ބިޒްނަސް ވިސާ އެޕްލިކޭޝަން ފޯމު ދެން ބަލައިގަންނާނީ ހަމައެކަނި ބިޒްނަސް ޕޯޓަލްއިން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ވިޔަފާރިކުރަން ރާއްޖެ އަންނަ ބިދޭސީންނަށް ދޫކުރާ ބިޒްނަސް ވިސާއަށް އިމިގްރޭޝަން ކައުންޓަރުގައި އެދެވޭ އުސޫލު ބަދަލުކޮށް ބިޒްނަސް ވިސާ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ވަނީ ގެޒެޓް ކޮށްފަ އެވެ. ގަވާއިދުގައި ބުނާ ގޮތުން، މިއަދުން ފެށިގެން ބިޒްނަސް ވިސާ އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ ހަމައެކަނި ބިޒްނަސް ޕޯޓަލްއިންނެވެ.
އިމިގްރޭޝަން ކޮންޓްރޯލާއަށް ވިސާ ދޫކުރެވެނީ، ބިޒްނަސް ވިސާއަށް އެދި ހުށަހަޅާ މީހުނަށް ވިސާ ދޭން ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.
އެ ގަވާއިދުގައިވާ ގޮތުން އެޕްލިކޭޝަން ހުޅަހަޅާ ފަރާތެއްގެ ޝަރުތު ހަމަވާނަމަ، އެޕްލިކޭޝަން ބަލައިގަންނަތާ 10 ދުވަހުގެ ތެރޭގައި ބިޒްނަސް ވިސާއެއް ހޯދުމުގެ ހުއްދަ ދޭނެއެވެ. އަދި 750 ރުފިޔާގެ ފީއަކަށް، އެމީހަކަށް ވިސާ ދޫކުރާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންއެވެ.
ބިޒްނަސް ވިސާއަަށް ކުރިން އިމިގްރޭޝަންގެ ކައުންޓަރުން އެދެވޭ އިރު ގިނަ އޮޅުވާލުމާއި މަކަރުގެ ހެދުމުގެ މަސައްކަތައް ފެންމަތިވެފައި ވެއެވެ. އިމިގްރޭޝަނުން ބުނީ އައު ގަވާއިދާއެކު އެފަދަ މައްސަލަތަކުގައި އޮޅުވާލުން ވަރަށް ބޮޑުތަނުން މަދުކުރެވޭނެ ކަމަށެވެ.
"ހާއްސަކޮށް މި ވިސާއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ސަބަބުން ބިޒްނަސް ވިސާގެ ސައްހަކަން ކަށަވަރު ކުރެވޭނެ. އަދި ސައްހަ ނޫން ގޮތުގައި އެތެރެވެފައިވާ ކަން ކަށަވަރުވާ ހާލަތުގައި އެ މީހެއްގެ ވިސާ ބާތިލު ވެސް ކުރެވޭނެ." އިމިގްރޭޝަނުން ބުނެ އެވެ.
ބިޒްނަސް ވިސާ ދޫކުރާނީ އެ ވިސާއަށް އެދި ހުށަހަޅާ ފަރާތަކަށް ކޮންމެ މީލާދީ އަހަރެއްގެ ތެރޭގައި، 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. އަދި ވިސާގެ މުއްދަތު އިތުރު ކުރާނީ އެއް އަހަރުގެ ތެރެއިން 90 ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތަކަށް، ކޮންމެ ފަހަރަކު 30 ދުވަހަށެވެ.
ގަވާއިދާ ހިލާފުވެގެން ބިޒްނަސް ވިސާ ބާތިލުކުރާ މީހުންނަށް އަލުން އެ ވިސާއަށް އެދި ހުށަހެޅެނީ ފަސް އަހަރު ފަހުންނެވެ. އަދި ވިސާ ބާތިލުކުރާ ފަހުން ނުވަތަ މުއްދަތު ހަމަވާ ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓްކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެން ވެއެވެ.
ބިޒްނަސް ވިސާއަކީ ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ނޫން އެހެން ބިދޭސީންނަށް ދޫކުރާ ވިސާއެކެވެ. މި ވިސާގައި ރާއްޖޭގައި އުޅެވޭނީ ކޮންމަ މީލާދީ އަހަރެއްގެ ތެރޭގައި ގިނަވެގެން ތިން މަސް ދުވަހަށެވެ.