ޓެކްނޯލޮޖީ

އެޕަލްއިން އިލެކްޓްރިކް ވެހިކަލް އުފައްދަނީ

އެޕަލްއިން އިލެކްޓްރިކް ކާރެއް އުފައްދަން އުޅޭކަމަށް ބުނެވޭތާ ޒަމާންތަކެއް ވެއްޖެ އެވެ. އެކަމަކު އަދިވެސް ކޮޅެއްގައި ނުޖެހެ އެވެ. މީއީ ދޭތެރެ ދޭތެރެއިން އަޑުކެނޑި އަލުން މުޅިން އެހެން ވާހަކައެއްހެން ކުރެވެން ފަށާ ބަހުސެކެވެ. އިލެކްޓްރިކް ކާރެއް އުފެއްދުމަކީ ހަމަ ހަގީގަތުގައި ވެސް އެޕަލްއިން ކުރަން އުޅޭ ކަމެއްހެއްޔެވެ؟

އެޕަލްއިން އޮޓަމެޓިކް، މުޅިން އަމިއްލައަށް ދުވާ ކާރެއް ޑިޒައިން ކުރަނީ އެވެ. ދުނިޔޭގައި ތިބިހާ އިންޖިނޭރަކާ އެޕަލުން މަޝްވަރާ ކޮށްފި އެވެ. މިކަމުގައި ކުރި ހޯދައިގެން ތިބި ކުޅާދަ ޑިޒައިނަރުން ކުއްޔަށް ހިފައި ވަނީ އެޕަލްއަށް ގެނެސްފަ އެވެ. އެހެން ކަމުން، އެޕަލުން އުފައްދަން ޚިޔާލު ކުރަނީ ކާރެއް ނަމަ، އެޑިޒައިން މިހާރު ހުންނާނީ ކަރުދާހުގަ އެވެ.

ސައުތު ކޮރެއާގެ ހިއުންޑޭއާ ވެސް އެޕަލްއިން ވާހަކަ ދެއްކި އެވެ. ހިއުންޑޭ އަކީ އޮޓަމެޓިކް ކާރު އުފެއްދުމުގައި ރަސްކަމަށް ވާދަކުރާ ކުންފުންނެކެވެ. އަނެއްކޮޅުން ސޮފްޓް ބޭންކުން ބޮސްޓަން ޑައިނަމިކްސް ވިއްކާލީ ވެސް ހިއުންޑޭއަށެވެ. ބޮސްޓަން ޑައިނަމިކްސް އަކީ ރޮބޮޓް ކުއްތާ އުފައްދާ ކުންފުންޏެކެވެ.

އިންޓަނެޓްގައި މިހާރު ހުރި ޚަބަރުތައް ބުނަނީ އެޕަލްއިން "ކަނޫ" ނަމަކަށް ކިޔާ ކުންުފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. މަގުސަދަކީ އިލެކްޓްރިކް ކާރު އުފެއްދުމެވެ. އެކަމަކު މިއަށް ވުރެ ބޮޑަށް އެޕަލް ޝައުގުވެރިވާ އެހެން ކަމެއް ވެސް ކަނޫއިން ކުރެ އެވެ. އެއީ "ސްކޭލަބްލް އިލެކްޓްރިކް ވެހިކަލް ޕްލެޓްފޯމް – ސްކޭޓްބޯޑް" އުފެއްދުމެވެ. ކަނޫގެ މި އުފެއްދުމަކީ އެޕަލްއަށް ވަރަށް ކަމުދާ އުފެއްދުމަކަށް ވެއްޖެ ކަމަށް އޮންލައިން ނޫސް، ވާޖްއިންއިން ބުނެ އެވެ.

އެޕަލްގެ ޒާތަކީ ވެސް މަޝްހޫރު ނޫން މީހުންނާއެކު މަސައްކަތްކޮށް އުފައްދައި ޝަރަފުވެރިވުމެވެ.