ރާއްޖެ ކުޅިވަރު

މިއަދު ވެލެންސިއާ އާއި ބީޖީ، މެޗު ގަލޮޅު ދަނޑުގައި

އުރޫދީ ދިވެހި ޕްރެމިއާ ލީގުގެ މެޗުތައް ގަލޮޅު ދަނޑަށް ބަދަލުކޮށް، ލީގުގެ ދެ ވަނަ ބުރު ވެލެންސިއާ އާއި ބީޖީގެ މެޗުން މިއަދު ހަވީރު ފަށަން ނިންމައިފި އެވެ.

މިއީ މިނިވަން50ގެ ކުޅިވަރުތަކަށް ދަނޑުބޭނުން ކުރުމުން ދަނޑުގެ ވިނަގަނޑު އެއްކޮށް ހަލާކުވުމުން ދަނޑުގައި އަލުން ވިނަ އިންދުމަށްފަހު ކުޅޭ ފުރަތަމަ މެޗެވެ. ދަނޑުގެ ވިނަގަނޑު މުޅިން ނިންމާލެވިފައިނުވާތީވެ ލީގުގެ ފުރަތަމަ ބުރުގެ ފަހު ހަތަރު މެޗު ކުޅުނީ ވެސް ޓާފް ދަނޑުގަ އެވެ. މިއީ ގަލޮޅު ދަނޑު ހެދީއްސުރެ އެ ދަނޑު ނޫންތަނެއްގައި މާލޭގައި ރަސްމީ މެޗުތަކެއް ކުޅުނު ފުރަތަމަ ފަހަރެވެ.

މެޗުތައް ކުޅެން ދަނޑު ދީފައިވާއިރު، ދަނޑުގައި ރޯލަރު އަޅައި ފަސްގަނޑު ހަރުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ގޮސްފައިނުވެ އެވެ.

ލީގުގެ ފުރަތަމަ ބުރު ވެލެންސިއާ ނިންމާލީ ހަ ޕޮއިންޓާއެކު ހަ ވަނާގައި އޮވެގެންނެވެ. ބީޖީ އަށް ފުރަތަމަ ބުރުން އަށް ޕޮއިންޓާއެކު ލިބުނީ ހަ ވަނަ އެވެ.

ފުރަތަމަ ބުރުން އެއްވަނަ ހޯދީ 17 ޕޮއިންޓާއެކު ޗެމްޕިއަން ނިއު ރޭޑިއަންޓެވެ. އެ ޓީމު މިރޭ ކުޅޭނީ 10 ޕޮއިންޓާއެކު ފުރަތަމަ ބުރުން ހަތަރު ވަނަ ހޯދި އީގަލްސްއާ އެވެ. ލީގުގައި މާދަމާ ހަވީރު ކުޅޭނީ ޓޭބަލުގެ ފުލުގައި އޮތް މަހިބަދޫ އާއި ވިކްޓަރީ އެވެ. މާދަމާ ރޭ ކުޅޭނީ ޓީސީ އާއި މާޒިޔާ އެވެ. މީގެ ތެރެއިން 14 ޕޮއިންޓާއެކު ޓީސީ ދެ ވަނާގައި އޮތްއިރު ތިން ވަނާގައި މާޒިޔާ އޮތީ 12 ޕޮއިންޓާއެކުގަ އެވެ. އަދި ވިކްޓަރީ އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.