ދުނިޔެ

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ރަޝިޔާގެ އެހީ ބޭނުމެއްނުވި

ސީރިއާ (ބީބީސީ) - ހުޅަނގުގެ އެހީއާއި އެކު ސީރިޔާ ސަރުކާރާ އަދި އެހެން ބައެއް ހަތިޔަރުއެޅި ގުރޫޕްތަކާ ހަނގުރާމަ ކުރަމުންދާ ފްރީ ސީރިއަން އާމީ (އެފްއެސްއޭ) އަށް އެހީވުމަށް ރަޝިޔާއިން ހުށަހެޅި ހުށަހެޅުމަށް އެ ޖަމާއަތުން ފުރަގަސް ދީފިއެވެ.

އެ ޖަމާއަތުން ބުނީ ރަޝިޔާއަށް އިތުބާރު ނުކުރާ ކަމަށާއި އެގައުމުގެ އެހީ ބޭނުން ނުވާ ކަމަށެވެ. އަދި ރަޝިޔާއިން ގެންދަނީ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަމަލާދޭ އަސަދުގެ ސަރުކާރު ދިފާއު ކުރަމުން ކަމަށާއި އެ ޖަމާއަތުން ދެމި އޮންނާނީ އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތުގައި ކަމަށެވެ.

ރަޝިޔާއިން އެފްއެސްއޭ އަށް އެހީވާން ބޭނުންވީ އައިއެސް އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. އަދި މި ގުޅުމުގެ ތެރޭން އަސަދުގެ ސަރުކާރުގެ ކޮޅަށް ފްރީ ސީރިއަން އާމީ ފަދަ ހަތިޔާރު އެޅި ގްރޫޕްތައް ގެނެވިއްޖެ ނަމަ އައިއެސް އެކަހެރިކޮށް އަސަދުގެ ވެރިކަން ދިފާއު ކޮށް ސީރިޔާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމަށް ރަޝިޔާ ދެކެއެވެ.

މިދިޔަ މަހުން ފެށިގެން ރަޝިޔާއިން ގެންދަނީ އަސަދުގެ ސަރުކާރު ދިފާއު ކުރުމަށް އިދިކޮޅު ފަރާތްތަކަށް ވައިގެ ހަމަލާ ދެމުންނެވެ. ރަޝިޔާއިން ބުނަނީ އެގަމއުމުގެ ހަމަލާތައް އަމާޒު ކުރަނީ އައިއެސް އަށް ކަމަށެވެ. އެކަމަކު ހުޅަނގުގެ ބާރުތަކުން ބުނަނީ ރަޝިޔާގެ ހަމަލާތައް ގިނައިން އަމާޒުވަނީ އެފްއެސްއޭ އާއި އެހެން ބައެއް ހަތިޔާރުއެޅި ޖަމާއަތް ތަކަށް ކަމަށެވެ. މި ޖަމާއަތް ތަކަށް އެހީވެދެނީ ހުޅަނގާއި ގަލްފުގެ ގައުމު ތަކުންނެވެ.