ވިޔަފާރި

ބިދޭސީން މަދުކުރަން ނުވަ އެޖެންސީއަކާއެކު ސޮއިކޮށްފި

Oct 26, 2015

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރަން ނުވަ އެމްޕްލޯއިމަންޓް އެޖެންސީއަކާއެކު އިމިގްރޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

އިމިގްރޭޝަންގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު އެވެ.

"ޝެއާޑް ރެސްޕޮންސިބިލިޓީ" ގެ ނަމުގައި މިއަދު ފެށި މި ޕްރޮގްރާމުގެ ދަށުން ސޮއިކުރި ނުވަ އެމްޕޯއިމެންޓް އެޖެންސީއަކީ:

  • ސީވޯޑް މޯލްޑިވްސް
  • ނޫރަންމާ ޓްރެވަލް
  • ކިންގްފިޝާ މޯލްޑިވްސް
  • ސަންސްޕްރެންޑް މޯލްޑިވްސް
  • މޯލްޑިވްސް އެމްޕްލޮއިމަންޓް ސާވިސް
  • ކުއެންޓިކް މޯލްޑިވްސް
  • އޯލްޓައިމް ސޮލިއުޝަން (އޭޓީއެސް)
  • އައިއޭއޭއެން ކޮމްޕެނީ
  • ޕޮލިޕްސް ޕްރައިވެޓް ލިމިޓެޑް

އިމިގްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލަރު މުހައްމަދު އަންވަރު ވިދާޅުވީ "ޝެއާޑް ރެސްޕޮންސިބިލިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މި އަހަރުގެ ޖޫން މަހު ފެށި ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދެވަނަ ފިޔަވައްސެއް ފެށީ "ގިނަ ބައެއްގެ އެދުމުގެ މަތިން" ކަމަށެވެ.

"ފުރަތަމަ މި ޕްރޮގްރާމް ފެށީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ހަތަރު ކުންފުންޏަކާއެކު. ސޮއިކޮށްގެން ވަރަށް އެދެވޭ ނަތީޖާއެއް ނުކުމެފައި އޮތީ. ނަމަވެސް އަޅުގަނޑުމެން ހީކުރިވަރާ ގާތަކަށް ނުވި. އެ ފުރުސަތު ލިބުނުކަމުގައި ވިއަސް އިރެގިއުލާކޮށް އުޅޭ މީހުން ބައެއް ތަންތަނުން އެތަންތަން ވަނީ ދޫކޮށްފައި ގޮސްފަ،" އަންވަރު ވިދާޅުވި އެވެ.

  • ޝެއާޑް ރެސްޕޯންސިބިލިޓީގައި ކުރިން ބައިވެރި ކުންފުނިތަަކަކީ:
  • އަމީން ކޮންސްޓްރަކްޝަން
  • އެންސިސް ފިޝަރީޒް
  • ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން
  • ޗައިނާގެ މެޝިނަރީ ކުންފުނި

ކޮންޓްރޯލަރު އަންވަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިފާލަށް އުުޅޭ ބިދޭސީން ކުންފުނިތަކުގެ ދަށަށް ގެންދިއުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

"މި ޕްރޮގްރާމުގައި ބިދޭސީން ބައިވެރި ކުރުމަށް ޑިސެމްބަރު މަހުގެ ނިޔަލަށް ހުޅުވާލީ ފުރުސަތުގައި ބައިވެރި ނުވާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ. އެމްލޯއީމަންޓް އެޖެންސީތަކާއެކު ވަރަށް ކުޑަ ދުވަސްކޮޅެއް މި އޮތީ. ނަމަވެސް އެޖެންސީތަކާއެކު ކުރިއަށް ގެންދެވޭ ގޮތެއް ބަލާފައި މުއްދަތު އިތުރު ކުރެވިދާނެ.ނަމަވެސް މުއްދަތު އިތުރުކުރާ ހިޔާލެއް އަދިނެތް،" އަންވަރު ވިދާޅުވި އެވެ.

ކޮންޓްރޯލަރު ވިދާޅުވީ ޝެއާޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ހިންގި ބައިވެރި 400 ބިދޭސީން ކުންފުނިތަކުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތެއް ނެތް. ނަމަވެސް މިހާރު މިދަނީ އެ މަސައްކަތް ކުރަމުން،" އަންވަރު ވިދާޅުވި އެވެ.