ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބޮޑުވަޒީރު ރާޖަޕަކްސާއަށް އަދަބުކުޑަކުރުމަކީ ބޮޑު މައްސަލައެއް

ސްރީ ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މުސްލިމުން ވަޅުލަން ހުއްދަ ދެއްވާނެ ކަމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕްކްސަ ވިދާޅުވެފައި ވަނިކޮށް، ސަރުކާރު ހިންގުމާ ހަވާލުވެ ތިއްބެވި ބައެއް ބޭފުޅުން، ބޮޑުވަޒީރަށް ވަކި ގޮތެއް ނުނިންމެވޭނެ ކަމަށް ދޭހަވާ ގޮތަށް ވަނީ ވާހަކަ ދައްކަވާފަ އެވެ. މިކަމާ ގުޅިގެން ސްރީ ލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) އިން ބުނީ މި ފެންނަނީ ސިސްޓަމް ފާލުން ނެއްޓުމުން ފެންނަ ސިފަތަކެއް ކަމަށެވެ.

މުސްލިމް ކޮންގްރެސްގެ ލީޑަރު، އެމްޕީ ރައޫފް ނޫސްވެރިންނަށް ވިދާޅުވީ ބޮޑުވަޒީރަށް އަދަބު ކުޑަކޮށް ސަރުކާރު ތެރެއިން ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ކޮވިޑްގައި މަރުވާ މުސްލިމުން ވަޅުލަން ހުއްދަ ދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައި އެވަނީ ސަރުކާރުގެ ނިންމުން ކަމަށެވެ. އިތުރު ބުނުމެއް ނެތި އެކަން އެ އޮތީ ހަމަޖެހިފައި ކަމަށެވެ.

ރައޫފް ވިދާޅުވީ ސަރުކާރު ތެރޭގައި ގުރޫޕް ހަދައިގެން ބައިބައިވާ ގޮތަށް ވާހަދައްކައި ބޮޑުވަޒީރާ މެދު ސުވާލު އުފެއްދުމުން ފުރުސަތު ބޮޑީ ފިތުނައަށް ކަމަށެވެ. އެއިން އެކަކަށް ވެސް ވަކި މޮޅެއް ވަކި ކުރިއެރުމެއް ލިބުން ދުރު ކަމަށެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވި ވިދާޅުވުމަށް ރިއާޔަތްކޮށް ސްޓޭޓް މިނިސްޓަރު، ޝުދަރުޝިނީ ފެނާންޑޮޕުއްލޭ ވިދާޅުވީ މުސްލިމުން ވަޅުލުމާ ބެހޭ ގޮތުން އެންމެ ފަހު ބަސް ބުނާނީ ފުންނާބު އުސް މާހިރުންގެ ޓީމަކުން ކަމަށެވެ.

ކެބިނެޓް ކޯސްޕޯކްސްމަން، އުދަޔާ ގަމަންޕިލާ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެންމެ ފަހު ގޮތް އިޚުތިޔާރުކުރާނީ ޑައިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަސޭލާ ގުނަވަރުދަނާ ކަމަށެވެ.

ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އަންދަން މަޖުބޫރު ކުރުމަކީ ދުނިޔެ ކަންބޮޑުވެފައި އޮތް ކަމެކެވެ. ބައިނަލްއަގްވާމީ އިދާރާތަކުން ލަންކާއަށް ނަސޭހަތްތެރި ވަނީ އެކަން އެގޮތަށް ނުކުރުމަށެވެ. ދީނީ ގޮތުން އަދި ލޯބިވާ މީހުން އެދޭ ގޮތަށް މަރުވާ މީހުންނަށް އަދަބުއަދާކޮށް ލޯބި ދިނުމަށް ހުރަސް ނޭޅުމަށެވެ. އެކަމަކު ވެސް މިއީ ލަންކާއަށް އިވޭ އަޑަކަށް ނުހަދަ އެވެ.