މިނިސްޓްރީ އޮފް ޓޫރިޒަމް

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ނެރެން ފަށައިފި

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީގެ އާ މަޖައްލާ އެއް ނެރެން ފަށައިފި އެވެ.

ފުރަތަމަ މަޖައްލާ މިއަދު ވަނީ ނެރެފައެވެ. ފުރަތަަމަ މަޖައްލާ ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އިނގިރޭސި ބަހުން ނެރޭ މަޖައްލާ މަހަކު އެއް ފަހަރު ނެރޭނެ ކަމަަށެވެ. މި މަޖައްލާގައި އެ މިނިސްޓްރީގެ މަސައްކަތްތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތައް އެ ދާއިރާގެ މައުލޫމާތާއި ހަބަރުތައް ހިމަނާފައިވާނެ އެވެ.

އަދި ކޮންމެ މަޖައްލާއެއްގައިވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިންގެ ތެރެެއިން ދިވެއްސެއްގެ މައުލޫމާތު ގެނެސްދޭނެ އެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ހިމަނާފައިވެއެވެ. އޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަންޖެހުމާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ނަމަވެސް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލުކުރެވިފައިވާކަން އެ މަނިކުފާނު ވަނީ ފާހަގަަކުރައްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި ގައުމުތަކަށް މި ބަލިމަޑުކަމުން އަރައިގަނެވި، ރާއްޖޭގެ ފަތުރުވެރި ކަމަށް އިތުރު އާރޯކަމާއި ދިރުން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.