އަބްދުﷲ ފައިރޫޝް

ބޭނުން ދާއިރާއެއް އިހުތިޔާރު ކުރުމުގެ ހައްގު އޮންނާނެ: ފައިރޫޝް

ބޭނުން ދާއިރާއެއް އިހްތިޔާރު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާ އެ ހައްގު ނިގުޅައިގަތުމުގެ އިހުތިޔާރެއް ނޯންނާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

ފައިރޫޝް މިހެން ވިދާޅުވީ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމެޓީ -- އަށް ރައީސް ނަޝީދު ހުށައެޅުއްވުމާއި ގުޅިގެންނެވެ. މައްސަލަ ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ހިދުމަތުގެ ޤާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެނެވެ.

އާ ގާނޫނުގައި ބުނާގޮތުން ފުލުހެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ހާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ހާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުންނެވެ.

ނަޝީދު، މި މައްސަލަ ހުށައެޅުއްވިއިރު އެމަނިކުފާނު އިސްތިއުފާ ދެއްވި ދުވަހު ފުލުހުންގެ އިދާރާގައި އެކްޓިން ސީޕީއެއްގެ ދައުރު އަދާކުރެއްވީ ފައިރޫޝްއެވެ. އެކަމާއި ގުޅިގެން ނަޝީދާއި އެމްޑީޕީގެ ވަރަށް ބޮޑު ރުޅިވެރިކަމެއް ފައިރޫޝްގެ މައްޗަށް އޮވެއެވެ. އަދި އޭނާ ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކިޔެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށައެޅިފައިވަނިކޮށް ފަައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭނުން ދާއިރާއެއް އިހްތިޔާރު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާ އެ ހައްގު ނިގުޅައިގަތުމުގެ އިހުތިޔާރެއް ނޯންނާނެ ކަމަށެވެ.

ފައިރޫޝް މަގާމުން ވަކިވެވަޑައިގަތުމަށް މީގެ ހަ މަސް ދުވަސް ކުރިން ވަނީ ހުށައަޅާފައެވެ. އޭރު ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ. އޭނާ ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގެންނެވީ 20 އަހަރު ފުލުހުންގެ މުއައްސަސާގައި ހިދުމަތް ކުރެއްވުމަށްފަހު އެވެ. މަގާމުން ވަކިވެވަޑައިގެން ފައިރޫޝް ވަނީ އޮސްޓްރޭލިއާއަށް ވަޑައިގެންފައެވެ. އޭނާގެ އާއިލާއަކީ އޮސްޓްރޭލިއާގެ ރައްޔިތުކަން އޮންނަ އާއިލާއެކެވެ.