ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖީ7

ކޯވެކްސް މެދުވެރިކޮށް ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދެނީ

ކޮވިޑުން އަރައިގަތުމަށް އެންމެ މުހިންމީ ފަގީރު ގައުމުތަކަށް އެހީތެރިވުން ކަމަށް ދުނިޔޭގެ އެންމެ މުއްސަދި ގައުމުތަކުން ބުނެފި އެވެ. ޖީ7 ގައުމުތަކުގެ ވެރިން އޮންލައިންކޮށް ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވަނީ ކޯވެކްސް ޕްރޮގްރާމް މެދުވެރިކޮށް ފަގީރު ގައުމުތަކަށް ވެކްސިން ލިބޭނެ ގޮތްތަކެއް ނިންމާފާ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން ވިދާޅުވީ، ދުނިޔެއަށް ވެކްސިން ފޯރުކޮށް ދިނުމުގައި ޗައިނާއާ ރަޝިއާއިން އަމަލު ކުރާ އުސޫލަށް ޔޫރަޕާއި އެމެރިކާއިން އަމަލު ކުރަންޖެހޭ ކަމަށެވެ. ޗައިނާއާ ރަޝިއާއިން އެފްރިކާ އަދި ފަގީރު އެހެން ގައުމުތަކަށް ހިލޭ ވެކްސިން ފޯރު ކޮށްދިނުމުގައި އުޅެނީ މާ ކުރީގައި ކަމަށެވެ.

އެމެރިކާ އަދި އީޔޫއިން ބުނީ ކޯވެކްސް ޕްރޮގްރާމް ހަލުއި ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ފޯރޮކޮށް ދޭ އެހީތެރިކަން ދެގުނަ އިތުރު ކުރާނެ ކަމަށެވެ. އެގޮތުން ޔޫރަޕުން ފޯރުކޮށްދޭ އެހީ އެއްބިލިއަން ޔޫރޯއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޔޫރަޕިއަން ކޮމިޝަން ޗީފް އުރުސެލާ ވޮން ޑާ ލޭޔަން ޓްވިޓާގައި ވިދާޅުވެފައި ވަނީ ދުނިޔެ ރައްކާތެރި ކޮށްގެން މެނުވީ ރައްކާތެރި ކަމެއް ނެތް ކަމަށެވެ.

އެމެރިކާއިން ބުނީ ޖޯ ބައިޑަން އެޑްމިނިސްޓްރޭޝަނުން މިހާރު ފޯރުކޮށްދޭ ދެ ބިލިއަން ހަތަރު ބިލިއަނަށް އިތުރު ކުރާނެ ކަމަށެވެ.

ޖަރުމަނުން ބުނީ ފަންޑު އިތުރުކޮށް އަދި ކޯވެސް ކުރިއަށް ޖައްސައިގެން ނޫން ގޮތަކަށް ބަލިމަޑުކަމުން އަރައިގަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ޖަރުމަނުން ވަނީ ފަންޑު 1.5 ބިލިއަން ޔޫރޯ އަށް ޖައްސާފަ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖީ7 ގައުމުތައް މަޝްވަރާއަށް ގެންނަވާފައި ވަނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ. އޭނާ ވިދާޅުވީ ޔޫކޭއަށް ބޭނުންވާ ވަރަށް ވެކްސިން ނަގާފައި ހުރި އަދަދެއްގެ ބޮޑުބައި ކޯވެސްއަށް ދޭނެ ކަމަށެެވެ. އިނގިރޭސި ސަރުކާރުން ވަނީ ސިއްހަތު ޖަމިއްޔާއަށް 548 މިލިއަން ޕައުންޑް ދީފަ އެވެ.

މުއްސަނދި ގައުމުތަކުން ވެކްސިން ބައްކުރާތީ ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ކޮންބޮޑުން ފާޅުކޮށްފަ އެވެ. ޑައިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެގްރެޔެސުސް ވިދާޅުވި ގޮތުން ދުނިޔެއިން ޒިންމާ އަދާނުކޮށްފި ނަމަ ވެއްޓޭނީ މަލިމަޑުކަމުގެ އަނދަވަޅަކަށް ކަމަށެވެ.