ހަބަރު

ނައިބު ރައީސަށް ގާނޫނީ ހުރިހާ ހައްގެއް ލިބޭނެ: ދުންޔާ

Oct 24, 2015
2

ގައުމަށް ހިޔާނާތްވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނުން ދޭން ޖެހޭ ހުރިހާ ހައްގެއް ލިބިވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި މިދިއަ މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ނައިބު ރައީސްގެ މައްޗަށް ތުހުމަތު ކުރެވި ހައްޔަރު ކުރުމާ ގުޅިގެން ދުންޔާ ނެރުއްވެވި ބަޔާނެއްގައި ބުނަނީ "ތުހުމަތުތަކުން ދިފާއުވެ ވަޑައިގަތުމަށް އެމަނިކުފާނަށް ދޭންޖެހޭ ގާނޫނީ ހުރިހާ ހައްގެއް ސަރުކާރުން ދޭނެ" ކަމަށެވެ.

ރާއްޖެއަށް ނުތަނަވަސްކަން ވެރިވެފައިވީނަމަވެސް ސަރުކާރުގެ ވައުދުތައް ސަރުކާރު ހޭލައި އޮތް ކަމަށް ވެސް އެކަމަނާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނައިބު ރައީސް މިއަދު މެންދުރު ހައްޔަރު ކުރީ ޗައިނާއަށް ވަޑައިގަތުމަށްފަހު ވަޑައިގެން ސިންގަޕޫރުގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމަފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލާ ބައްދަލު ކުރެއްވުމުގެ ފުރުސަތު މިއަދު ދިނެވެ. އެމަނިކުފާނުގެ ބަންދުގެ މުއްދަތު ޖެހުން އޮންނާނީ މާދަމާ އެވެ.