ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މަރުވާ މީހުން ވަޅުލުމަކީ ބަލިފެތުރޭ ކަމެއް ނޫން ކަމަށް ފަންނީ ޑޮކްޓަރުންގެ ޖަމާއަތަކުން ބުނެފި

ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަކީ ބަލި ފެތުރޭ ސަބަބެއް ނޫން ކަމަށް ސްރީލަންކާގެ "ކޮލެޖް އޮފް ކޮމިއުނިޓީ ފިޒިޝަންސް" (ސީސީޕީއެސްއެލް) އިން ވަރަށް ކަށަވަރު ކަމާއެކު ބުނެފި އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި މަރުވާ މީހުން ވަޅުލުމުގެ ސަބަބުން ބަލި ފެތުރޭ ކަމަށް ދައްކާނެ ހެއްކެއް ގަރީނާއެއް ނެތެވެ.

"ސީސީޕީއެސްއެލް" އަކީ ސްރީ ލަންކާގައި ކޮމިއުނިޓި މެޑިސިން ސްޕެޝަލިސްޓުންގެ އެންމެ ބާރުގަދަ ޖަމާއަތެވެ. މައިގަނޑު ގޮތެއްގައި ހުރިހާ މެންބަރުންނަކީ ވެސް ގުޅުންހުރި ދާއިރާތަކުގައި ޕޯސްޓް-ގްރެޖުއޭޓުންނެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނަނީ މަރުވާ މީހުން ވަޅުލަން ވާނީ އެމީހެއްގެ އާއިލާއިން އެދޭ ގޮތަކަށް، މިނިސްޓްރީ އޮފް ހެލްތުން މިކަހަލަ ހާލަތްތަކަށް ކަނޑައަޅާ އުސޫލުތަކުގެ ދަށުން ކަމަށެވެ. ގަރުބު ވަޅުލުމަށް ނުވަތަ އަންދާލުމަށް އާއިލާއަށް އިޚްތިޔާރު އޮންނަންވާނެ ކަމަށާއި މިކަމުގައި ދުނިޔެ ކަންކުރާ ގޮތަށް ވެސް ބަލަންވާނެ ކަމަށެވެ.

ސީސީޕީއެސްއެލްގެ ބުނުމަކީ މިފެންވަރުގެ ޖަމާއަތަކުން މިހާތަނަށް ބުނި އެންމެ ބާރުގަަދަ ބުނުމެވެ. އަދި މިއީ ކޮވިޑްގައި މަރުވާ މީހުންނާ މެދު ލަންކާ ސަރުކާރުން އަމަލުކުރާ ސިޔާސަތަށް ގޮންޖެހުމަކަށް ވާނެ އެވެ.

ސްރީ ލަންކާގައި ކޮވިޑްގައި މަރުވާ މީހުން އަންދާލަން މަޖުބޫރުކުރުން ވެފައި ވަނީ ބޮޑު ރިހުމަކަށެވެ. ލަންކާގައި ނުފޫޒުގަދަ ބުޑިސްޓް ހާމުދުރުން ސަރުކާރަށް ލަފާދީފައި ވަނީ ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުން، އެމީހުންގެ ގައިން ފައިބާ ދިޔަ ވެލިގަނޑު ތެރެއިން ފޭއްދި ފެންފަށަލައަށް ފޯރާނެ ކަމަށެވެ. އަދި ބިމުން ފެން ނަގައިގެން ބޭނުންކުރާ މީހުންނަށް ބަލިޖެހޭނެ ކަމަށެވެ.

ހާމުދުރުން އެބުނާ ގޮތަށް ބައްޔެއް ފެތުރޭ ނަމަ ލަންކާގައި އެބައެއް ވާނީ ފެތުރިފަ އެވެ. އަދި ކޮވިޑަށް ވުރެ ނުރައްކާތެރި ބަލިތައް ވެސް ހުންނާނީ ފެތުރިފަ އެވެ.

ގަބުރުން ދިޔަ ނުފައިބާނެ ގޮތެއް ކަމަށް ލަންކާއިން ދެން ނިންމީ ކޮވިޑްގައި މަރުވާ މީހުން ކޮންކްރީޓް ފޮށިތަކެއްގައި ނުވަތަ ކޮންކްރީޓް ބިންގަރާހެއްގައި ވަޅުލުމަށެވެ. މިކަން މިގޮތަށް ކޮށްފި ނަމަ ދެން އުފެދޭނީ ކޮންފަދަ ބަލާއާފާތެއްކަން އިންސާނީ ދަރިފަސްކޮޅު ނުދެހެނުއްޓެވެ.

ކޮވިޑްގައި މަރުވާ މީހުން އަނދާލަން މަޖުބޫރުކުރަނީ ހަމައެކަނި ދެގައުމަކުންނެވެ. އެއީ ސްރީ ލަންކާ އަދި ޗައިނާ އެވެ.

ދުނިޔޭގައި ޚަލްގްކުރެއްވި އެންމެ މާތް ދިރުމަކީ އިންސާނުންނެވެ.