ހަބަރު

ޓެރަރިޒަމް މަނާކުރުމުގެ ބިލް ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި

Oct 26, 2015

ސަލާމަތީ ބާރުތަކަށް ބޮޑެތި އިހުތިޔާރުތަކެއް ލިބޭ ޓެރަރިޒަމްގެ ކުށްތައް މަނާކުރުމުގެ ބިލް އަލުން ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވާ އެ ބިލް އަލުން ދިރާސާ ކުރުމަށް އަނބުރާ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާލަން ފާސްވީ، 55 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވޯޓްގައި ބައިވެރި ނުވާ ނުވަ މެންބަރަކު ތިއްބެވި އިރު، އެކަމާ ދެކޮޅަށް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ބިލް ކޮމިޓީން އިން ދިރާސާކޮށް ފޮނުވާފައި ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނެހެވެ. އެހެން ނަމަވެސް މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ބިލް މިހާރު އޮތްގޮތުން ސަލާމަތީ ބާރުތަކަށް މާ ބޮޑެތި އިހުތިޔާރުތަކެއް ލިބުމުގެ ސަބަބުން ނުހައްގުން ބަޔަކު ހައްޔަރު ކުރުމަށް ފުރުސަތު ލިބުމެވެ.

އެ ބިލްގައިވާ ގޮތުން އަސާސީ ހިދުމަތްތައް ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ޓެރަރިޒަމަށް ތުހުމަތު ކުރެވޭ ފަރާތްތައް މޮނީޓާ ކުރެވޭނެ ހަރުކަށި ފިޔަވަޅުތައް އެ ބިލްގައި ހިމަނާފައިވެ އެވެ. އަދި ޓެރަރިޒަމަކީ ސީރިއަސް ކުށަކަށް ވާތީ އެހެން ކުށްތަކަށް ދޭ އަދަބުތަކަށް ވުރެ ބޮޑެތި އަދަބުތައް ޓެރަރިޒަމްގެ އަމަލުތަކަށް ހިންގާ މީހުންނަށް ދޭން ބިލްގައި ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ހަނގުރާމަތަކަށް ދިޔުމަކީ ބޮޑު ޖިނާއީ ކުށެއްގެ ގޮތުގައި ބިލްގައި ހިމަނާފައިވެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރާ ޓެރަރިޒަމްގެ ގާނޫނަކީ 1990 ވަނަ އަހަރުގެ އަމަލު ކުރަން ފެށި ގާނޫނެކެވެ. އެ ބިލް އަވަހަށް ފާސްކޮށްދެއްވުމަށް އޭޖީ އެދިވަޑައިގެންފައިވެ އެވެ.