ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސައޫދީ އަރަބިއްޔާގައި ކޮވިޑް މާސްކް ނަގަނީ

ދުނިޔޭގައި 2019 ވަނަ އަހަރު ފަހުކޮޅު ފެތުރިގަތް ކޮވިޑާ ގުޅިގެން ސައޫދީ އަރަބިއްޔާގައި އަޅާފައި ހުރި ސަލާމަތީ ފިޔަވަޅުތައް 18 މަސް ދުވަހަށް ފަހު އުވާލައި ވަރަށް ބޮޑަށް ލުއި ދޭން ސަރުކާރުން ނިންމައިފި އެވެ. މިއަދާއި މާދަމާއިން ފެށިގެން މި ލުއިތަކަށް އަމަލު ކުރަން ފަށާނެ އެވެ.

ސައޫދީގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ލުއި ދޭން ހަމަޖައްސާފައި އޮތީ ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުންނަށެވެ. ސައުދީގައި ދިރިއުޅޭ 34.8 މިލިއަން މީހުންގެ ތެރެއިން 20.6 މިލިއަން މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނި ގޮތުން ހާލަތަށް ލުއިދޭ ސަބަބަކީ ކޮވިޑް ޖެހޭ އަދަދު ވަރަށް ބޮޑަށް ދަށްވެފައި ވުމާއި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވިފައި ވުމެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ އާންމު ތަންތަނަށް އެއްވެ އުޅުމުގައި ދެން މާސްކް އަޅަން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، މައްކާގައި ހުންނަ މަސްޖިދުލް ހަރަމް އަދި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ވަދެވޭނީ މާސްކް އަޅައިގެން ކަމަށެެވެ.

މިނިސްޓްރީން ބުނި ގޮތުން މި ދެ މިސްކިތުގެ ޖާގަަ ފުރެންދެން މީހުންނަށް ހުއްދަ ދޭނެ އެވެ. އެހެން ނަމަވެސް، ހުއްދަ ހޯދަން ޖެހޭނީ ހެލްތު މިނިސްޓްރީން ގަބޫލުކުރާ މޮބައިލް އެޕްލިކޭޝަން، "ތަވައްކަލްނާ" އަދި "އީތިމާރްނާ" މެދުވެރިކޮށް ކަމަށް މިނިސްޓްރީން އޮތީ ބުނެފަ އެވެ.

ސައޫދީގައި އެއްވެ އުޅުމުގައި ދެން ގައިދުރު ކުރުމެއް ނޯންނާނެ އެވެ. މިނިސްޓްރީން ބުނީ ހަފުލާތަކާއި އާންމު ދަތުރުފަތުރުގައި ވެސް ގައިދުރުކަން ނޯންނާނެ ކަމަށެވެ. ރެސްޓޯރެންޓްތައް އަދި ވަލީމާތަކުގައި ވެސް ގާތުން މުއާމަލާތް ކުރެވޭނެ ކަމަށެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުމަކީ ވަރަށް ބޮޑަށް ލުއި ދިނުން ކަމަށެވެ. އެހެން ނަމވެސް، އާންމުން ގިނައިން ވިޔަފާރިކޮށް އުޅޭ ސުޕަމާކެޓްތަކާއި އާންމުން ބޭނުން ހިފާ އޮފީސް އިމާރާތްތަކަށް ވަދެއުޅޭއިރު ޓެމްޕަރޭޗާ ޗެކްކުރާނެ ކަމަށެވެ.

އެމީހެއްގެ ސިއްހީ ހާލަތު ހުރި ނެތް ގޮތް ނުވަތަ ވެކްސިން ކާޑް، ތަވައްކަލްނާ އެޕްލިކޭޝަން މެދުވެރިކޮށް ގެންގުޅެން ވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެ އެވެ. އަދި ކޮވިޑް ހާލަތާ ގުޅޭ ގޮތުން އާންމު ތަންތަނަށް ވަދެއުޅޭ މީހުންނާ ސުވާލު ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

ސައޫދީން ދޭ ލުއިތަކާ ގުޅިގެން ކޮވިޑްގެ ހާލަތަށް ނޭދެވޭ ބަދަލެއް އާދޭތޯ ހެލްތު މިނިސްޓްރީން ބަލާނެ އެވެ. އަދި ކޮވިޑް ޖެހޭ މީހުން އިތުރުވާ ނަމަ، ކޮވިޑް ޖެހިގެން ހޮސްޕިޓަލަށްދާ މީހުންނާއި އައިސީޔޫގައި އެޑްމިޓްކުރާ އަދަދު އިތުރުވާ ނަމަ ހަރުކަށި އުސޫލުތަކަށް ރުޖޫއަވާނެ ކަމަށް ވެސް އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައި އޮތީ ބުނެފަ އެވެ.