ރައީސަކަށް ހުންނަ މީހަކަށް ހުރިހާ ކުށަކަށް މައާފު ނުދެވޭނެ ކަމަށާއި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމާމެދު ގޮތެއް ނިންމަވާނީ ސުޕްރީމް ކޯޓުގެ މަރުހަލާއަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކައަށް އިދިކޮޅުން ރައްދު ދީފި އެވެ.
ރާއްޖެ ޓީވީން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި ރައީސް ޔާމިން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކާ އެކު އެއްވެސް އެއްބަސްވުމެއް ހައްދަވާފާނަންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައީސަކަށް ހުންނަ މީހަކަށް ހުރިހާ ކުށަކަށް މައާފް ނުދެވޭނެ ކަމަށެވެ.
އަދި ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކާ ދޭތެރޭ އަމަލު ކުރަމުންދާ ގޮތް ގާނޫނުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީނާއި ދޭތެރޭ ގޮތެއް ނިންމަވަން އެނގިވަޑައިގަންނަވާނީ ސުޕްރީމް ކޯޓުގެ މަރުހަލާއަށް ފަހު ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި، މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ މީގެ ކުރިން ވެސް އަދި މިހާރު ވެސް ޖަލަށް ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅުން ގެއަށް ބަދަލުކުރާ ކަމަށެވެ.
"އެކަން ނުކުރައްވަނީ އޯގާތެރިކަމެއް، އިހުލާސްތެރިކަމެއް، ހަމްދަރުދީއެއް ނެތީމާ،" މިވެރިކަންވެސް ނިމި، "ނުހައްގުން" ޖަލަށްލާފައިވާ ރައީސް ޔާމީން މިނިވަންވާނެކަމުގެ ވައުދާއެކު އާދަމް ޝަރީފް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކުގައި ރައީސް ޔާމީނަށް ވަނީ ދައުވާތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން މަނީލޯންޑްރިންގެ ދައުވާގެ ކުށް ސާބިތު އެމަނިކުފާނު މިހާރު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެކި ފަހަރު މަތިން ހޮސްޕިޓަލަށް ގެނެސް ފަރުވާދެވިފައިވާ ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން، އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.