ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގައި އާންމު ތަންތަނަށް ވަދެއުޅުމަށް ކޮވިޑް ކާޑެއް

ލަންކާގައި އާންމުން އާންމު ތަންތަނަށް ވަދެ އުޅުމަށް ކޮވިޑް ކާޑެއް ބޭނުން ކުރަން ފަށަނީ އެވެ. ޖެނުއަރީ 1، 2022 އިން ފެށިގެން ވެކްސިން ސެޓްފިކެޓެއް ނެތް ނަމަ އެމީހަކަށް އާންމުން އެއްވެ އުޅޭ ތަންތަނަށް ވަނުން މަނާވާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ އާދީއްތަ ދުވަހު މިކަން އިއުލާން ކުރައްވަމުން ވިދާޅުވީ މަގުސަދަދީ ކޮވިޑްގެ އާ ވައްތަރުތަކާ ގުޅިގެން ލަންކާއަށް އަރާ ރާޅު ލަސް ނުކޮށް ހިންދާލުމެވެ.

ރަނަތުންގާ ވިދާޅުވި ލަންކާއަށް މިއަހަރު އޭޕްރީލްގައި އެރި ކޮވިޑްގެ ތިން ވަނަ ރާޅު، ޑޭލްޓާ ވޭރިއަންޓާ ގުޅިގެން، ވަރަށް ބޮޑުވަރުވި ކަމަށާއި އެދުވަސް އަލުން ތަޖުރިބާ ކުރަން އާންމުން ވެސް ނޭދޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުން ސަރުކާރުން އަވަހަށް ފިޔަވަޅުތައް އަޅަން ފަށައިފި ނަމަ ހަތަރު ވަނަ ރާޅެއް އެރި ނަމަވެސް އިސާހިތަކު ހިންދާލެވި ދާނެ އެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އެކުލަވާލާފައި އޮތް ގޮތަށް އަމުރު ތަންފީޒު ކުރުމަށް ސިއްހީ އޮފިޝަލުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ލޮކްޑައުންގައި ހަމަސް ހޭދަ ކުރުމަށް ފަހު އަނެއްކާ ވެސް އެހާ ދިގު މުއްދަތަކަށް ގައުމު ތަޅުލެވެން ނެތް ކަމަށެވެ.

ލަންކާގައި މިހާރު ވެސް މާސްކު އެޅުމާއި އެއްތަނެއްގައި ވަކި ވަރަކަށް ވުރެ މީހުން ގިނަތޯ ފުލުހުން ބަލަ އެވެ. އަދި އެކަށީގެން ނުވާ އަމަލުތަކަށް އަދަބު ވެސް ދެ އެވެ.

ލަންކާގައި އެންމެ ފުރަތަމަ ކޮވިޑް ބަލިމީހެއް ފެނުނީ މާޗް 2020 ގައެވެ. އެއަށް ފަހު 578،439 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުން ކޮވިޑްގައި ލަންކާއިން 14،720 މީހުން މަރުވި އެވެ.