އިދިކޮޅު އެއްވުމުގެ ތެރެއިން އިއްޔެ ހައްޔަރުކުރި މީހުންނާމެދު ވަރަށް އިހާނެތިކޮށް ކަންކަން ކޮށްފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ކްރިމިނަލް ކޯޓްގައި ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ކުރިއަށްދިޔަ ވަގުތު އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ އެ ސަރަހައްދަށް އެއްވެ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުގެ ތެރެއިން ފުލުހުން ހަ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އެކަކު ވަނީ ކުޑައިރުކޮޅެއްގެ ތެރޭ ދޫކޮށްލާފައެވެ. ފުލުހުންގެ ބަންދުގައި ބޭތިއްބީ ފަސް މީހުންނެވެ.
އެ މީހުންވެސް މިއަދު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ. ފުލުހުން ބުނީ އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ނުފެންނާތީ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ތިން އަންހެނުންނާމެދު އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އެމީހުން ހައްޔަރުކޮށް އެތަށް އިރެއްވީއިރުވެސް ކާއެއްޗެއް ދީފައިނުވާ ކަމަށާ ނަމާދު ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައިނުވާ ކަމަށެވެ. އަދި އެމީހުން ބަންދުގައި ބައިތިއްބާފައިވަނީ އިންސާނުން ބައިތިއްބަން ހެޔޮވާވަރު ތަނެއްގައި ނޫން ކަމަށް އެމީހުންނާއި ހަވާލާދީ އިދިކޮޅުން ބުންޏެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭ ކަމަށާ އެމީހާއާމެދުވެސް އިހާނެތިކޮށް ކަންކަން ކޮށްފައިވާ ކަމަަށް ބުންޏެވެ.
އެ ކޯލިޝަނުން ވަނީ އެ މައްސަލަ ބަލާ ތަހުގީގުކޮށް ދިނުމަަށް ކަމާގުޅޭ އިދާރާތަކާއި އެޗްއާރުސީއެމަށް ގޮވާލައްވާފައެވެ.