ބޮލީވުޑް

އިރްފާންގެ ދަރިފުޅު ބާބިލް ވެސް ބޮލީވުޑަށް ތައްޔާރު

މިދިޔަ އަހަރު ތެރޭ މަރުވި ފިލްމު އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ބޮލީވުޑަށް ނުކުންނަން ޝައުގުވެރިވާކަން ހާމަ ކޮށްފި އެވެ. ބައްޕަގެ ފޭނުންނާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ބާބިލް ބުނެފައި ވަނީ މި އަހަރުގެ ތެރޭގައި ފިލްމު ކުޅެން ފަށަން ގަސްތުކުރާ ކަމަށެވެ.

މި ވަގުތު ލަންޑަންގައި ތައުލީމު ހާސިލު ކުރަމުންދާ ބާބިލް ބުނި ގޮތުގައި މިހާރު ވެސް އޭނާ ކުރިޔަށް ދަނީ އެކްޓިންގެ ދާއިރާއިންނެވެ. އަދި ފިލްމެއް ކުޅެން ފަށާނެ ދުވަހެއް ނޭނގޭ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ އަންނަ މޭ މަހު ގްރެޖުއޭޓް ވުމަށް ފަހު ކަމަށް ބާބިލް ބުނެފައި ވެއެވެ.

އިރްފާންގެ ފޭނަކު ސޯޝަލް މީޑިއާގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ބާބިލް ބުނީ ކިޔަވާ ނިމިގެން އެނބުރި އިންޑިޔާއަށް އައިސް ފިލްމު ކުޅެން ލިބެން ހުރި ފުރުސަތުތައް ބަލައި ހޯދަން ގަސްތުކުރާ ކަމަށެވެ.

ބާބިލް ފިލްމު ކުޅެން ޝައުގުވެރިވާ ކަމުގެ އިޝާރާތެއް އޭނާގެ ބައްޕަގެ ފޭނުންނަށް ދިނީ އިރްފާން ސޮއި ކޮށްފައިވާ "އެކްޓާޒް އެންޑް އެކްޓިން" ކިޔާ ފޮތެއްގެ ފުރަތަމަ ސަފުހާ ސޮޝަލް މީޑިއާގައި ޝެއާ ކޮށްގެންނެވެ. މި ފޮތަކީ 2006 ގައި ރިލިޒްކުރި މީރާ ނައިރްގެ "ދަ ނޭމްސޭކް" ކުޅެން ތައްޔާރުވަމުން ދިޔަ ދުވަސްވަރު އިރްފާނެ ގަނެފައި އޮތް ފޮތެކެވެ.

އޭނާ ބޭނުން ވަނީ ބައްޕަ ގޮތަށް ހޮލީވުޑް ފިލްމު ކުޅެންތޯ ނުވަތަ ބޮލީވުޑް ފިލްމުތައް ކުޅެންތޯ ސޯޝަލް މީޑިއާގައި މީހަކުސުވާލު ކުރި އެވެ. ބާބިލް ބުނީ ޝައުގުވެރި ވަނީ އިންޑިޔާގެ ސިނަމާއަށް ކަމަށެވެ.