ބަޔަކު ގޮވައިގެން އިންޑިޔާގެ ޖައިޕޫރުގައި އޮންނަ ރަންތަންބޯ ކިޔާ ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން ފުރާފަ އެވެ.
ދެ ފަރާތުގެ އާއިލާގެ ގިނަ ބަޔަކާއެކު މި ދެ ތަރިން ފުރުމާ ގުޅިގެން އިންޑިޔާގެ ނޫސްތަކުން ބުނެފައި ވަނީ މިއީ ރަންބީރާއި އާލިއާގެ އެންގޭޖްމެންޓް ބާއްވަން ދިޔަ ދިޔުމެއް ކަމަށެވެ. މި ދަތުރުގައި މި ދެ ތަރިން އެންގޭޖްވާނެ ކަމަށެވެ.
ރަންބީރު އާއި އާލިއާގެ އިތުރުން ދީޕިކާ ޕަދުކޯން އާއި ފިރިމީހާ ރަންވީރު ސިންގް ވެސް ޖައިޕޫރަށް ފުރާފައި ވެއެވެ. އަދި އާލިއާ-ރަންބީރު އެކުގައި ކުޅޭ "ބްރަހްމަޝްތުރަ" ގެ ޑައިރެކްޓަރު އަޔާން މުކަރުޖީ ވެސް ހަމަ އެ ރަށަށް ދާން ފުރަން ގޮސް ހުއްޓާ ވަނީ ފެނިފަ އެވެ.
އިންޑަސްޓްރީގެ ބައެއް މީހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނި ގޮތުގައި އާލިއާގެ ބައްޕަ މަހޭޝް ބަޓް އާއި ރަންބީރުގެ ދައްތަ ރިދިމާ ސަހާނީ އަދި ރަންބީރުގެ ދެބެންގެ ދެދަރި އާދަރް ޖެއިން ވެސް މިހާރު ޖައިޕޫރުގައި އާލިއާމެން ތިބޭ ރިސޯޓުގައި އެބަތިއްބެވެ. އަދި މިހާރު ގޯއާގައި ޗުއްޓީ ހޭދަ ކުރަމުންދާ ޑައިރެކްޓަރު ކަރަން ޖޯހަރް މިއަދު ހެނދުނުގެ ވަގުތެއްގައި އާލިއާ މެން ތިބޭ ރިސޯޓަށް ދަތުރުކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
"މި ހުރިހާ އެންމެން ވެސް ތިބެނީ ރަންތަންބޯގައި ހުރި އަމަން ހޮޓަލުގައި. އެންމެ ކުރިން އަހަރެމެން ވެސް ހީކުރީ އާ އަހަރު ފާހަގަ ކުރަން އެންމެން އެތަނަށް ދިޔައީ ކަމަށް. ނަމަވެސް އާލިއާ އާއި ރަންބީރުގެ އާއިލާގެ އެންމެންނާއި ގާތް އެކުވެރިންގެ ތެރެއިން އެންމެން ކަހަލަ ގޮތަކަށް އެއްފަހަރާ އެ ތަނަށް ދިޔައިމަ މިއީ އާދައިގެ ޗުއްޓީ ދަތުރެއް ނޫންކަން ޔަގީންވި. މިހާރު ޚަބަރުތައް އިވޭ ގޮތުން މިއަދުގެ ވަގުތެއްގައި އާލިއާ އާއި ރަންބީރުގެ އެންގޭޖްމަންޓް ސެރެމަނީ އޮންނާނެ،" އިންޑަސްޓްރީގެ މީހަކު ބުންޏެވެ.