ކުޅިވަރު

އެމްބީއޭ: ގައުމީ ލީގާއި ކަޕް އޮކްޓޯބަރު، ނޮވެމްބަރަށް

ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން މި އަހަރުގެ ފުރަތަމަ މުބާރާތަކަށް، ތްރީ އޮން ތްރީ ވެޓްރަންސް މުބާރާތް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްބީއޭގެ ކަލަންޑަރު، އެސޯސިއޭޝަނުން ވަނީ އާންމު ކޮށްފަ އެވެ. ބާސްކެޓްގެ ކޯޓް ހަރަކާތްތައް މިފަށަނީ، މުބާރާތްތައް މެދުކަނޑާލިތާ އެއް އަހަރު ފަހުންނެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތްތައް މެދުކަނޑާލި ގޮތަށް އަދި ފަށާފަ އެއް ނުވެ އެވެ. މިދިޔަ އަހަރު އެންމެ ފަހުން ބާއްވާފައި ވަނީ ގައުމީ މުބާރާތާއީ ލީގެވެ.

ވެޓަރަންސްއަށް ހާސްކޮށްފައިވާ ތްރީ އޮން ތްރީ މުބާރާތް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން އެމްބީއޭގެ އޮފިޝަލަކު ވިދާޅުވީ، ވެޓަރަންސް މުބާރާތް ހާއްސަ ކުރާނީ ކޮން ކެޓަގަރީއަކަށްތޯ އެމްބީއޭއިން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ވެޓަރަންސް މުބާރާތް ހާއްސަ ކުރާނީ ކުޅުން ހުއްޓާލާފައިވާ ކުޅުންތެރިންނަށްތޯ ނުވަތަ 35 އަހަރުން މަތީގެ ކުޅުންތެރިންނަށްތޯ އެއީ މިހާރު މަޝްވާރަ ކުރަމުންދާ ކަމަކީ،" އޮފިޝަލް ވިދާޅުވި އެވެ. "މުބާރާތުގެ ގަވާއިދު ވަރަށް އަވަހަށް ހާމަ ކުރާނަން."

ބާސްކެޓްގެ އެންމެ ފޯރި ގަދަ މުބާރާތް ގައުމީ ލީގް އަދި ގައުމީ މުބާރާތް މި އަހަރު އޮންނާނީ އޮޮކްޓޯބަރު އަދި ނޮވެމްބަރުގަ އެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ހާއްސަ ކުރާ ގައުމީ ލީގާއިމުބާރާތް އޮންނާނީ އޮކްޓޯބަރު 13 އިން ނޮވެމްބަރު 20 އަށެވެ.

ބާސްކެޓްގެ އާ އަހަރާ އެމްބީއޭއިން ކުރިމަތިލާއިރު އެ އެސޯސިއޭޝަނަށް ވަނީ އާ ބޯޑެއް އިންތިހާބު ކޮށްފަ އެވެ. އެމްބީއޭގެ މިހާރުގެ ރައީސް އަކީ މިދިޔަ ދައުރުގައި ޓްރެޜަރާގެ މަގާމު އަދާ ކުރީ އަހްމަދު އާދަމް (އެޑަމް) އެވެ.