ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސަލްމާން ރަސްގެފާނު ކޮވިޑް ވެކްސިން ޖައްސަވައިފި

ސައޫދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާން ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ. ސައޫދީ ޕްރެސް އޭޖެންސީ ބުނި ގޮތުގައި ރަސްގެފާނަށް ދެއްވީ ފައިޒާ / ބަޔޮންޓެކް ކޮވިޑް ވެކްސިނެވެ. ވެކްސިން ދެއްވީ، ޒަމާނީ ހުރިހާ ވަސީލަތެއް ހިމަނައި ތަރައްގީ ކުރަމުން އަންނަ ސިޓީއެއް ކަމަށްވާ ނިއޯމްގަ އެވެ.

ސައޫދީ ހެލްތު މިނިސްޓަރު، ޑރ. ތަވްފީގް ބިން ފަވްޒާން އައްރާބިއާ، ރަސްގެފާނަށް ތައުރީފު ކުރައްވައި ވިދާޅުވީ، ސައޫދީން ކޮވިޑް ފެނުނީއްސުރެ، ސަލްމާން ރަސްގެފާން އެކަމަށް ދެއްވާ އަހަންމިޔަތު ވަރަށް ބޮޑު ކަމަށެވެ.

"ރަސްގެފާން މިއަދު ވެކްސިން ޖައްސަވައިފި" އައްރާބިއާ ވިދާޅުވި އެވެ. "ރަސްގެފާން ދެއްކެވި މިސާލުން ދޭހަ ވަނީ ފަރުވާ ދިނުން މުހިންމުކަން އަދި ފަރުވާއަށް ވުރެ މުހިންމީ ރައްކާތެރިވުން ކަން" އޭނާ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އަކީ ގަލްފްގައި ކޮވިޑް ވެކްސިނަށް ދެވަނައަށް ހުއްދަ ދިން ގައުމެވެ. ވެކްސިން ބޭނުން ކުރަން އެނެމެ ފުރަތަމަ ހުއްދަދިނީ ބަހުރޭން އެވެ. މި ދެ ގައުމުގައި ވެސް މިވަގުތު ބޭނުން ކުރަނީ ފައިޒާ / ބަޔޮންޓެކް ވެކްސިނެވެ.

ސައޫދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ކޮވިޑް ވެކްސިން ޖައްސަވަނީ

ހެލްތު މިނިސްޓަރު، ޑރ. އައްރާބިއާ ވިދާޅުވީ ވެކްސިން ދިނުން އޮންނާނީ ތިން ވިޔަފައްސަކަށް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަރުހަލާތައް ބަހާލާފައި އޮންނަ ގޮތަށް ބޭނުން ޖެހޭ ހާލަތަށް އިސްކަންދޭ ގޮަތަށް ކަމަށެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ޕްރިންސް ޚާލިދު ބިން ސަލްމާން ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ. އާންމުންނަށް މިސާލު ދެއްކެވުމަށް ސައޫދީގައި ގިނައިން ވެކްސިން ޖައްސަވަނީ މަތީ ފަންތިގެ ބޭފުޅުންނެވެ.