ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވެކްސިން ޖަހަން ރަޖިސްޓްރީވާން މާދަމާ ހުޅުވާލަނީ

ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ. އެކަން ހާމަކޮށްފައިވަނީ މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާދަމާ ހެނދުނު ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ރަޖިސްޓްރީވާން ޖެހޭނީ ޕޯޓަލްއެއް މެދުވެރިކޮށެވެ. ނަޒްލާ ވިދާޅުވީ ފުރަތަަމަ ރަޖިސްޓްރީ ކުރެވޭނީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިންނަށް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކުރިންވެސް އަޅުގަނޑުމެން އާންމުކޮށްފައިވާނެ އެންމެ ފުރަތަމަ ވެކްސިން ލިބޭއިރު ވެކްސިން ޖަހާނެ ކެޓަގަރީތައް. އެހެންވީމަ އޭގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ އަދި ހެލްތް ކެއާ ވޯކާސްގެ ގޮތުގައި ހިމެނޭ މީހުން ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ގޮތުގައި. އެހެންވީމަ މާދަމާ ރަޖިސްޓްރޭޝަން ހުޅުވާލާނީ މި ދާއިރާގެ މީހުންނަށް،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މާދަމާ ހެނދުނުން ފެށިގެން my.health.mv ޕޯޓަލުން ރަޖިސްޓްރީވެވޭނެ ކަމަށެވެ. އެހެންވީމަ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިން އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. އަދި ދެން ވެކްސިން ދިނުމުގައި އިސްކަން ދީފައިވާ ކެޓަގަރީތަކުގެ މީހުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ހުޅުވާލި ނަމަަވެސް ވެކްސިން ލިބޭނެ ދުވަހެއް އަދި ވެކްސިން ޖަހަން ފެށޭނެ ދުވަހެއް އަދި ނޭންގޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. މި މަހުގެ 26 ވަނަ ދުވަހު ވެކްސިން ލިބޭނެ ކަމަަށް ހެލްތް މިނިސްޓަރާ ހަވާލީ ކުރިން ރިޕޯޓްތައް ފެތުރުނު ނަމަަވެސް ފަހުން އެ ވާހަކަތައް ހެލްތް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

ނަޒްލާ މިރޭ ވިދާޅުވީ ވެކްސިން ލިބި ވެކްސިން ޖަހަން ފެށޭނެ ތާރީހެއް އަދި ހާމަކުރެވެން ނެތް ނަމަވެސް ވެކްސިން ކެންޕެއިން ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ހިނގަމުންދާ ކަމަށެވެ.

"ވެކްސިން ޖަހަން އާންމުކޮށް ފަށާނެ ދުވަހެއް ދަންނަވަން އަދި އަޅުގަނޑުމެންނަށް ވަރަށް ދަތި. ވީހާވެސް އަވަހަށް އެ މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން މި ދަނީ ބަލަމުން. އެކަމަަށް ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން. މިއަދުވެސް އެކަމުގެ ތަމްރީންތައް ކުރިއަށްދިޔަ،"

ނަޒްލާ ވިދާޅުވީ ވެކްސިންގެ ވައިލް ލިބުމާއެކު ވެކްސިން ޖަހަން ނުފޭށޭނެ ކަމަަށާ މިއީ އާ ވެކްސިނަކަށްވުން ވާންޖެހޭ ތައްޔާރީތައްވެސް ގިނަ ކަމަށެވެ. ވެކްސިން ރައްކާތެރިކަމާއެކު ރަށްރަށަށް ގެންދިއުމާއި ވެކްސިން ދޭނެ މީހުން ތަމްރީން ކުރުމާއި ވެކްސިނަށް ހޭލުންތެރި ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަަށެވެ. އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހިނގަމުންދާ ކަމަަށް ވިދާޅުވިއެވެ.

"ހާއްސަކޮށް މިއީ އާ ވެކްސިނެއްވީމަ އަޅުގަނޑުމެންވެސް ވަރަށް ގިނަ ގޮތްގޮތުން ތައްޔާރުވާން ޖެހޭ،"

ނޫސްވެރިންގެ މި ބައްދަލްވުމުގައި ޑރ. އަހުމަދު ފައިސަލް ވަނީ ކޮވިޑް ވެކްސިނާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އަދި ވެކްސިން ދިނުމުގައި ބަލާނެ ކަންކަމާއި ވެކްސިން ދިނުމަށް ފަހު ދިމާވެދާނެ ކަންކަމަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލްވެސް ދެއްވާފައެވެ.

އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ވެކްސިން ފުރަތަމަ ދޭނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ. ނަމަވެސް އިންޑިއާއިން އުފައްދާ އެ މީހުންގެ އަމިއްލަ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެން އިވެންޓެއްގައި ސުދީރު ވިދާޅުވީ އިންޑިއާގެ "ބާރާތު" ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ.