ދީން

ތައުހީދު މުހިންމު ވަނީ ކީއްވެ؟

މާތް ﷲ އާ އެވެސް ފަރާތެއް ބައިވެރިނުކޮށް، އެއްކައުވަންތަކުރުމާއެކު އެއިލާހަށް ބޯލަނބައި ކިޔަމަންގަނެ، ޝިކުރު ކުރުމާއި، ޝިރުކު ކުރާ މީހުންގެ ކިބައިން ބަރީއަވެ، ފާފަތަކަށް އެރައިގަތުމުން ސަލާމަތްވެ ހުރުމީ، އަޅުތަކުން އެބައިމީހުންގެ ވެރި ރައްބަށް އަދާކުރަންޖެހޭ ޙައްޤެވެ. މި ޙައްޤު އަދާކޮށްފި މީހަކަށް އޮތީ، މާތް ﷲ ގެ ރުއްސެވުމާއި ސުވަރުގެއެވެ.

މާތް ﷲ ރުއްސުންލެވި މުޢާޒު ބުނު ޖަބަލު ވިދާޅުވެފައިވެއެވެ. "އެއްފަހަރަކު މާތް ނަބިއްޔާ صلى الله عليه وسلم ގެ ސަވާރީގައި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިމަން އިންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ މާތް ﷲގެ ޙައްޤާއި، އަޅުތަކުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ޙައްޤަކީ ކޮބައިކަން ކަލޭގެފާނަށް އެނގިލައްވާތޯއެވެ؟"

މުޢާޛުގެފާނު ވިދާޅުވިއެވެ. "މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ." އެހިނދު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން، އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ، އެބައިމީހުން ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމާއި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ." އަދި އަޅުގަތަކުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ޙައްޤަކީ، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށްފި އަޅަކަށް، އެކަލާނގެ ޢަޛާބު ނުދެއްވުމެވެ." މި ޙަދީޘް ރިވާކުރެއްވީ އަލްބުޚާރީއާއި މުސްލިމެވެ.

އިންސާނާ ދުނިޔޭގައި ލެއްވީއްސުރެ، އާޚިރަތުގެ ގޮވައްޗާއި ހަމައަށް ކުރާ ދަތުރުގެ ހުރިހާ ބާއްޖަވަރިކަމެއް ލައްވާފައިވަނީ މާތް ﷲ އެއްކައުވަންތަކުރުން މަތީގައި ދެމިހުރުމުގެ މައްޗަށެވެ. އިންސާނުން ޚަލްޤު ކުރެއްވުމުގެ މަޤްޞަދަކީ މާތް ﷲ އެއްކައުވަންތަކޮށް ތައުޙީދު ޤާއިމު ކުރުމެވެ. އެއިލާޙު ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ (الذاريات 56) މާނައީ: "އަދި ތިމަން އިލާހަށް އަޅުކަންކުރަން މެނުވީ ޖިންނީންނާއި އިންސީންވެސް ޚަލްޤު ނުކުރައްވަމެވެ."

އިންސާނާގެ ފިޠުރަތަކީ ތައުޙީދެވެ. ތައުޙީދުގެ މަތީގައި ދެމިތިބުމަށާއި ޝިރުކުން ބަރީއަވުމަށްވަނީ އަންގަވާފައެވެ. ﴿ فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لاَ يَعْلَمُونَ ﴾ (الروم: 30) މާނައީ: "ފަހެ ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބާވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."

ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނީ ތައުޙީދަށް ގޮވައިލެއްވުމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلَّا أَنَا فَاعْبُدُونِ﴾ (الأنبياء : 25 ) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި ތިމަން އިލާހުއަށް އަޅުކަން ކުރާށެވެ!"

މުކައްލިފެއްގެ މައްޗަށް އޮތް އެންމެއިސް ވާޖިބަކީ ތައުޙީދު؛ އުނގެނުމާއި، ފަހުމުވުމާއި، ދަސްކުރުމާއި، ޢަމަލު ކުރުމާއި، އެއަށް ދަޢުވަތު ދިނުމެވެ. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މުޢާޛުގެފާނު ޔަމަނުގެ އަހުލުވެރިންގެ ގާތަށް ފޮނުއްވިއިރު އެކަލޭގެފާނަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الكِتَابِ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى، فَإِذَا عَرَفُوا ذَلِكَ، فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ، فَإِذَا صَلَّوْا، فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ، تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ، فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ، وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ» متفق عليه މާނައީ: "ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ބައެއްގެ ތެރެއަށެވެ. ފަހެ، ކަލޭގެފާނު އެންމެ ފުރަތަމަ އެމީހުންނަށް ﷲ ގެ އެއްކައުވަންތަކަމަށް (ތައުޙީދަށް) އީމާންވުމަށް ދަޢުވަތުދޭށެވެ! އެކަން އެމީހުން ޤަބޫލުކޮށްފިނަމަ، މާތް ﷲ އެމީހުންގެ މައްޗަށް ރެޔަކާއި ދުވާލު ފަސްނަމާދު ފަރުޟުކުރެއްވިކަން އެމީހުންނަށް އަންގައިދޭށެވެ! އެމީހުން ނަމާދު ކުރަންފެށުމުން، މާތް ﷲ އެމީހުންނަށް އެމީހުންގެ މުދަލުން ޒަކާތް ފަރުޟު ކުރެއްވިކަން އަންގައިދޭށެވެ! (އެ ޒަކާތަކީ) އެމީހުންގެ މުއްސަނދިންގެ އަތުންނަގައި އެމީހންގެ ތެރޭގައިތިބި ފަޤީރުންނަށް ދެވޭނެއެއްޗެކެވެ. އެކަމަށް އެމީހުން އެއްބަސްވެއްޖަނަމަ، އެމީހުންގެ އަތުން ޒަކާތުގެ މުދާ ނަގާށެވެ! އަދި މީސްތަކުންގެ އަގުބޮޑު މުދަލަށް ކަލޭގެފާނު ރައްކާތެރިވެ ލައްވާށެވެ!"

އިސްލާމް ދީނަށް ވަންނަން އެދޭމީހާ ތައުޙީދުގެ ކަލިމަ ދުލުން ކިޔަންޖެހެއެވެ. މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދު صلى الله عليه وسلم އަކީ އެކަލާނގެއަޅާ އަދި ރަސޫލާ ކަމަށް ހެކިވުމުން މެނުވީ މުސްލިމަކު ކަމުގައި ނުވެއެވެ.

ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖާއި މާތް ﷲ ގެ މަގުގައި ކުރެވޭ ޖިހާދާއި އެނޫންވެސް ޢަމަލުތައް ޤަބޫލު ކުރެއްވުންވަނީ ތައުޙީދުގެ މަތީގައި ޤާއިމުވެ ހުރި މީހެއްގެ ކިބައިން އެކަންޏެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَلَوْ أَشْرَكُواْ لَحَبِطَ عَنْهُم مَّا كَانُواْ يَعْمَلُونَ ﴾ (الأنعام 88) މާނައީ: "އެބޭކަލުންވެސް (ﷲ އަށް) ޝަރީކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލު ވީހެވެ."

ބަރަކާތް ލައްވަނީ ތައުޙީދުގެ ސަބަބުންނެވެ. ﴿ وَلَوْ أَنَّ أَهْلَ الْقُرَى آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالْأَرْضِ وَلَكِنْ كَذَّبُوا فَأَخَذْنَاهُمْ بِمَا كَانُوا يَكْسِبُونَ ﴾ (الأعراف: 96) މާނައީ: "ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ."

ތައުޙީދަކީ ފާފަތަކުގެ ކައްފާރާއެކެވެ. ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ވެރި ރައްބުގެ އަރިހުން ރިވާކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ބިން ފުރޭހައި ފާފައާގެން ތިބާ ތިމަން އިލާހުއާއި ބައްދަލުކުރާހިނދު، ތިމަން އިލާހާ އެހެން އެއްވެސް ފަރާތަކާއި ޝަރީކު ނުކުރާނަމަ، އެއާ އެއްފަދަ ފާފަފުއްސެއްވުމެއް ދެއްވާހުށީމެވެ!"

މުސްލިމަކު މި ޙަޔާތާއި ވަކިވަމުންވެސް ކިޔަންޖެހޭނެ ކަލިމައަކީ ތައުޙީދުގެ ކަލިމައެވެ. އެކަލިމަ ކިޔައިފި މީހަކީ ދިންނަވާ ނަސީބު ލިބިގެންވާ މީހެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ» رواه أبو داود މާނައީ: "އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا اللَّهُ ކަމުގައިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ."

ކައްވަޅުގައި އެންމެ ފުރަތަމަ ކުރެވޭނޭ ސުވާލަކީ ތައުޙީދުގެ ސުވާލެވެ. « مَنْ رَبُّكَ ؟ وَمَا دِينُكَ ؟ وَمَنْ نَبِيُّكَ ؟ » "ތިބާގެ ރައްބަކީ ކޮން ފަރާތެއް ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟ ތިބާގެ ނަބިއްޔާއަކީ ކޮން ބޭކަލެއް ހެއްޔެވެ؟"
އާޚިރަތް ދުވަހުގައި ޝަފާޢަތް ލިބޭނީ ތައުޙީދުގެ އަހުލުވެރިންނަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَوْمَئِذٍ لاَ تَنْفَعُ الشَّفَاعَةُ إِلاَّ مَنْ أَذِنَ لَهُ الرَّحْمَنُ وَرَضِيَ لَهُ قَوْلاً ﴾ (طه: 109) މާނައީ: "ރަޙްމާނުވަންތަ ރަސްކަލާނގެ އެމީހަކަށް އިޛުނަ ދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެދުވަހުން ޝަފާޢަތްތެރިވުމުގެ މަންފާއެއް ނުކުރާނެތެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ، مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قَلْبِهِ، أَوْ نَفْسِهِ» رواه البخاري މާނައީ: "ޤިޔާމަތް ދުވަހުގައި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބުމުގެ ސަބަބުން އެންމެ ބޮޑު ބާޖަވެރިއަކަށްވާނެ މީހަކީ އޭނާގެ ހިތުން، ނުވަތަ އޭނާގެ ނަފްސަށް އިޚްލާޞްތެރިކަމާއެކު لاَ إِلَهَ إِلَّا اللَّهُ ކިޔައިފި މީހާއެވެ."

ސުވަރުގެ ވަނުމުގެ ތަޅުދަނޑިއަކީ ތައުޙީދުގެ ކަލިމައެވެ. އަދި ނަރަކައިން މުއްތިކުރެވުމުގެ ސަބަބެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ ﴾ (المائدة: 72) މާނައީ: "ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކު ކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ."

ވީމާ، ޝިރުކުން ބަރީއަވެ، މާތް ﷲ އެއްކައުވަންތަކުރުން މަތީގައި ދެމިހުރެއްޖެ މީހަކީ ބާއްޖަވެރިއެކެވެ. ޝިރުކުގެ މަތީގައި މަރުވެގެން ގޮއްސި މީހަކީ އާޚިރަތުގައި މާތް ﷲ ގެ ކޯފާއާއި ޢަޛާބު ޙައްޤުވެފައިވާ މީހެކެވެ.