ސްރީލަންކާގައި ކޮވިޑް ބޫސްޓަރު ޝޮޓާ ބެހޭ ގޮތުން އާންމުންނަށް ރަނގަޅު މައުލޫމާތު ލިބިފައި ނެތް ކަމަށް ސިއްހީ އިދާރާތަކުން ބުނެފި އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން އާންމުން ދިން ތަރުހީބާ އަޅާ ބަލާއިރު ބޫސްޓާ ޑޯޒަށް އެއްވެސް ސަޕޯޓެއް ނުލިބެ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުން 13.8 މިލިއަން މީހުން ކޮވިޑް ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 4.1 މިލިއަން މީހުންނެވެ.
ބޫސްޓާ ޑޯޒަށް މީހުން ޝައުގުވެރި ނުވަނީ ވެކްސިނަކީ ކަމެއްވާ އެއްޗެއް ނޫން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކުގެ ސަބަބުން ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.
އާންމުންގެ ޝަކުވާތައް ހުރީ ގަޔަށް ޖަހަން ޖެހޭ ވެކްސިން ގިނަވާތީ ކަމަށް އޮފިޝަލުން ބުނެ އެވެ. ދެތިން ޑޯޒް ޖެހި ނަމަ ވެސް ކޮވިޑުން ރައްކާތެރިވާނެ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލު ނުކުރާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.
ކޮވިޑަށް ވެކްސިން ދޭން ފެށުމާއެކު އާންމުން ކިޔޫތަކަށް ދުއްވައިގަތެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން ދެޑޯޒް ޖަހަން ޖެހި، ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ވެސް ކޮވިޑް ޖެހި ބޮޑުވަރުވާތަން ފެނުމުން ވެކްސިނަށް އިތުބާރު ނުކުރާ މީހުން ލަންކާގައި ގިނަ އެވެ.
ލަންކާ ހެލްތު ޕްރޮމޯޝަން ބިއުރޯގައި ވާހަކަ ދައްކަވަމުން ޕްރޮފެސަރު ސަރަތު ވިދާޅުވި ގޮތުގައި ބޫސްޓާ ޑޯޒަށް އެންމެ ބޮޑަށް އިންކާރު ކުރަނީ 60 އަހަރުން މަތީ މީހުންނެވެ.
އޭނާ ވިދާޅުވީ ބަލި ޖެހުމުން ބޮޑުވަރު ވަނީ ވެސް އެއުމުރުގެ މީހުންނަށް ކަމަށެވެ. އަދި ވިދާޅުވީ ވެކްސިނާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ދެވިފައި ނުވުމަކީ ވެސް ބޫސްޓާ ޑޯޒަށް އިންކާރު ކުރަން އޮތް އުޒުރެއް ކަމަށެވެ.
އެހާ ގިނައިން ވެކްސިން ޖެހުމަކީ ރައްކާތެރި ކަމެއްތޯ މީހުން ސުވާލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮވިޑަކީ އެއްފަހަރު ކާބޭސް ގުޅައަކުން ރައްކާތެރި ވެވޭ ބައްޔެއް ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.