ހަބަރު

ޒިޔަތުގެ ބަންދަށް 15 ދުވަސް ޖަހައިފި

Oct 24, 2015

ރޭ ހައްޔަރު ކުރި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޒިޔަތުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ޒިޔަތުގެ ބަންދަށް މިއަދު 15 ދުވަސް އިތުރު ކުރީ ކޯޓަށް ގެންދިޔުމުން ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒިޔަތުގެ މައްޗަށް ވެސް ކުރާ ތުހުމަތަކީ ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގައި ބައިވެރިވުމުގެ ތުހުމަތެވެ. އެހެން ނަމަވެސް ޒިޔަތުގެ ވަކީލުން އިއްޔެ ބުނެފައި ވަނީ އޭނާ އާ ސުވާލު ކުރަމުން ދަނީ ކޮރަޕްޝަންގެ މައްސަލަތަކެއްގައި ކަމަށެވެ. ޒިޔަތު މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ ފުލުހުންގެ އިދާރާއަށް ގެންގޮސް ސުވާލުކޮށްފަ އެވެ.

ޒިޔަތުގެ އެޕާޓްމަންޓް ވެސް ބަަލައި ފާސްކޮށް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ. އަދި އެމްއެމްޕީއާރުސީ ވެސް ފާސްކޮށް އެތަން އަދިވެސް ހުރީ ފުލުހުުންނާއި ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. ޒިޔަތަކީ ނައިބު ރައީސްގެ ވަރަށް އަރިސް ބޭފުޅެކެވެ.

ޒިޔަތު ހައްޔަރު ކުރި އިރު ނައިބު ރައީސް ވެސް މިއަދު ވަނީ ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފަ އެވެ. އެމަނިކުފާނުގެ މައްޗަށް ކުރަނީ ގައުމަށް އެންމެ ބޮޑު ހިޔާނާތްވުމުގެ ތުހުމަތެވެ. އަދީބުގެ ބޮޑު ބޭބެ، ހާމިދު އިސްމާއިލްގެ ގެ ވެސް މީގެ ކުރިން ފާސްކޮށް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ.