ގޭގޭގެ ވަކި ކޮޓަރީގައި ޓޫރިސްޓުނަށް ތިބެވޭ ގޮތަށް ތައާރަފު ކުރާ "ހޯމްސްޓޭ" ގެ ނުރައްކާތެރިކަން ބުނެދީ އެކަން ހުއްޓާލަން ދީނީ އިލްމު ފެތުރުމުގެ މަސައްކަތަށް ހާއްސަކޮށް އުފައްދާފައިވާ ޖަމިއްޔަތުއް ސަލަފުން ސަރުކާރަށް ގޮވާލައިފި އެވެ.
ސަލަފުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެ ދިވެހިންނަކީ ރިވެތި އަހްލާގާއި ހަރުދަނާ ދިރިއުޅުމުގެ ސާދާ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައިސްފައިވާ ސައްތައިން ސައްތަ އިސްލާމީ ސުންނީ މުޖުތަމައުއެއް ކަމަށާ ފުދުންތެރިކަން އިތުރުކޮށް ތަރައްގީގެ މަގުގައި ގައުމު ފިޔަވަޅުތައް އަޅަމުން މިހާ ހިސާބަށް އައިސްފައިވާއިރުވެސް ދިވެހީން ސާދާ ދިވެހިވަންތަ ވައްޓަފާޅި ދެމެހެއްޓުމަށް އިސްކަންދީފައިވާކަން ތާރީހު ހެކިދޭ ކަމަށެވެ.
އެގޮތުން 1972 ގައި ފަތުރުވެރިކަން ތައާރަފުކުރިއިރުވެސް ފަޅުރަށްރަށުގައި ރިސޯޓު ހަދާފައިވުމާއި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ހެދުން އެޅުމާއި އެހެނިހެން ކަންކަމުގައިވެސް އެމީހުން އަމަލުކުރަންޖެހޭ ގަވާއިދުތަކެއް އެކަށައަޅާފައި އޮތުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުން އެތައް އަހަރުތަކަކަށް މަނާކޮށްފައި އޮތް އޮތުންވެސް ފާހަގަކޮށްލެވޭ ކަމަށެވެ.
"ނަމަވެސް ތަރައްގީގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ތައާރަފުކޮށް ބަނގުރާ އާންމުކުރުމަށް ހައްދުފަހަނަ އަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކޮށްފައިވާކަމީ މާޒީން ފެންނަށް އޮތް ހަގީގަތެކެވެ. އޭގެ ބައެއް ކަންކަން ރައްޔިތުން ނުކުމެ ހުއްޓުވާފައިވާއިރު އަނެއްބައި ކަންކަން ފައިސާގެ ދަހިވެތިކަން ދައްކައިގެން ރައްޔިތުން ލައްވާ ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ހިންގަމުން އަންނައިރު އޭގެތެރެއިން ލިބޭ އިގްތިސާދީ ނަފާއަށްވުރެ ރަށުގެ އަހްލާޤީ ފޭރާން ވީދި ހަފުސްވެ ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި ސާދާ ތާހިރު ދިރިއުޅުން ނެތި ބައެއް މުޖުތަމައުތައް މިދަނީ ހަލާކުވަމުންނެވެ. އަދި އިއްޔެ އެފަދަ ވިޔަފާރިތަކުން ލިބޭނަފާއަށް ބަލައި އެކަންކަމަށް ތާއިދުކުރި އެތައް ބަޔަކަށް ހެޔޮވިސްނުން ލިބި ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން ލިބޭ އެހެން ގެއްލުންތަކާ މެދު ކަންބޮޑުވުންތައް އެކިއެކި ސިފަސިފައިގަ ފާޅުކުރަންވަނީ ފަށާފައެވެ،"
ސަލަފުން ބުނީ މިމަގަށް ކަންތައްތައް ހިނގަމުން އަންނަނިކޮށް މި އަހަރު އަނެއްކާވެސް މުޅިން އައު ވައްތަރަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގޯތި ގެދޮރުތަކުގައި "ހޯމް ސްޓޭ" ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރުނޫން މުސްތަގުބަލެއްގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހްލާގިއްޔާތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިގެންދާނެ ކަމެއްކަމަށް އެ ޖަމާއަތުން ދެކޭ ކަމަށެވެ.
ގެސްޓުހައުންގެ ގޮތުގައި ފަރުތުވެރިންނަށް ހިދުމަތް ދިނުމަށް ވަކިވަކި ތަންތައް ހަދައި ހިންގަމުންދިޔުމުގެ ސަބަބުން ރަށްރަށުގައި މުންކަރާތައް އާންމުވަމުންދާއިރު މީހުން ދިރިއުޅޭ ގޭގޭ ތެރޭގައި މިކަން ތައާރަފު ކުރުމަކީ އޭގެ ސަބަބުން އެބައެއްގެ ހިމާޔަތާއި ރައްކާތެރިކަމުގައި އަޅުގަނޑުމެންގެ ޖަނާއި މާލުން ގުރުބާންވާންޖެހޭ އަހުލުންނާއި ދަރިންގެ އިއްފަތާއި އަބުރު ގެއްލި އާއިލާތައް ރޫޅި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެން ދާނެކަ މެއްކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
"އެހެންކަމުން ހޯމްސްޓޭ ތައާރަފްކުރުން ހުއްޓާލުމަށް މި ފުރުސަތުގައި ސަރުކާރަށް ގޮވާލަމެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް އިލްތިމާސްކުރަމެވެ. އަދި ހަމަ މި ފުރުސަތުގައި ލިބޭ މާލީ މަންފާއަށް ޓަކައި ދަރިންގެ މުސްތަގްބަލު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން ގޮވާލަމެވެ. ހަލާލު ގޮތުގައި ބޮޑު ނަފާ ލިބޭ އެހެން ދާއިރާތަކާއި ވިޔަފާރިތަކަށް މިސްރާބު ޖަހައި ގައުމުގެ ދީނާއި ދިވެހިންގެ ރިވެތި ދިރިއުޅުމުގެ ސާދާ އިސްލާމީ ވައްޓަފާޅި ސަލާމަތް ކުރުމަށް ހޯމްސްޓޭ ފަތުރުވެރިކަމުން ދުރުހެލިވުމަށް ގޮވާލައި އެންމެހައި ރައްޔިތުންނަށް ވަސިއްޔަތް ކުރަމެވެ. ގައުމުގެ އިޖްތިމާއީ ފޭރާން ހިފަހައްޓައި ދީނާއި ގައުމު ދެކެ ލޯބިވާ ރިވެތި މަކާރިމުލް އަހްލާގުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ހަނދުމަކޮށްދެމެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.