ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މީހުން އަންދާލަން މަޖުބޫރު ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އިނގިރޭސިވިލާތުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސާރާ ހަލްޓަން ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ ދީނީ ގަބޫލު ކުރުންތަކަށް އިހްތިރާމް ކުރުމަށާއި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ކަމޭހިތުމަށް ލަންކާ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ.
އެމްބެސެޑަރު ޓްވީޓާއަށް ނުކުމެވަޑައިގެން ވިދާޅުވީ "މައްޔިތާއަށް ކަމޭ ހިތުމަށް ދިރިތިބީންނަށް ލިބޭ އެންމެ ފަހުގެ ފުރުސަތަކީ ގަބުރު ވަޅުލުން ކަމަށާއި. ބައިނަލްއަގްވާމީ ސިއްހީ އިރުޝާދުތަކާ އެއްގޮތަށް އަދި ދީނީ އާދަކާދައާ އެއްގޮތަށް، ގާތްތިމާގެ މީހުންނަށް އެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ލަންކާ ސަރުކާރާއެކު މިކަމާ ވެސް މަޝްވަރާ ކުރާ ކަމަށެވެ.
ލަންކާގައި ބުދިސްޓުންގެ ގޮވާލުމަކީ ކޮވިޑްގައި މަރުވާ މީހުން އެންދުމެވެ. މިއީ ކޮވިޑްގައި ނޫނަސް މަރުވާ މީހުންނާ މެދު ބުޑިސްޓުން އަމަލުކުރާ އާންމު އުސޫލެވެ.
ލަންކާ ސަރުކާރުން އަމަލުކުރާ އާންމު އުސޫލަކީ ކޮވިޑްގައި މަރުވާ ހުރިހާ މީހުން އެންދުމެވެ. އެހެން ނަމަވެސް މިކަން ވެފައި ވަނީ މުސްލިމުންނަށް ނުހަނު ބޮޑު ހިތާމައަކަށެވެ.
ލަންކާގައި މުސްލިމުން އަންދަން މަޖުބޫރު ކުރާތީ މި މައްސަލަ ވަނީ ބައިނަލްއަގްވާމީ މައިދާންތަކަށާއި ޖަމާތްތަކަށް އުފުލާފަ އެވެ. ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މުސްލިމުން ނޭނދުމަށް އދން ވެސް ވަނީ އެގައުމަށް ގޮވާލާފަ އެވެ.
ބައިނަލްއަގްވާމީ ޖަމާއަތްތަކުން ލަންކާއަށް ގޮވާލަނީ ދުނިޔޭގައި ސިއްހީ ގޮތުން އަމަލުކުރަމުން އަންނަ އުސޫލުތަކާށް ތަބާވުމަށާއި ކޮވިޑްގެ ހާލަތަށް އެއްގޮތަށް މުސްލިމުން ވަޅުލަން ފުރުސަތު ދިނުމަށެވެ.