ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުސްލިމް ހަށިގަނޑުތައް އަންދާ މައްސަލަ

ލަންކާގައި ކޮވިޑްޖެހިގެން މަރުވި ނުވަ މީހަކު ވަޅުލައިފި

ސްރީލަންކާގައި ކޮވިޑް ބަލީގައި މަރުވި ނުވަ މީހަކު އިއްޔެ ވަޅުލައިފި އެވެ. އާމީ ކޮމާންޑަރު ޝަވެންދުރާ ސިލްވާ ވިދާޅުވީ މިއަދު ވެސް މީހުން ވަޅުލާނެ ކަމަށާއި ހުރިހާ ކަމެއް ވެސް މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ.

ސްރީ ލަންކާގައި ކޮވިޑްގައި މަރުވާ މީހުން ވަކި ނަސްލަކަށް ދީނަކަށް ނުބަލައި އަންދަމުންދިއަ މައްސަލަ ހޫނުވެ އެކަން ވަނީ އދ. އާ ހަމައަށް ފޯރާފަ އެވެ. އެކުވެރި ގައުމުތަކުން ލަންކާއަށް ދިން ނަސޭހަތް ވެސް ލަންކާއިން އަޑުއަހައި މީހުން ވަޅުލާން ނިންމި ނިންމުންމާ ހެދި އަދި ވެސް ލަންކާ އޮތީ އުދާސްވެފަ އެވެ. އެހެން ނަމަވެސް، އދ. އާ ޔޫރަޕުން ވެސް ރާޖަޕަކްސާގެ ދެބެންގެ ސަރުކާރުގެ މި ނިންމުމަށް ތާއީދު ކުރެ އެވެ.

ކޮވިޑްގައި މަރުވާ މީހުންގެ ތެރެއިން މުސްލިމުން އަދި ކްރިސްޓިއަނުން ވަޅުލާން ފެށުމުން އާއިލާތަކަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފަ އެވެ. އުންމީދަކީ މި އުސޫލު މިގޮތުގައި ދެމެހެއްޓިފައި އޮތުމެވެ.

ކޮވިޑްގައި މަރުވާ މީހުން ވަޅުލާން ޖެހެނީ ސިއްހަތާ ބެހޭ އިދާރާއިން ދައްކާ ތަނެއްގައި އަދި ސިއްހީ މާހިރުން ދެއްވާ އިރުޝާދާ އެއްގޮތަށެވެ. މީހަކު ވަޅުލާން ޖެހޭ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް، ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ވަނީ ކަރުދާސް ކުރައްވާފަ އެވެ.

ލަންކާގައި އާންމު ގަބޫލު ކުރުމަކީ ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުން އެމީހުންގެ ގައިން ފައިބާ ދިޔަ، ބޯ ފެން ފަށަލައަށް ފޭދި އަދި އެ ފެން ބޯ މީހުންނަށް ބަލި ޖެހުމެވެ. މިއީ ސައިންސަށް ބިނާކޮށް އެމީހުން ގަބޫލުކުރާ ކަމެއް ނޫނެވެ. ލަންކާގައި މީގެ ކުރިން ވެސް ބޮޑެތި ބަލިތަކުގައި މީހުން މަރުވެ އެވެ. އަދި ވަޅުލާ މީހުންގެ ފަރާތުން އެބަލި އެހެން މީހަކަށް ޖެހިފައި ހުރި ކަމެއް ސާބިތު ކުރެވޭކަށް ނެތެވެ.