ބޮލީވުޑް

"ތާންޑަވް" – ސައިފް ބޮޑުވަޒީރުކަން ހޯދަން ކުރާ ހަނގުރާމަ

ސައިފް އަލީ ޚާންގެ "ސެކްރެޑް ގޭމްސް" ކަމުދާއިރު އޭނާގެ "ތާންޑަވް" ވެސް ކަމުދާނެ އެވެ. ބޮލީވުޑް އެކްޓަރުގެ މި އާ ސީރީޒް ޖެނުއަރީ 15 އިން ފެށިގެން އެމެޒޯން ޕްރައިމް އިން ސްޓްރީމް ކުރަން ފަށާނެ އެވެ. އަދި މި ސީރިޒްގެ ފުރަތަމަ ޓްރެއިލާ މިދިޔަ ހޯމަ ދުވަހު ވަނީ ރިލިޒް ކޮށްފަ އެވެ.

މި ޝޯގައި ސައިފްގެ އިތުރުން ޑިމްޕަލް ކަޕާޑިއާ، ސާރާ ޖޭން ޑިއަސް، ސުނިލް ގްރޯވަރު، ޑީނޯ މޯރިއާ ބައިވެރިވެ އެވެ.

މި ޝޯގެ ފުރަތަމަ ޓްރެއިލާގައި ފެންނަނީ ސައިފްގެ ބައްޕަގެ މަރެވެ. ޓްރެއިލާ ބުނާ ގޮތުން ސައިފްގެ ބައްޕައަކީ އިންޑިއާގެ ބޮޑުވަޒީރެވެ. އެހެންކަމުން ޝޯގައި ފެންނާނީ ބޮޑުވަޒިރުކަން ހޯދަން ސައިފް އާއި ދެން ވެސް އެކަމަށް ފެންބޮވައި ގަނެފައިވާ ބާރުގަދަ އެތައް ބަޔަކު ކުރާ ވަރުގަދަ ހަނގުރާމަ އެވެ.

މީހުން މެރުމާއި، ބްލެކްމެއިލްކުރުން، ތަފާތު ބިރު ދެއްކުމުގެ އަމަލުތައް މި ޕޮލިޓިކަލް ގޭމްގައި ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ކަމަށް ޓްރެއިލާ ބަލާލުމުން ޔަގީން ކުރެވޭނެ އެވެ.

"ތާންޑަވް"ގެ ޓްރެއިލާ

ޑިމްޕަލް އާއި ސުނިލް މި ޝޯގައި ކުޅެނީ ނެގެޓިވް ގޮތްތަކެއް އެކުލެވޭ ކެރެކްޓާ ތަކެކެވެ.

ސައިފް ބުނި ގޮތުގައި މި ޝޯގައި އޭނާގެ ކެރެކްޓާގައި ވެސް ނެގެޓިވް ސިފަތަކެއް ހުންނާނެ އެވެ. އަދި އިންޑިއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް މި ވަގުތު ބޮޑު ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ފިލްމުތަކާއި ޓީވީ ސީރީޒްތަކުގައި ވާހަކަތައް ކިޔައިދީ ހުށަހަޅާ ގޮތަށް ބޮޑު ބަދަލެއް އަންނަމުންދާ ކަމަށް ސައިފް ބުންޏެވެ.

މި ޝޯ ޕްރޮޑިއުސްކުރަނީ ހިމަންޝޫ ކިޝަން މެހެރާ އާއި އަލީ އައްބާސް ޒަފަރް އެވެ. އަލީ އައްބާސް ޒަފަރް އަކީ ބޮލީވުޑްގައި މިހާރު ވަރަށް ނަން މަޝްހޫރު ޑައިރެކްޓަރެކެވެ. ސަލްމާން ޚާން މި ފަހުން ކުޅުނު ގިނަ ފިލްމުތަކެއް އަލީ ޑައިރެކްޓްކޮށްފައި ވެއެވެ. މިއީ ޑިޖިޓަލް ޕްލެޓްފޯމެއްގައި އަލީ ޑައިރެކްޓްކުރާ ފުރަތަމަ ސީރީޒްއެވެ. އަދި ޑިމްޕަލް ވެސް ޑިޖިޓަލް ދުނިޔެއަށް ނުކުންނަނީ މި ޝޯ އިންނެވެ.
މި ޝޯގެ ޓްރެއިލާ ރިލީޒްކުރުމާއި އާ އަހަރާ އަލީ ގުޅުވާލީ އޭނާގެ ހަޔާތުގެ ވެސް މުހިއްމު ސަފުހާއެއް އެއްލުމާ އެކުގަ އެވެ. އެއީ މި ދުވަސްވަރާ ދިމާކޮށް އޭނާގެ އަލަތު ކައިވެނީގެ ރަސްމިއްޔާތުވެސް ބޭއްވީމަ އެވެ.

ޑީމްޕަލް މި ޝޯގައި ކުޅެނީ ޕާޓީގެ ސީނިއާ މެމްބަރެއް ކަމަށްވާ އަނޫރާދާގެ ރޯލެވެ. އޭނާ ވެސް އޭނާއަށް ލިބިފައިވާ ހުރިހާ ބާރެއް ބޭނުންކޮށްގެން މަސައްކަތްކުރަނީ ބޮޑުވަޒީރުގެ މަގާމު ހޯދާށެވެ. ނުވަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވަރުގަދަ ޕޮލިޓިކަލް ޑްރާމާ ލިޔެފައިވަނީ ގޯރަން ސޯލަންކީ އެވެ.