ހަބަރު

ހައިކޯޓުން އިއްވީ ސަރުކާރުން ފޮނުވި ހުކުމެއް

Jan 23, 2021
13

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަކީ ސަރުކާރުން ފޮނުވި ހުކުމެއް ކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަންގެ މިއަދު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގައި، ހައިކޯޓުން ކުރި ހުކުމަކީ ބާތިލުހުކުމެއް ކަމަށްބުނެ، ސީދާ ހަރަކާތަށް ނުކުންނަން، އެ ކޯލިޝަންގެ ލީޑަޝަޕުން ހުށަހެޅި ގަރާރާ ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފާސިގު ހެކިންގެ ހެކި ބަހަށް ބިނާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ހުކުމަކީ ބާތިލު ހުކުމެއްކަން ސާފުވާ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ޖަލު ހުކުމް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން، ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ދެމެހެއްޓީ ސަރުކާރުން ފޮނުވި ހުކުމެއްގެ މައްޗަށް ބިނާކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިގައުމު އޮޔާދާކަށް މަޑެއް ނުކުރެވޭނެ. މިސަރުކާރަށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ނުކުރެވޭނެ. ރައީސް ޔަމީނަށް އިއްވީ ސަރުކާރުން ފޮނުވި ހުކުމެއް. ރައީސް ޔާމީން ޖަލަށް ލާފައިވަނީ މިސަރުކާރު ހަމަހިމޭންކަމާއެކު ވެރިކަން ކުރުމުގެ މަގުސަދުގައި،" އެކަން ކުރަން ޖާގަނުދެވޭނެކަމަށް އިއުލާނުކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހަޅައިދެއްވި ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ދެމެހެއްޓި ނަމަވެސް، އެ މައްސަލާގައި ފަނޑިޔާރު ހުސެއިން ޝަހީދު އިއްވެވި ތަފާތު ރައުޔުއާއެކު އެ ހުކުމަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ސާފުވާ ކަމަށެވެ.

މިގޮތުން، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ކޮށްފައިވާ ދައުވާއަކީ ތަފާތު ކުރުމުގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށާއި، އެސްކްރޯ އެކައުންޓެއް އުފައްދައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމަށް އިސް ނެންގެވުމުން އެމަނިކުފާނުގެ ކިބައިގައި ނުބައި ނިޔަތެއް ނެތްކަން ހާމަވެގެންގޮސްފައިވުމުގެ އިތުރުން، އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ފާހަގަކޮށްފައިވާކަމަށް އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި އިޖުރާއަތްތަކުގައި ބަޔާންކުރާ މުއްދަތުތައް ފަހަނައަޅައި ދިޔަ ފަހުން، އިސްތިއުނާފުގެ މައްސަލަ ނިންމާފައިވަނީ އަނެއް ދެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެންކަމަށް އެ ގަރާރުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓި ދެ ފަނޑިޔާރުން، އިސްލާމީ ޝަރީއަތާއި ބައިނަލްއަގުވާމީ މުއާހަދާތަކުގެ އިތުރުން ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ރިއާއަތްކޮށްފައިނުވާކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން، ރައީސް ޔާމީނަށް ކުރި ހުކުމަކީ ނާއިންސާފު އަދި ބާތިލު ހުކުމެއް ކަމުން، އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނުކުތުމަށް ކައުންސިލަށް ހުށަހެޅި ގަރާރުގައި ބުނެފައިވެ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނާއި މެދު އަމަލުކުރަމުންދާ ނޭއްގާނީ ކަންކަން ހުއްޓުވުމަށްޓަކައި، ރައްޔިތުންގެ މަގުތަކަށް ނުކުމެ، ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެންނަންޖެހޭ ކަމަށެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންވެސް ވަނީ ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާތީ، ވަގުތުން ވަގުތަށް ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައިފަ އެވެ.

އެއާއެކު އެ ގަރާރު މިއަދު ވަނީ ކައުންސިލުން ފާސްކޮށްފަ އެވެ.

ނަމަވެސް، ސީދާ ހަރަކާތް ހިންގާނެ ގޮތެއް ނުނިންމަ އެވެ. އަދި ހިންގާނެ ހަރަކާތްތަކުގެ ތަފުސީލެއް ވެސް ނުދެ އެވެ.