ގިނަ ކުލަބުތަކުގައި އެސިސްޓެންޓް ކޯޗުންގެ މަސްއޫލިއްޔަތަކީ، ޓީމުގެ ހެޑް ކޯޗަށް ޓެކްނިކަލީ އެހީތެރިވުމެވެ. މެޗުގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަމެއް ފާހަގަ ކުރެވުނަސް އެސިސްޓެންޓުން އެކަން ހެޑް ކޯޗްގެ ސަމާލު ކަމަށް ގެންދެ އެވެ. ބައެއް މެޗުތަކުގައި ކުލަބު އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) ލައިނަށް ނުކުމެ ކުޅުންތެރިންނަށް އިރުޝާދު ދެ އެވެ. ނަމަވެސް ހުރިހާ މެޗު ތަކެއްގައެއް ނޫނެވެ.
ކުލަބު ވެލެންސިއާގެ ހާލަތު ތަފާތެވެ. އެސިސްޓެންޓް ކޯޗް އިސްމާއީލް އާސިފް (ކުޑަހީނާ) ލައިނަށް ނުކުމެ ކުޅުންތެރިންނަށް އިރުޝާދު ދިނުން އާންމު ގޮތެއްގައި ފެނެ އެވެ. އޭނާގެ ދައުރު ޓީމުގައި މާ ފުޅާ ކޮށް އޮތް ހެން ހީވެ އެވެ. ބެންޗުގައި އިށީނދެގެން އިނދެ ވެސް ވަކި ގޮތަކަށް ހެދުމަށް ކުޅުންތެރިންނަށް ގޮވާ ހަދަ އެވެ. ވެލެންސިއާގައި އޮތީ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ގެ ކޮންޓްރޯލް ތޯ، ނުވަތަ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި ހީނާގެ ކޮންޓްރޯލް ތޯ ސުވާލެއް އުފެދެ އެވެ.
އާތީގެ ކޮންޓްރޯލެއް ވެލެންސިއާގައި އެބައޮތް ހެއްޔެވެ؟ އެ ކޮންޓްރޯލް އޮތް ނަމަ އެ އޮތް މިންވަރަކީ ކޮބައި ހެއްޔެވެ؟ ޓީމު ޓެކްޓިކަލް ރޭވުމާއި ޕްލޭން ކުރުމުގައި އާތީގެ ދައުރަކީ ކޮބައި ހެއްޔެވެ؟
އޭނާ ބުނީ، ވެލެންސިއާގެ ކޯޗިން ޑިޕާޓްމެންޓް ވެސް މަސައްކަތް ކުރަނީ ކޯޗިން ޓީމެއްގެ ގޮތުގަައި ކަމަށާއި އޭނާގެ މައްޗަށް އަދި އެހެން މީހެއްގެ މައްޗަށް ވެސް އެކަކު އަނެކަކުގެ ނުފޫޒެއް ނޯންނާނެ ކަމަށެވެ.
"އަހަރެމެން ވެލެންސިއާ އަކީ ޓީމެއް އަހަރެމެން އެކަކު އަނެކަކުގެ މައްޗަށް ނުފޫޒެއް ނޯންނާނެ އޯޕަންކޮށް އެންމެން މަސައްކަތް ކުރަނީ ޕްލޭއަރުންނާ މެނޭޖުމެންޓާ ކޯޗިން ސްޓާފުންނާ ވަރަށް އެއްކޮށް މި މަސައްކަތް ކުރަނީ އެހެންވީމަ ވަރަށް ބޮޑު އެހީތެރި ކަމެއް އަހަންނަށް ލިބޭ ހީނާގެ ފަރާތުން،" އާތީ ވާހަކަ ދެއްކި އެވެ.
"ޓެކްޓިކަލް ޓްރޭނިންތަކުގައި އަދި ފިޒިކަލް ޓްރޭނިން ތަކުގައި ވެސް އަހަރެން ބޭނުންވޭ އޭނާގެ ފަރާތުން ސަޕޯޓް، އަހަންނަށް އެއްގޮތަކަށް ވެސް އިންފުލްއަންސަކަށް ނޫނީ އުނދަގުލަކަށް ނުވޭ ހީނާ އެގޮތަށް ނުކުންނާތީ. އަހަރެމެން ވަރަށް ގުޅިގެން މި ކުރަނީ. އެއްޗިހިތައް ވެސް ޕްލޭން ކޮށްގެން ދެ މީހުން އެއްކޮށް މި މަސައްކަތް ކުރަނީ. ހީނާ އަކީވެސް ރާއްޖޭގެ ޓޮޕް ލެވަލްގެ ކޯޗެއް ހަމަ މައްސަލައެއް ނޫން ކަންނޭގެ އެއީކީ
އެހެން މީހުންނަށް މައްސަލައަކަށް ވުން އެއީ އަހަރެމެން ބަލަން ބޭނުން އެއްޗެއް ނޫން. އަހަރެމެން ތެރޭގައި މައްސަލައެއް އޮތީކީ ނޫން."
ހީނާ ލައިނަށް ނުކުންނަނީ އާތީގެ ހުއްދަ ލިބިގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ ހުއްދަ ނުލިބި ހީނާ ނުނުކުންނާ ކަމަށެވެ. ބައެއް ފަހަރު ހީނާ ލައިނުގައި ބަހައްޓާފަ އޭނާ އިށީނުމަކީ ވެސް މައްސަލައެއް އޮތް ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އާތީ ބުންޏެވެ.
"އަހަރެންގެ ކޯޗިންގައި އިންޓަނޭޝަނަލް މެޗުތަކުގައި ވެސް އަހަރެން ހުންނާނެ އެސިސްޓެންޓުންނަށް ފުރުސަތު ދީފައި،" ގައުމީ އަންހެން ޓީމަށް ބޭރުގެ މުބާރާތަކުން ފުރަތަމަ މެޑަލް ހޯދައިދިން ކޯޗް ބުންޏެވެ. "އެއްކޮށް މަސައްކަތް ކުރި މީހުންނަށް އެނގޭނެ ޓީމު ރާވަންށާ ޓީމުގެ ލީޑް ކުރަންވެސް ހުންނާނެ ދީފައި."
އާތީ އާއި ހީނާ އެކުގައި މަސައްކަތް ކޮށް ވެލެންސިއާ ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މެޗަކުން ބަލި ނުވެ ބައި ކޮޅަށް ލަނޑެއް ވަނަ ނުދީ ވެލެންސިއާ ވަނީ ދިވެހި ޕްރިމިއާ ލީގްގައި މިހާތަނަށް އެ ޓީމު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފަ އެވެ. ތާވަލުގެ އެއް ވަނައިގައި ދަނީ ލީޑް ކުރަމުންނެވެ.